މިޑްލްސްބަރާ ބަލިކޮށް ހަލް ސިޓީ ޕްރިމިއާ ލީގަށް

އިނގިރޭސި ޗެމްޕިއަންޝިޕްގެ ޕްރޮމޯޝަން ޕްލޭއޮފް ފައިނަލް މެޗުގައި މިޑްލްސްބަރާ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ހަލް ސިޓީ އިން ޕްރިމިއާ ލީގުގެ ޖާގައެއް ހޯދައިފި އެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި އަށްޑިހަ ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގެ ފަސްވަނަ މިނިޓުގައި އޮލީ މެކްބަރނީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުގެ ކުރިން ސެމީ ފައިނަލުގައި މިޑްލްސްބަރާ އާއި ސައުތެމްޓަން އާއި ދެމެދެ ކުޅުނު މެޗުގައި 'ސްޕައި' ކުރި ކަމުގެ މައްސަލައިގައި ސައުތެމްޓަން އަށް ފައިނަލުގެ ޖާގަ ވަނީ ގެއްލިފަ އެވެ. އަދި އެ މައްސަލަ ސައުތެމްޓަން އިން އެޕީލް ކުރި ނަމަވެސް އެކަން ވަނީ ބަލައިނުގަނެ ފައިނަލުގެ ފުރުސަތު މިޑްލްސްބަރާ އަށް ދީފަ އެވެ.
ދުނިޔޭގައި ކުޅެވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މެޗުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މި މެޗުން މޮޅުވާ ޓީމަކަށް އާމްދަނީގެ ގޮތުގައި 250 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ އެވެ. އެއީ ޓީވީ ރައިޓްސް އާއި ފައިސާގެ އިނާމުގެ އިތުރުން ޕްރިމިއާ ލީގުގެ ބޯނަސް އާއި ބެޓިން ފައިސާގެ އިތުރުން ކޮމާޝަލް ބޯނަސް ހިމެނޭތީ އެވެ.
ހަލް ސިޓީ އިން ޕްރިމިއާ ލީގުގެ ޖާގައެއް ހޯދާފައިވާއިރު ކުރިއަށް އޮތް ސީޒަނުގައި ހަލް ސިޓީ އަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގަށް ހަލް ސިޓީ އަލުން ޕްރޮމޯޓް ވެފައިވާއިރު އެ ޓީމު އެންމެ ފަހުން ޕްރިމިއާ ލީގުގައި ވާދަކޮށްފައިވަނީ 17/2016 ވަނަ އަހަރުގެ ސީޒަނުގަ އެވެ.
ކުރިއަށް އޮތް ސީޒަނުގައި ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓް ވެފައިވަނީ ހަލް ސިޓީގެ އިތުރުން ކޮވެންޓްރީ ސިޓީ އާއި އިޕްސްވިޗް ޓައުން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ