ގަދަ ވަޔާއެކު މާފަންނު ޕޮލިސް ސްޓޭޝަންގެ ކުޑަދޮރެއް މަގުމައްޗަށް ވެއްޓިއްޖެ

މިހާރު ކުރަމުންދާ ވިއްސާރައިގައި މާފަންނު ޕޮލިސް ސްޓޭޝަންގެ ކުޑަ ދޮރެއް މަގުމައްޗަށް ވެއްޓި ތަޅައިގެން ގޮސްފިއެވެ. މީޑިއާ އާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ގަދަ ވައިގެ ސަބަބުން އެ އިދާރާގެ ދެވަނަ ފަންގިފިލާގެ ކުޑަދޮރު ވެއްޓުނީ މިއަދު ހެނދުނު 11:57 ހާއިރެވެ. މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އެ މެސެޖުގައިވެއެވެ. މި ހާދިސާގައި އާންމުންގެ އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި، ޕާކުކޮށްފައި ހުރި އެއްވެސް އުޅަނދަކަށް ގެއްލުމެއް ނުލިބޭ ކަމަށް، "ސަން"އިން ސުވާލުކުރުމުން ފުލުހުން ބުންޏެވެ. މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ކުޑަދޮރު ވެއްޓުނު ސަރަހައްދުގައި ފުލުހަކު ހަރަކާތްތެރިވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. ފާހަގަކުރެވޭ ގޮތުގައި، ރާއްޖެއަށް މިހާރު ކުރާ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން، ހުޅުމާލޭގެ ބައެއް ގަސްތައް ވަނީ ވެއްޓިފައެވެ. އެގޮތުން ގިނަ ލަގްޒަރީ ފްލެޓުތަކެއް ހުންނަ، ހުޅުމާލޭގެ ފިތުރޯނު މަގުގެ އެއް ފަރާތުގައި ހުރި ބައެއް ބިޔަ ފިތުރޯނު ގަސްތައް މުލުން ލުހިގެން ވެއްޓިފައި ވާއިރު، ބައެއް ގަސްތަކުގެ ބޮޑެތި އޮފިތައް ވެސް ވެއްޓިފައި ވެއެވެ. އެހެންވެ އެ ސަރަހައްދުގައި ހުރި ބައެއް އުޅަނދުފަހަރަށް ވެސް ގެއްލުން ވިއެވެ. ހުޅަނގު މޫސުމުގެ އަށްވަނަ ނަކަތް ކަމަށްވާ "ފުސް" ނަކަތް ކުރިއަށްދާނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 15އިން 28އަށެވެ. މި ނަކަތުގައި އާއްމު ގޮތެއްގައި ވައިގަދަވެ, ވިއްސާރަ ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ