އިނގިރޭސިވިލާތުގެ ދަތުރުފުޅަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސް މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ވީކިހިނެއް؟ - ރައީސް އިނގިރޭސިވިލާތަށް ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހު އެވެ. ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމާލައްވައި އެނބުރި މާލެ ވަޑައިގަތުމުން ރައީސް އޮފީހުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެ މަނިކުފާނު ހުންނެވި ފޮޓޯތައް ޕޯސްޓްކޮށްފަ އެވެ.
ރައީސް އޮފީހުން ޕޯސްޓްކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެން ތިއްބެވީ:
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް
ކެބިނެޓުގެ ބައެއް ވަޒީރުން
ރައީސް އޮފީހުގެ ބައެއް މިނިސްޓަރުން
ތަފްސީލް - ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަތީ ފަންތީގެ ގިނަ ބަައްދަލުވުންތަކެއް ބޭއްވި އެވެ. އެގޮތުން:
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއާ ރައީސް މުއިއްޒު ވަކިން 'ޕްރައިވެޓް އޯޑިއެންސް' ލެވެލްގައި ބައްދަލުކުރައްވާފައި
އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް ސެކްރެޓަރީ ޑޭވިޑް ލެމީއާ ބައްދަލުކުރެއްވި
އިނގިރޭސިވިލާތުގެ ޕާލިއަމެންޓްގެ ތިރިގެ، ހައުސް އޮފް ކޮމަންސްގެ ރައީސް ލިންޑްސޭ ހައުލްއާ ބައްދަލުކުރެއްވި
އިނގިރޭސިވިލާތުގައި ބިޒްނަސް ފޯރަމެއް ބާއްވައި އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު އެރުވުމުގެ ގޮތުން ރައީސް ތަގުރީރުކުރެއްވި
އެނގުން މުހިއްމު - އިނގިރޭސިންގެ ކިބައިން ރާއްޖެ މިނިވަންވުމާ އެކުއެކީގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމުކުރިތާ މި މަހުގެ 26 ވަނަ ދުވަހު 60 އަހަރު ފުރޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ