ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ފަށައިފި؛ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން އެފްޑީސީއަށް

މިދިޔަ ސަރުކާރުގައި އިއުލާންކުރި ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓު ހަވާލުކުރުމަށްޓަކައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އެންމެހާ ކަންތައްތައް، އެ ފުލެޓުތައް ތަރައްގީކުރި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހައުސިން މިނިސްޓްރީން ހަވާލުކޮށްފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ފުލެޓު ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް، ފުލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފުލެޓު ލިބުނު މީހުން މައުލޫމާތު އެފްޑީސީއާ ހިއްސާކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައިވާ ކަމަށެވެ. އެގޮތުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ފުލެޓްތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ފުލެޓް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ކުރިއަށް ގެންދާނީ ވެސް އެފްޑީސީއިން ކަމަށް މިނިސްޓްރީން ބުންޏެވެ. އެފްޑީސީން އަޅާ ފުލެޓުތައް -- ސަން ފޮޓޯ/ މާނިއު މުހައްމަދު މީގެ އިތުރުން، އެއްބަސްވުމުގައި ސޮއިކުރުމަށް އެފްޑީސީއަށް ފޮނުވާ މީހުންނަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެކަން އަންގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތަށް ޕޯޓަލްއިން ނާންގާ މީހުންނަށް މިނިސްޓްރީއިން ނުވަތަ އެފްޑީސީއިން ނުގުޅާނެކަމާއި، އެފަދަ ފޯނު ކޯލުތަކާއި އެސްއެމްއެސްތަކަށް ހުރިހާ ރައްޔިތުން ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު ހަތަރެއް، 2023ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ. އެހެންނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށެވެ. އެއަށްފަހު މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1،820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ. ގެދޮރުވެރިޔާގެ ސްކީމުން ދޫކުރާ ފުލެޓެއް -- އޭގެ ސަބަބަން، ފުލެޓް ކުރިން ލިބިފައި ތިބި މީހުންނަށް ފުލެޓް ލިބުމުގެ ފުރުސަތު ގެއްލުނު ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ. އެ މައްސަލައިގައި ފުލެޓް ގެއްލުނު މީހުންނަށް ބަދަލު ހޯދަން ކޯޓަށް ދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ފުލެޓު ލިސްޓާ ގުޅޭ ގޮތުން ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ އޮފިޝަލުން ވަނީ ފްލެޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވާފައެވެ. އަދި 4،000 ފުލެޓު ނުދެވި ލަސްވަނީ އެ މަސައްކަތް ނުނިމޭތީ ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް މިިސްޓަރު މުއްތަލިބު ވަނީ މިފަހުން އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ