ބޮޑުވި ފެން ބިލުތައް ދައްކަން ޖެހޭނީ އެފްޑީސީން: މަތީން

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެޅި 4،000 ފުލެޓްގެ ތެރެއިން މީގެ މަހެއްހާ ދުވަސްކުރިން މީހުން ދިރިއުޅެން ފެށި "އަމާން އުދަރެސް"ގެ ބައެއް ފުލެޓްތަކުގައި އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ފެން ބިލުތަކަކީ އެފްޑީސީން ދައްކަންޖެހޭ ބިލުތަކެއް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެ ފުލެޓްތައް ލިބި، މިހާރު އެ ތަންތަނުގައި ދިރިއުޅޭ ބައެއް އާންމު ރައްޔިތުން ހިއްސާކޮށްފައިވާ ގޮތުގައި، ބައެއް އެޕާޓްމަންޓުތަކުގެ ބިލު 7،000 ރުފިޔާއަށްވުރެ ވެސް ވަނީ ބޮޑުވެފައެވެ. އަދި ބައެއް އެޕާޓްމަންޓުތަކުގައި 4،000 ރުފިޔާއަށްވުރެ ވެސް ބިލު ބޮޑުވެފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އެ މައްސަލައާ ގުޅޭގޮތުން 'ސަން' އާ ވާހަކަދައްކަވަމުން މަތީން ވިދާޅުވީ އެ ފުލެޓުތަކުގައި ހުރި ފެން މީޓަރުތައް އަދި ހުރީ އެފްޑީސީގެ ނަމުގައި ކަމަށެވެ. ފެން ބިލުތަކަށް އެހާ ބޮޑެތި އަގުތަކެއް މިހާރު އަރާފައި އެވަނީ އެޕާޓްމަންޓުތަކަށް ފެން ލިބޭތޯ ޓެސްޓުކުރުމާއި، ކޮމިޝަން ކުރުމުގެ މަސައްކަތަށް ފެން ބޭނުންކުރި މިންވަރާއެކު އަރާފައިވާ ވަރު ކަމަށް މަތީން ވިދާޅުވިއެވެ. އެހެންކަމުން އެއީ އެފްޑީސީން ދައްކަން ޖެހޭނެ ބިލުތަކެއް ކަމަށް މަތީން ވިދާޅުވިއެވެ. މަތީން ވިދާޅުވީ އެފްޑީސީން ބިލުތައް ކްލިއާ ކުރާހާ އަވަހަކަށް ފުލެޓުތަކުގެ ވެރިންގެ ނަން މައްޗަށް މިޓަރުތައް ބަދަލުކުރާނެ ކަމަށެވެ. https://sun.mv/215066 އެހެންވުމުން ފުލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އެ ބިލުތައް ދައްކާކަށް ނުޖެހޭނެ ކަމަށް މަތީން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާ މީހުން، އެމްޑަބްލިއުއެސްސީއަށް ގުޅުމަށް މަތީން ވަނީ އެދިވަޑައިގެންފައެވެ. މި ކަމާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މީގެ ކުރިން ވިދާޅުވީ، ފެން ބިލު ބޮޑުވެގެން ޝަކުވާއެއް ހުށަހަޅައިފައި އޮތްތޯ ބައްލަވާނެ ކަމަށެވެ. މިހާރު ދިރިއުޅެމުން އަންނަނީ އެފްޑީސީގެ އަމާން އުދަރެސް ފްލެޓްތަކުގެ 14ވަނަ ޓަވަރުގައެވެ. ފްލެޓްތަކުގެ ކުލި ދައްކަން ފަށަަން ޖެހޭނީ ތިން މަސް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ