އިރުމަތި ފަރާތުގައި އިމާރާތްކުރަމުންދާ މިސްކިތް އަންނަ އަހަރުތެރޭގައި ހުޅުވޭނެ

އަމިއްލަ ފަރާތްތަކުން ކުޅުދުއްފުށީ އިރުމަތި ފަރާތުގައި ބިނާކުރަމުން އަންނަ މިސްކިތް، އަންނަ އަހަރުތެރޭގައި ހުޅުވޭވަރުވާނެކަމަށް އެ މިސްކިތް އިމާރާތްކުރަމުންދާ ފަރާތުން މައުލޫމާތުދީފައިވާކަމަށް މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ.
800 މީހުންގެ ޖާގައިގެ އެ މިސްކިތަކީ ދެ ބުރިއަށް ބިނާކުރާ މިސްކިތެކެވެ. އެ މިސްކިތުގެ ބިންގާ އެޅީ އޯގަސްޓްމަހުގެ 24 ވަނަ ދުވަހު އެވެ.
'ގަދަލުން ޕާރކް' ހުޅުވުމަށް ބުރާސްފަތިދުވަހު ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ހެޔޮ އެދޭ ފަރާތްތަކުން އިރުމަތި ފަރާތުގައި ބިނާކުރަމުން އަންނަ މިސްކިތުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރަމުންދާ ކަމަށާއި އަންނަ އަހަރުތެރޭގައި އެ މިސްކިތް ހުޅުވޭވަރުވާނެކަމަށް އެފަރާތުން މައުލޫމާތުދީފައިވާ ކަމަށެވެ.
މިސްކިތެއް ބިނާ ކުރާނެ ފަރާތެއް ލިބުމާއެކު ސިޓީ ކައުންސިލުން އެންމެ ފުރަތަމަވެސް ނިންމީ އިރުމަތި ފަރާތުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން އެ ސަރަހައްދުގައި މިސްކިތް ބިނާކުރުމަށެވެ. މިހާރު އެ ސަރަހައްދުގައި މިސްކިތެއް ނެތުމުގެ ސަބަބުން ނަމާދަށް ދާން ޖެހެނީ ވަރަށް ދުރަށެވެ.
މިހާރު އެ ސަރަހައްދުގައި ބިނާކުރާ މިސްކިތާއެކު އެ ސަރަހައްދުގެ ރައްޔިތުންނަށް ނަމާދަށް ދިޔުމުގެ ލުއިފަސޭހަވާނޭކަން މޭޔަރު ފާހަގަކުރެއްވި އެވެ.
ހެޔޮއެދޭ ފަރާތެއް އެހީގައި އިތުރު މިސްކިތެއް ބިނާކުރާނެ ފަރާތެއްވެސް ލިބިފައިވާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، އެ މިސްކިތް ބިނާކުރަން ނިންމާފައިވާ ބަންޑާރަހިޔާ ރޯހައުސްތައް ކައިރީގަ ކަމަށެވެ. އެއީވެސް މިސްކިތް މަދު ސަރަހައްދެއްކަން ފާހަގަކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ