ވިލިމާލޭގައި މާލޭ ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓަކަށް، މާލޭގެ މޭޔަރު އާދަމް އާޒިމްގެ ކޮއްކޮއަކަށް އެ ރަށުން ބިމެއް ދީ، ޕްރޮޖެކްޓް ހަވާލުކުރި ކަމަށް ބުނާ މައްސަލައެއް ސިޓީ ކައުންސިލްގެ މޭޒަށް މިއަދު ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - ވިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީ މޭޔަރު އާޒިމަށް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައިވަނީ އަންނަ ބުދަ ދުވަހު ބާއްވާ ސިޓީ ކައުންސިލްގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކުރުމަށެވެ.
ތަފްސީލް - ނަހުލާގެ ސިޓީގައި ތުހުމަތުކުރައްވާފައިވާ ގޮތުގައި، ވިލިމާލޭގައި 'ވިމެންސް މާކެޓް އެންޑް އައުޓްޑޯ ފުޑް ކިއޮކްސް'ގެ ޕްރޮޖެކްޓަކަށް މޭޔަރުގެ ކޮއްކޮގެ ކުންފުންޏަކާ އެކު އެގުރިމަންޓް ހަދާފައިވަނީ ޕްރޮޖެކްޓް ބިޑްކޮށްގެން ކާމިޔާބުކުރި ފަރާތާ އެކު ވެސް އެގުރިމަންޓެއް ހަދާފައިވަނިކޮށެވެ. އެ ގޮތުން:
ބިޑް ކާމިޔާބުކުރި ފަރާތަކީ ބިޒްނަސް ޕްރައިވެޓް ލިމިޓެޑް
ބިޑްގައި ބައިވެރިނުވި ނަމަވެސް އެގްރިމެންޓެއް ހަދާފައިވާ ފަރާތަކީ ވިނޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް؛ އެއީ އާޒިމްގެ ކޮއްކޮ މުހައްމަދު ވިޝާމްގެ ކުންފުންޏެއް
މިއީ މިދިޔަ މަހު ސިޓީ ކައުންސިލުން އާންމުކޮށްފައިވާ މާލެ ސަރަހައްދުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ލިސްޓުގައި މިއިން މައުލޫމާތެއް ހިމަނާފައިނުވާކަން ވެސް ނަހުލާ ފާހަގަކުރެއްވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި ފަހުން ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި ވެސް ނަހުލާ މި ކަންކަން ފާހަގަކުރައްވައި މޭޔަރު އާޒިމާއި އޭނާއާ ދެމެދު ބޮޑު ޒުވާބެއް ހިނގި އެވެ. ޖަލްސާ ހޫނުވެ، ނަހުލާ ވަނީ އެގުރިމަންޓްތަކެއްގެ ކަރުދާސް ވީދާލައިފަ އެވެ. އަދި ސިޓީ ކައުންސިލުން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފަ އެވެ.
އުސޫލުތަކުގެ ބޭރުން ދޫކޮށްފައިވާ ބިންތަކުގެ ގޮތުގައި ތުހުމަތުކުރަނީ:
އަންހެނުންގެ ވިޔަފާރިތަކަށް ހާއްސަ މާރުކޭޓު އަޅަން ވިލިމާލޭން ވިޝާމްގެ 'ވިނޯވާ މޯލްޑިވްސ'ް ކުންފުންޏަށް ދޫކޮށްފައިވާ ބިމެއް؛ މި ބިން ދޫކޮށްފައިވަނީ މިއަަހަރު ތެރޭ ބިޑަކާ ނުލައި ކަމަށް ނަހުލާ ތުހުމަތުކުރައްވާ
މި ބިމުގެ ބަދަލުގައި ވިލިމާލެ އިރުމަތީ ފަރާތު ބީޗުން 6000 އަކަފޫޓުގެ ބިމެއް ހިލޭ ދީފައިވާ ކަމަށް ތުހުމަތުކުރި
ވިލިމާލޭ ސިނާއީ ސަރަހައްދުން ބަގީ ބެހެއްޓުމަށް އާޒިމްގެ އާއިލީ ކުންފުންޏަކަށް ދޫކޮށްފައިވާ 1117 އަކަފޫޓުގެ ބިމަކަށް ކުލި ނުދައްކާ އޮންނަ ކަމަށް ތުހުމަތުކުރި؛ ބަގީ އެއްބަސްވުން މިހާރު އޮތީ ބާތިލުކޮށްފައި ކަމަށް
ކާނިވާ ސަރަހައްދުން 2530 އަކަފޫޓުގެ ބިމެއް ހިލޭ ދޫކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ކުރެވޭ؛ މި ބިން ދޫކޮށްފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އާއިލީ ކުންފުންޏެއް ކަމަށްވާ 'ވަސްމީރު ހޯލްޑިން'އަށް
މި ތުހުމަތުތައް އާޒިމް ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވަނީ އޭނާގެ މޭޔަރު ކަމުގައި ދޭން ނިންމި ބިމެއް ނޯންނާނެ ކަމަށެވެ.
މޭޔަރު އާޒިމްގެ ކޮއްކޮއަކަށް ވިލިމާލޭ ބިމެއް ދިން ކަމަށް ބުނާ މައްސަލައެއް އެޖެންޑާކުރަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ