ވެލެންސިއާ ބަލިކޮށް ރެއާލަަށް އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ވެލެންސިއާ ބަލިކޮށް ރެއާލަަށް އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް

މެޑްރިޑް (ނޮވެމްބަރު 2) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން 4-0 އިން ވެލެންސިއާ ބަލިކޮށް ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ރެއާލަށް ވަނީ 11 މެޗުން 30 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ވިޔަރެއާލަށް 11 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން ރޭ ވަނީ ރަޔޯ ވަޔެކާނޯ އަތުން 4-0 އިން މޮޅުވެފަ އެވެ.
ބާސެލޯނާ ތިން ވަނައިގައި އޮތީ 10 މެޗުން 22 ޕޮއިންޓާ އެކު އެވެ. ލީގުގައި މިރޭ ބާސެލޯނާ އިން އެލްޗޭ ބަލިކޮށްފިނަމަ. ރެއާލްގެ ލީޑު ފަސް ޕޮއިންޓަށް ކުޑަވާނެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ރެއާލުން ރޭގެ މެޗުގެ 19 ވަނަ މިނިޓްގައި ލީޑުނެގީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ކީލިއަން އެމްބާޕޭ ޖެހި ޕެނަލްޓީންނެވެ. އަދި، 31 ވަނަ މިނިޓްގައި އާޑާ ގުލެއާ ދިން ބޯޅައަކުން އެމްބާޕޭ ދެ ވަނަ ލަނޑު ޖެހިއިރު، އޭގެ ތިން މިނިޓް ފަހުން، ރެއާލަށް ލިބުނު ޕެނަލްޓީ އަކުން ވިނީޝިއުސް ޖޫނިއާ ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު، ޖުލެން އަގިރެއްޒަބަލާ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، ރެއާލުން ތިން ވަނަ ލަނޑެއް ޖެހި އެވެ. މިއީ، މެޗުގެ 44 ވަނަ މިނިޓްގައި ޖޫޑް ބެލިންހަމް ޖެހި ގޯލެކެވެ. އަނިޔާއިން ރަނގަޅުވެ، ކުޅުމަށް އެނބުރި އައިސް ބެލިންހަމް އަންނަނީ ކުރީގެ ކުޅުން ތަކުރާރުކުރުމަށް ރަނގަޅު މަސައްކަތްތަކެއްކޮށް، ނަތީޖާ ދައްކަމުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް، ރެއާލްގެ ހަތަރު ވަނަ ލަނޑު ޖެހީ ފުލްބެކް، އަލްވާރޯ ކަރޭރާސް އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މިއީ، އެންމެ ފަހުން ރެއާލުން ކުޅުނު 11 މެޗުގެ ތެެރެއިން މޮޅުވި، 10 ވަނަ މެޗެވެ. ރެއާލުން ދެން އެންމެ އަވަހަށް ކުޅޭނީ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ