އެލީގެ 'ކަރުދާހުގެ ކަނޑުއަޑި' ރީތިތަ؟

'ކަރުދާހުން ކަނޑު އަޑި ބައި އެލީޝާ' މި ނަމުގައި ލެކިއުޓުން މިދިޔަ އޮގަސްޓްމަހު ބޭއްވި އެގްޒިބިޝަނެއް ހަނދާނަށް އާދޭ ހެއްޔެވެ؟ ކަރުދާހުން ކަނޑު އަޑި ކަނޑާ ނެގި ދިވެހި ޒުވާނަކީ އެލީޝާ އަބުދުލް ހަންނާން (އެލީ) އެވެ.
އެލީގެ މި ހުނަރަކީ 2015 ވަނަ އަހަރު އޭނާ ހޮބީއެއްގެ ގޮތުން ފެށި ކަމެކެވެ.
އާއިލާއާއި އެކު ލަންކާގައި އުޅެން ޖެހިފައިވާ މި ދަނޑިވަޅުގައި އެލީ ބުނީ ކަރުދާހުން ކަނޑާ ނަގަން ފެށީ ގޭގައި ހުރެގެން ކުރެވިދާނެ މަސައްކަތެއް ކުރުމުގެ ނިޔަތުގައި ކަމަށެވެ. އެއްގޮތަކަށް އެގްޒިބިޝަނަކަށް އަމާޒު ހިފައިގެން ނުވަތަ އެ ކުރެހުންތައް ފުޅާ ދާއިރާއެއްގައި ވިކޭނެ ކަމުގެ ޔަގީންކަމެއް އޮވެގެނެއް ނޫނެވެ.
"އަބަދުވެސް ވަރަށް ކަވި މަސައްކަތް ކުރާހިތްވޭ، ކުޑައިރުއްސުރެ ފެނޭ ބޮޑުބޭބެމެން ގޭގައި ބިލްބޯޑު، ސައިންބޯޑު އަދި އޭރު ގަލޮޅު ދަނޑުގައި ހުންނަ ބޮޑެތި ބޯޑުތައް ހަދާތަން. ވަރަށް ގިނައިން އިންނަން ބޭބެމެން މަސައްކަތް ކުރާތަން ބަލަން. ބައެއް ފަހަރު ސްޓެންސިލް ކަފާވެސް ހަދަން ކަޓަރުން، އެއީ ކަންނޭގެ އަސްލު މިކަހަލަ ކަންކަމަށް ހިތްޖެހުނު ގޮތަކީ" އެލީ ބުންޏެވެ.
ބޮޑަށް ޑިޖިޓަލްކޮށް މިފަދަ ކުރެހުންތައް ހަދާހިތްވާ އެލީ އަކީ އަބަދުވެސް އާޓާއި ގުޅޭ ކަންކަމަށް ޝައުގުވެރިވާ ޒުވާން ހީވާގި ކަނބަލެކެވެ.
ކަރުދާހުން މަންޒަރުތައް ކަނޑާ ނެގުމުގެ މަސައްކަތް ފެށުނުގޮތް ކިޔައިދެމުން އެލީ ބުނީ "ގޭގަ ހުރެގެން ކަރުދާހުން އެއްޗެހި ހެދޭނެ ގޮތްގޮތް ވިސްނާ ވަރަށް ދިރާސާ ކުރިން، ދެން އެ ކަމަށް ހާއްސަ ކަޓަރަކާއި އެކި ބޯމިނުގެ ކަރުދާސްތައް ހޯދާ، މަޑު މަޑުން ކުދި ކުދި އެއްޗެހި ކަފަން ފެށީ" ކަމަށެވެ.
މެލޭޝިއާގެ ޓެއިލާސް ޔުނިވަސިޓީން އިންޓަނޭޝަނަލް ޓޫރިޒަމްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލްކޮށް ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތައް އަދާކުރި ނަމަވެސް އެލީގެ ޝައުގުވެރިކަން މިވަނީ މުޅިން އެހެންދިމާއަކަށް ހުއްޓިފައެވެ. އެލީގެ އުންމީދަކީ މި މަސައްކަތް ބައިނަލްއަގްވާމީ ފެންވަރުގައި ކުރުމެވެ. ލެކިއުޓުން އެލީގެ ކެފުންތައް ދައްކާލުމަށް ބޭއްވި ހާއްސަ މައުރަޒަށްފަހު އެލީ އަށް އަންނަނީ ބައެއް ރިސޯޓުތަކުން އޮފާތަށް ލިބެމުންނެވެ.
"އިންސްޓަރގްރާމް އެކައުންޓެއް ހުޅުވާފަދެން މިކަންތައް ކުރެވޭތޯ ބެލީ، އެލީއަށް އިސްލާމިކް ޖޮއިމެޓްރީއާއި ޕެޓާންސް ވަރަށް ޖަމުދޭ، ފުރަތަމަ ވިއްކަން ހެދީވެސް މިކަހަލަ އެއްޗެއް، އިންސްޕިރޭޝަނަކަށްވީ އިންޑިއާގެ ޖައިޕޫރުގައި އެހުންނަ ޖާލި ދޮރު ދެން މަޑުމަޑުން އޯޑަރތައް ލިބެންފެށި" މިއީ އެލީގެ މައުރަޒަށް ތައްޔާރުވުމުގެ ކުރީގެ ވާހަކައެވެ.
2015 ގައި މި ކަމަށް ފައްކާވަމުން އަންނަނިކޮށް 2016 ގައި އެލީގެ އަލަތު ދަރިފުޅު ލިބުމާއެކު އަނެއްކާވެސް ކެފުމުގެ މަސައްކަތައް މަޑުޖެހިލިއެވެ. އެހެންނަމަވެސް އެހީ އަށް ވަގުތުވީ ވަރަކުން އެކަމައިގެން ކުރިޔަށްދިޔައީއެވެ. އެހެންކަމުން އެލީއަށް ލިބެމުންދިޔަ އޯޑަރުތަކަށް އެލީގެ ކަފާ ނަގާ މަންޒަރުތައް ވިކެމުން އައި ނަމަވެސް އާމްދަނީ ހޯދުމުގެ ގޮތުން މިކަން ފުޅާ ކުރެވޭ މިންވަރަށް އެލީއަށް މަސައްކަތެއް ނުކުރެވެ. ވަގުތުވެސް ނެތުމާއެކުއެވެ.
އާއިލީ ޒިންމާތަށްވެސް އެހާމެ ގިނަ އެލީ އަކީ ދިވެހި ފިލްމީ އިންޑަސްޓްރީގައި ނަވާރަސަތޭކަގެ އަހަރުތަކުގައި ވިދާލި މޭކަޕް އާޓިސްޓް ފީރޯޒް އައިސްތު އާއި އޭރުވެސް މިހާރުވެސް ދިވެހިންގެ މެދުގައި އަޑު ފަނޑުވުމެއްނެތް ލެޖެންޑަރީ ލަވަކިއުންތެރިޔާ އަބްދުލް ހަންނާނު މޫސާދީދީގެ ކަންކަމުގައިވެސް އެހީވަމުން އަންނަ އެކަކީ އެލީއެވެ.
އެދެމީހުންނަކީ އެލީގެ މައިންބަފައިންނެވެ. އެލީގެ މައިންބަފައިންނާއި ފިރިމީހާ އާއި 2 އަހަރުގެ ތުއްތު ދަރިފުޅާއި އާއިލާގެ އެހެނިހެން މެންބަރުންނާއެކު މިވަގުތު ދިރިއުޅެމުން އަންނަނީ ސްރީލަންކާގައެވެ.
އެލީ އެންމެ އުފާވީ މާލޭގައި ހުންނަ އައިލެންޑް ބާޒާރު ފިހާރައިން އޭނާގެ އުފެއްދުންތައް ގަތުމަށް އޯޑަރަށް ކަރުދާހުން ކަނޑާނަގާފައިވާ މަންޒަރުތަކެއް ހަދައިދިނުމަށް އެދުމުންނެވެ.
"އެފަހަރު އެމީހުންނަށް ހަދައިދިނީ ދިވެހިންގެ ކަނޑުމަހާއި އިސްލާމިކް ޖިއޮމެޓްރީގެ ބައެއް އެއްޗެހި، ވަރަށް އުފާވި، އެއީ އައިލެންޑް ބާޒާރަކީ ރާއްޖޭގެ އެންމެ މަޝްހޫރު ދިވެހި އުފެއްދުން ތެރިންގެ އުފެއްދުންތައް ލިބެން ހުރި ތަނޭ ބުނެވޭނީ" އެލީ ބުންޏެވެ. މީގެ އިތުރުން އޭނާގެ ކަނޑުއަޑީގެ މަންޒަރުތައް އޮގަސްޓްމަހުގެ ކުރީކޮޅު މާލޭގައި ބޭއްވި އެގްޒިބިޝަނުގައިވެސް ވިކުނެވެ. އެލީ ބުނީ އެންމެ އަގު ބޮޑުކޮށް ވިކުނީ 2،500 އަށް
މިހާރު އެލީގެ ޓާގެޓަކީ ރާއްޖެއަންނަ ފަތުރުވެރިންނަށް އޭނާގެ ކުރެހުންތައް ވިއްކުމެވެ. އެލީ ބުނީ ބައެއް ރިސޯޓްތަކުން މަދުމަދުން މިހާރު އޯޑަރު ލިބެމުން އަންނަ ކަމަށާއި، ފުޅާ ދާއިރާއެއްގައި މިކަން ކުރެވޭނަމަ މިކަމައިގެން ކުރިޔަށްދާން ނުހަނު ބޭނުންވާ ކަމަށެވެ.
ލެކިއުޓުން ހޯސްޓް ކުރި އެކްޒިބިޝަނުގައި ބައިވެރިވެވުނީ ކިހިނެތް؟
"އެގްޒިބިޝަންގެ ފުރުސަތު ލިބުނީ 2017 ވަނަ އަހަރު މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމް.އޭ.ސީ) ގެ މެމްބަރަކަށްވުމުން ދިން ފުރުސަތެއް، އެމް.އޭ.ސީ އާއި ލެކިއުޓާއި ގުޅިގެން ބާއްވާކަމެއްމީ، މަހަކު ދެ އާޓިސްޓުންނަށް ފުރުސަރު ދެނީ، އެލީއަށް ފުރުސަތު ލިބުނީ އެލީ އެ ކޮމިއުނިޓީގައި ރަޖިސްޓްރީ ކުރީމަ،ޖުލައި 2018 އަށް ފުރުސަތު ލިބުނީ، ދިމާވި ކަމަކާ ގުޅިގެން ލަސްވީ ތައްޔާރުވެވުނުލެއް" އެލީ ކިޔައިދިނެވެ.
އެލީގެ ކުރެހުންތަކަށް ހާއްސަ ފޭސްބުކް ޕޭޖަށް ބަލާލުމުން އޭނާގެ ކުރެހުންތަކުގެ ފެންވަރު ފާހަގަ ކުރެވޭނެއެވެ. ކަނޑު އަޑީގެ ދިރުންތަކަށް ލޯބި ކުރާ މީހެއްނަމަ އެލީގެ ކަރުދާހުގެ ކަނޑު އަޑި ވަރަށް ކަމުދިޔަ ކަމަށް ބެލެވެއެވެ.
އެގްޒިބިޝަނަށް ތައްޔާރުވާ ވިސްނާ ވިސްނާ ހަދާނެ އެއްޗަކާމެދު ވިސްނަމުން ގޮސް ރަނގަޅު ހިޔާލެއް ނައި ކަމަށާއި، އެހެންނަމަވެސް "އިންތޯ ބުނީ ކަނޑުއަޑިއާ ބެހޭ އެއްޗެއް ހަދާށޭ، އޭރުންނޭ ދިވެހިން ޝައުގުވެރިވާނީ" އެލީ ބުންޏެވެ.
މިހާތަނަށް އެންމެ އަގުބޮޑުކޮށް ވިކުނު ކެފުން
ކަނޑުއަޑި ކަފާ ނެގުނު ގޮތަކީ އެލީ އަމިއްލަ ދަރިއެއްހެން ގެންގުޅޭ އޭނާގެ ދައްތަގެ ދަރިފުޅު ދިން ހިޔާލެއް ކަމަށް އެލީ ބުންޏެވެ. އެ އެގްޒިބިޝަނަށް އެލީ ހުށަހެޅީ ޖުމްލަ 13 ކެފުމެކެވެ.
"އެއީ އެންމެ ގިނަ ވަގުތުު ހޭދަވި އެއް ކެފުން، އެއީ ކަނޑުގައި އުޅޭ މަޑި، އެއަށްދިޔަ 8 ގަޑިއިރު، އެއީ ގަޑިއިރުގެ މަސައްކަތް، ވަރަށް ހިތްހަމަޖެހުނު އެ ކެފުމާ ދޭތެރޭ" އެލީ ބުންޏެވެ.
އެލީ ބުނީ އޭނާގެ ކުރެހުންތަކަށް ތަރުހީބު ލެބޭ ކަމަށާއި އެހެންނަމަވެސް "ގިނަ މީހުންނަކަށް އަސްލު ނޭންގޭކަންނޭން މި ކޮށްފަ ހުންނަ މަސައްކަތެއް، އެއީ ވަރަށް ގިނަ މީހުން އެލީގެ ކެފުންތައް އަގު ބޮޑު ކަމަށް، ބަލާއިރު ހީވެދާނެ ސިމްޕަލް އެއްކެވޭ، އެކަމު ވަރަށް މަސައްކަތް" ބުނާ ކަމަށެވެ.
"އެގްޒިބިޝަނުން އަސްލު މީހުންނަށް އިނގެންފެށީ، މިހާރު ބައެއް ފަރާތްތަކާއި ވާހަކަ ދައްކަމުން މި އަންނަނީ އެލީގެ މަސައްކަތް ކުރިއަރުވަން، ލަންކާވެސް އެގްޒިބިޓް ކުރެވޭތޯ އެބަ ބަލަން، އެއްޗެއް ކެފުމުގެ ކުރިން ވަރަށް ވިސްނަން ޖެހޭ" އެލީ ބުންޏެވެ.
އެލީ ބުނީ މިހާރު އޭނާ ކަފަމުން އަންނަނީ ހަމައެކަނި ކަނޑުއަޑި ނޫން ކަމަށާއި، މިހާރު ކަފަމުން އަންނަ އެއްޗެހި ވަރަށް ތަފާތުވާނެ ކަމަށެވެ. "އެ ކަފަންބޭނުންވާ އެތި ފުރަތަމަ ކުރަހަނީ، ފައިނަލްވުމުންކަފަންވީ ވަރުދާހަށް އޭތި ޓްރާންސްފާރ ކޮށްފަ މި ކަފަނީ" އެލީގެ މަސައްކަތުގެ ޕްރޮސެސްއަކީ މިއީއެވެ.
އެލީގެ މި ތަފާތު މަސައްކަތަށް ވީމިޑީއާއިން ކާމިޔާބީއަށް އެދެމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ