ރައީސް ނަޝީދު، ޑރ. ޖަމީލަށް: އެޖެންޑާ 19 ފިޔަވައި ޝަރުއީ ނިޒާމް އިސްލާހް ކުރަން ދެން އޮތީ ކޮން ގޮތެއްތޯ؟

ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހް ކުރުމަށް، އެމްޑީޕީން އެކުލަވައިލައިފައިވާ "އެޖެންޑާ 19" ނޫން ދެން އޮތީ ކޮން ގޮތެއްތޯ؟ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސުވާލު ކުރައްވައިފި އެވެ.
ރައީސް ނަޝީދު މިކަމަށް ސުވާލު ކުރައްވާފައިވަނީ، "އެޖެންޑާ 19"ގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމް އިތުރަށް ގޯސްވެގެންދާނެކަމަށް ވިދާޅުވެ ޑރ. ޖަމީލު ދެއްކެވި ވާހަކަތަކަށް ޖަވާބު ދެއްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ޑރ. ޖަމީލު އަރިހުގަ، ވިދާޅުވެދެއްވަބައްލަވާށޭ އެޖެންޑާ 19 ކަމުނުދާކަމަށް ތިޔަ ވިދާޅުވަނީ ޝަރުއީ ނިޒާމް އިސްލާހް ކުރުމުގައި ދެން އޮތް އެހެން އަނެއް ގޮތަކީ ކޮބައިތޯއޭ،" ޑރ. ޖަމީލަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަވަސް ހުކުރު" ޕްރޮގްރާމް"ގައި ވާހަކަދައްކަވަމުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ، ޑރ. ޖަމީލު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމު މިހާރު އޮތް ގޮތް ބަދަލުކުރަން ޖެހޭ ކަމަށާއި ޝަރުއީ ނިޒާމުގައި މައްސަލަތައް ދިމާވެގެން އުޅެނީ ޖޭއެސްސީއާއި ފަނޑިޔާރުންނަށް ނުފޫޒު ވަންނާތީ ކަމަށެވެ.
އަދި ޝަރުއީ ނިޒާމު މިހާރުވެސް ގޯސްއިރު އެމްޑީޕީގެ ފަރާތުން 19 ވަނަ މަޖިލީހަށް ގެންނަން ނިންމާފައިވާ "އެޖެންޑާ 19"ގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމް އިތުރަށް ގޯސްވެގެންދާނެ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
އެމްޑީޕީގެ "އެޖެންޑާ 19"ގައި ބުނާގޮތުން ރެޖިސްޓްރާއަށް ބޮޑެތި ބާރުތަކެއް ދޭ ކަމަށާއި ރެޖިސްޓްރާ ކަނޑައަޅަނީ މަޖިލީހުން ކަމަށް ޖަމީލު ވިދާޅުވިއެވެ.
ޑރ. ޖަމީލުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާ، ނަޝީދު މިއަދު ވިދާޅުވީ، ޝަރުއީ ނިޒާމް އިސްލާހް ކުރުމަށް އެމްޑީޕީން ކަނޑައަޅާފައިވާ ކަންކަމުން އިތުރަށް ވަނީ ގޯސްކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާ ބޭފުޅުން އެއަށްވުރެ ރަނގަޅު ގޮތެއް ވިދާޅުވެ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"ބައެއްބޭފުޅުން އެބަ ވިދާޅުވޭ ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުން ވާނީ ހައްތަހާ ގޯހޭ. އެބޭފުޅުން ވިދާޅުވެ ދެއްވަވާ މިއަށްވުރެ ރަނގަޅު ގޮތެއް،" ރައީސް ނަޝިދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި "އެޖެންޑާ 19"ގައި މައިގަނޑު 19 ގާނޫނީ އޮނިގަނޑެއް ހިިމެނެ އެވެ.
އަދި "އެޖެންޑާ 19"އަކީ ވޭތުވެދިޔަ 12 އަހަރު ތެރޭގައި ދިމާވި ކަންތައްްތަކާއި ފެނުނު ކަންކަމުގެ ތަޖުރިބާއަށް ބަލައި އެކުލަވައިލައިފައިވާ އެޖެންޑާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
އަދި އެމްޑީޕީން "އެޖެންޑާ 19" ފުރިހަމަކޮށްދޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ