ޒެޑް ފެކްޝަނުގެ ހަރަކާތްތައް ހުއްޓުވަން ޑީއާރްޕީން ކޯޓަށް!

ޑީއާރްޕީގެ ދިދައާއި ލޯގޯ ބޭނުންކޮށްގެން "ޒެޑް ފެކްޝަން"ގެ ނަމުގައި ހިންގާ ސިޔާސީ ހަރަކާތްތައް ހުޓުވައިދިނުމަށް އެދި އެޕާޓީން ސިވިލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.
ޑީއާރްޕީގެ މީޑީއާ ކޯޑިނޭޓަރު އަލީ ސޯލިހު ވިދާޅުވީ، މިއަދު ކޯޓަށް މައްސަލަ ވެއްދީ ކައުންސިލްގެ ހުއްދަ ނުހޯދައި، ޕާޓީ ލޯގޯ ބޭނުންކޮށް، އަދި ޕާޓީގެ ނަމުގައި ހިންގާ "ސިޔާސީ ހަރަކާތްތައް" ހުއްޓުވުމަށް ކަމަށެވެ.
ސިޔާސީ ހަރަކާތްތައް ނިސްބަތް ކުރަނީ ޒެޑް ފެކްޝަނަށްތޯ ސުވާލު ދެންނެވުމުން ސޯލިހު ވިދާޅުވީ، "ޒެޑް ފެކްޝަނަކީ ކޯއްޗެއް ކަމެއް އަޅުގަނޑުމެންނަށް ނޭނގޭ" ކަމަށެވެ.
ސޯލިހު ވިދާޅުވީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ހެންވޭރު ބޮޑުތަކުރުފާންމަގުގައި ހުންނަ ހ. ކެމްޕަސްވިލާގައި ހަދައިފައި ހުރި ޖަގަހަ އާއި އުމަރު ނަސީރުގެ ވޭލް ސަބްމެރިން އޮފީހުގައި ހިންގާ ސިޔާސީ ހަރަކާތްތައް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ދައުވާ ކުރަނީ އުމަރު ނަސީރާއި އޭނާގެ ޓީމުގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މައްސަލަ ހުށަހެޅީ ދިވެހި ރައްޔިތުންގެ ޕާޓީގެ ނަމުގައި ހ. ދޮންޖޭބުގޭ އުމަރު ނަސީރު، ޕާޓީގެ ނަމުގަ އާއި ޕާޓީގެ ލޯގޯ ބޭނުންކޮށްގެން ހިންގާ އެކިއެކި ސިޔާސީ ހަރަކާތްތައް އަދި ޕާޓީގެ ނަމަށް އެކިއެކި ބަދަލުތައް ގެނެސްގެން، މިސާލަކަށް ދަންނަވާ ނަމަ ޑީއާރްޕީގެ ނަމުގެ ކުރިއަށް ނުވަތަ ފަހަތަށް ކޮންމެވެސް އަކުރެއް ފިއްޔެއް އިތުރުކޮށްލައިގެން ހިންގާ މި ހަރަކާތްތައް ހުއްޓުވައި، އެކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި،"
ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ޑީއާރުޕީގެ ޒެޑް ފެކްޝަންގެ ވަގުތީ ރައީސް އުމަރު ނަސީރު މިއަދު ވިދާޅުވީ، ޒެޑް ފެކްޝަނަކީ ޕާޓީ ތެރޭ މިހާރު ހިނގަމުންދާ ކަންކަން އިސްލާހުކުރުމަށް ހިންގާ ހަރަކާތެއް ކަމަށް ވާތީ، ކޯޓަށް މައްސަލަ ހުށަހަޅައިގެން އެ ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށެވެ.
"]ޒެޑް ފެކްޝަނުގެ ހަރަކާތްތައް[ އެއްގޮތަަކަށް ވެސް ހުއްޓުމަކަށްނާންނާނެ. ތަސްމީން އަލީއަށް އެހެން ހީފުޅުކުރެއްވޭ ކަމަށްވަންޏާމުން އެއީ ހަމަ ހުވަފެނެއް އެބޭފުޅާ ދެކެވަޑައިގަންނަވާ،" އުމަރު ވިދާޅުވި އެވެ. "ޒައީމް ޑީއާރްޕީގެ ހަރަކާތްތައް ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ ޒައީމް ޑީއާރްޕީގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރާނެ އަދި 2013 ވަނަ އަހަރު ވެރިކަމާ ވެސް ހަވާލުވާނެ." އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ