އެމެރިކާގެ މަސްއޫލުވެރިން ޤައްޒާފީގެ މަންދޫބުންނާ ބައްދަލުކުރައްވައިފި

ނިއުދިއްލީ (ޖުލައި 19) : އެމެރިކާގެ ތިން މަސްއޫލުވެރިއަކު، ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ސަރުކާރުގެ ދެ މަންދޫބަކާ ބައްދަލުކުރައްވައިފިއެވެ. އެމެރިކާގެ ޚާރިޖިއްޔާގެ މަސްއޫލުވެރިއަކު ނިއުދިއްލީގައި ދެއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާގެ މަސްއޫލުވެރިން ގައްޒާފީގެ ސަރުކާރުގެ ދެ މަންދޫބުންނާ ބައްދަލުކުރެއްވީ ވެރިކަން ދޫކޮށްލެއްވުމަށްފަހު ޤައުމުން ބޭރަށް ވަޑައިގަތުން ނޫންގޮތެއް ގައްޒާފީއަށްނެތްކަމަށް އެމެރިކާ ދެކޭކަން ގައްޒާފީއަށް ހާމަކޮށް ދިނުމަށްޓަކައެވެ.
ލީބިޔާގެ މައްސަލަ ޙައްލުކުރެވޭނީ ޤައްޒާފީ ވެރިކަމުން ދުރުވެ ވަޑައިގަތުމަށްފަހު ލީބިޔާއިން ބޭރަށް ވަޑައިގަތުމުންކަމަށް ބަޔާންކުރާ ސިޓީއެއް މިބައްދަލުވުމުގައި ލީބިޔާގެ މަންދޫބުންނާ ޙަވާލުކޮށްފައިވާނެ ކަމަށްވެސް އެމެރިކާގެ ޚާރިޖިއްޔާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެމެރިކާގެ އިސްމަސްއޫލުވެރިއަކީ އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަންގެ ނައިބު ޖެފްރީ ފިލްޓްމެން އާއި ސްޓޭޓް ޑިޕާޓްމަންޓްގެ އެހެން ދެ މަސްއޫލުވެރިއެއް ކަމަށް ޚަބަރުލިބެއެވެ. ނަމަވެސް މިބައްދަލުވުން ބޭއްވި ތަނެއް އެމެރިކާ ހާމަކޮށްފައެއް ނުވެއެވެ.
ގައްޒާފީގެ ސަރުކާރުގެ ތަރްޖަމާން މޫސާ އިބްރާހީމްވެސްވަނީ އެމެރިކާގެ ބައެއް މަސްއޫލުވެރިން ލީބިޔާ ސަރުކާރުގެ ދެ މަންދޫބުންނާ ބައްދަލުކުރެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ. ލީބިޔާގެ މުސްތަޤްބަލް ކަނޑައަޅާނީ ލީބިޔާގެ ރައްޔިތުންކަމަށާއި އަދި ވާހަކަދައްކައިގެން މައްސަލަ ޙައްލުކުރަން ލީބިޔާ ސަރުކާރުން ތައްޔާރަށް އޮތްކަންވެސް މިބައްދަލުކުރެއްވުމުގައި ލީބިޔާގެ މަންދޫބުން އެމެރިކާގެ މަސްއޫލުވެރިންނަށް ހާމަކޮށްދިން ކަމަށް މޫސާ އިބްރާހީމް ވިދާޅުވިއެވެ. -- ރޮއިޓާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ