ނަޒާހަތްތެރިކަމުގެ މައްސަލައެއް ނެތް، ވަސީލަތްތައް ބޭނުން ކުރަނީ އެއްވެސް ބޭފުޅެއްގެ ގެއަށް ލައިގެން ކާއެއްޗެހި ހޯދާކަށްނޫން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ވަސީލަތްތައް ބޭނުން ކުރަނީ އެއްވެސް ބޭފުޅެއްގެ ގެޔަށް ލައިގެން ކާއެއްޗެހި ހޯދަން ނޫން ކަމަށާއި، އެ މަޖިލީހުގެ ވަސީލަތްތައް ބޭނުން ކުރަނީ ބިލު ޑްރާފްޓްކޮށް ގާނޫނު ހެދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބިލްތައް ފަރުމާ ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ވަސީލަތްތައް ބޭނުން ކުރާ މައްސަލައިގައި ބައެއް މެންބަރުން ވަނީ ކަންބޮޑުވެ ވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ބިލްތައް ހެދުމުގައި އެމްޑީޕީ އާއި އެހެން ޕާޓީތަކުން މަޖިލީހުގެ ވަސީލަތްތައް ބޭނުން ކުރުމާ ބެހޭގޮތުން މަޖިލީހުގެ ބައެއް މެންބަރުން ވިސްނުންފުޅުތަކެއް ގެންގުޅުއްވާ ކަމަށެވެ.
އަދި ނަޒާހަތްތެރިކަމާ ގުޅިފައިވަނީ ބޭފުޅެއްގެ ގެޔަށް ލައިގެން ކާއެއްޗެހި ނުވަތަ އަންނައުނަށް މަޖިލީހާއި މަޖިލީހުގެ މަސައްކަތްތައް ބޭނުން ކުރުމުން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ދައުލަތުން ނިންމާފައި އޮންނަނީ ވެސް މަޖިލީހާއި މަޖިލީހުގެ ވަސީލަތްތައް ގާނޫނު ހަދަން ބޭނުން ކުރަން ޖެހޭ ގޮތަށް ކަމަށެވެ. އެހެންކަމުން ގާނޫނު ހެދުމުގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންދާނެ ކަަމަށްވެސް ވިދާޅުވިއެވެ.
"ބިލެއް ހެދުމުގައި ބައެއް ބޭފުޅުންނަށް ވިސްނި ވަޑައިގަންނަވާ، މި މަޖިލީހުގެ ވަސީލަތްތައް އެމްޑީޕީން، އަދި އެހެން ޕާޓީއަކުން ވެސް ބޭނުން ކުރާ ވާހަކަ، މި މަޖިލީހުގެ ވަސީލަތްތައް ބޭނުން މި ކުރެވެނީ އެއްވެސް ބޭފުޅެއްގެ ގެޔަށް ލައިގެން ކާއެއްޗެހި ހޯދާކަށް ނޫން، ގާނޫނު ހަދަން، ބިލް ޑްރާފްޓްކުރަން ނަޒާހަތްތެރި ކަމާގުޅިފަ އޮންނާނީ ތީގެން ބޭފުޅެއްގެ ލައިގެން ކާއެއްޗެއްސަށް، ނުވަތަ އަންނައުނަށް މިތަނުގެ ވަސީލަތްތަކާއި މިތަނުގެ ބޭނުންތައް ބޭނުންކުރީމަ، މިއުޅެނީ ގާނޫނު ހަދަން، ދައުލަތުން ނިންމާފަ އޮންނަނީ މިތަނުގެ ވަސީލަތްތައް ބޭނުން ކުރާނީ ގާނޫނު ހަދަން ކަމަށް، އެއްވެސް އޮޅުމެއް ނެތް ރައްޔިތުންގެ މަޖިލީހުން ގާނޫނު އެކުލަވާކުމުގެ މަސައްކަތް ކުރާނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އަމަލުކުރަން ޖެހޭ ބިލުތައް ރައްޔިތުންގެ މަޖިލީހުން ޑްރާފްޓް ކުރާ މައްސަލައިގައި، މަޖިލީހާއި ސަރުކާރާ ދެމެދު ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. މި މައްސަލައިގައި ދާދި ފަހުން ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. ނަޒާހަތްތެރި މަޖިލީހަކުން އެ ފުރުސަތު ދޭނީ ސަރުކާރަށް ކަމަށް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ