އިންޑިއާގައި ކުރިއަށްދިޔަ "އެކްސަސައިޒް އެކުވެރިން 2019" ގެ ތަމްރީނުތައް ނިންމާލައިފި

އިންޑިއާ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާ ގުޅިގެން އިންޑިއާގެ ޕޫނޭގައި ކުރިއަށްދިޔަ "އެކްސަސައިޒް އެކުވެރިން 2019" ގެ ތަމްރީނުތައް މިއަދު ނިންމާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މި މަހުގެ ހަތަކުން 20ގެ ނިޔަލަށް އިންޑިއާގެ ޕޫނޭގައި ކުރިއަށް ގެންދިޔަ މި ތަމްރީނުތަކަކީ ދިވެހިރާއްޖެއާއި އިންޑިއާ އަސްކަރިއްޔާގެ މެދުގައި އުފެދިފައިވާ އަސްކަރީގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓާ ޓެރަރިޒަމް ފަދަ އޮޕަރޭޝަންތައް ދެގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ އެކްސަސައިޒެއް ކަމަށެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މި ތަމްރީނުތައް އޮބްޒާވްކުރެއްވުމަށް އިންޑިއާއަށް ވަޑައިގެންނެވި މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދު ވަނީ މި އެކްސަސައިޒް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވައިފައެވެ. އަދި ދިވެހި ސިފައިންގެ ކޮންޓިންޖެންޓާ ބައްދަލުކުރައްވައި ތަމްރީނުތައް ކުރިއަށްދިޔަ ގޮތާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވާފައެވެ.
މިއެކްސަސައިޒުގައި ކިޔަވައިދެއްވީ ދެ ގައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުން ކަމަށާއި 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި އެކްސަސައިޒް މިދިޔަ އަހަރު ބާއްވާފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް، ޅ. މާފިލާފުށީގައި ކަަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ