ސޫޗީ ގަވާއިދާ ހިލާފަށް ރަނާއި ފައިސާ ހޯއްދެވި: މިޔަންމާގެ އަސްކަރިއްޔާ

ނޭޕިޑޯ (މާޗް 11): މިޔަންމާގެ ކުރީގެ ލީޑަރު އަންގް ސަން ސޫޗީ ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާ އާއި ރަން ހޯއްދެވި ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ތުހުމަތުކޮށްފި އެވެ. މިޔަންމާގެ އަސްކަރިއްޔާގެ ބްރިގޭޑިއާ ޖެނެރަލް ޒޯ މިން ތުން ވިދާޅުވި ގޮތުގައި، ސޫޗީ ގައުމުގެ ލީޑަރުގެ ގޮތުގައި ހުންނެވި އިރު އޭނާއަށް ބަޔަކު ގަވާއިދާ ހިލާފަށް ދިން ހަ ލައްކަ ޑޮލަރާއި ހަމަ ގާތްގަނޑަކަށް އެހާ ވަރަށް އަގު ހުރި ރަން އޭނާ ގަބޫލު ކުރެއްވި އެވެ. އަދި އެގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން މިޔަންމާގެ ކުރީގެ ރައީސް ވިން މަޔަންޓް އާއި އެ ސަރުކާރުގެ ބައެއް ކެބިނެޓު މެމްބަރުންނާ ދެކޮޅަށްވެސް ޒޯ މިން ކޮރަޕްޝަނުގެ ތުހުމަތު ކުރެއްވި އެވެ. މީގެ ކުރިން ސޫޗީއާ ދެކޮޅަށް ވަނީ މިޔަންމާއަށް ގަވާއިދާ ހިލާފަށް ވޯކީޓޯކީތަކެއް އެތެރެ ކުރުމާއި ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް ކެމްޕޭން ކުރެއްވުމާއި ބިރުވެރިކަން އުފެދޭ ފަދަ މައުލޫމާތު ފެތުރުމުގެ ދައުވާކޮށްފަ އެވެ. މިޔަންމާގެ އަސްކަރިއްޔާއިން މިދިޔަ މަހުގެ އެކެއްގައި ބަޣާވާތް ކުރި ފަހުން ސޫޗީ ހުންނެވީ ގޭ ބަންދުގައި ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ. ނަމަވެސް އޭނާ ހުންނެވި ތަނެއް ސިފައިން ހާމަ ނުކުރެ އެވެ. މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތް ކުރީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އަދި އަސްކަރިއްޔާއިން ވަނީ އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އާ އިންތިހާބެއް ބާއްވާ، އެ ވޯޓު ކާމިޔާބު ކުރާ ބަޔަކާ ވެރިކަން ހަވާލު ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ އިންތިހާބު ބާއްވާނެ އިރެއް އަދި އިއުލާންކޮށްފައި ނުވެ އެވެ. އެ ބަޣާވާތާ ދެކޮޅަށް މިޔަންމާގައި ދަނީ ސިލްސިލާ މުޒާހަރާތައް ބާއްވަމުންނެވެ. އަދި އެ މުޒާހަރާތަކުގައި މިހާތަނަށް ސަލާމަތީ ބާރުތަކުން ވަނީ 60އަށް ވުރެ ގިނަ މީހުން މަރާފައި ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ