ލުތުފީ ފިލައިގެން އުޅުނު މައްސަލާގައި ދައުވާއަށް އެއްބަސްވެއްޖެ

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް ހުރި އަބްދުﷲ ލުތުފީ ޖަލު ހުކުމެއްގައި ހުރެ ފިލައިގެން އުޅުނު މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާ އަށް މިއަދު އިއުތިރާފުވެއްޖެ އެވެ.
ސްރީ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ހ. ހާޖަރާގޭ ލުތުފީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް 2009 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެ އިން ބޭރަށް ފޮނުވުމުން އޭނާ އެނބުރި އައިސްފައެއް ނުވެ އެވެ. އޭގެ ފަހުން ފިލައިގެން ސްރީ ލަންކާގައި އުޅެމުން ދަނިކޮށް ލުތުފީ ރާއްޖެ ގެނައީ 2019 ގަ އެވެ. ފިލައިގެން އުޅުނު މައްސަލައިގައި އޭނާގެ މައްޗަށް ކުރަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ލުތުފީ ބުނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލައިގެން އޭނާ އުޅެފައި ނުވާނެ ކަމަށާއި އޭނާ ބޭރުގައި އުޅުނީ ބޭސްފަރުވާ އަށް ހުއްދަ ހޯދައިިގެން ކަމަށެވެ. ނަމަވެސް މަައްސަލަ އިތުރަށް ދިގު ދެމިގެންދާނެތީ ބޭނުންވަނީ ދައުވާ އަށް އެއްބަސްވާން ކަމަށް ލުތުފީ ބުންޏެވެ. އަދި ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދޭން އޭނާ އެދުނެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ، އެހެންވެ އަވަސް ނިޔާ އިން އެ މައްސަލަ ނިންމުމަށްޓަކައި ފަސް ދުވަހުގެ ތެރޭގައި އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިއަށް ގެންދަނީ މާފުށީގައި ލުތުފީގައި ބަހައްޓައިގެން ވީޑިއޯ ކޮންފަރެންސްކޮށް ކޯޓާ ގުޅާލައިގެން ކަމަށް ވިޔަސް، ހުކުމްކުރާ އަޑުއެހުން ބާއްވާނީ އޭނާ ކޯޓަށް ހާޒިރުކޮށްގެންނެވެ.
މީހުން ބަންދުކުރާ މަރުކަޒުން ފިލުމުގެ ކުށަށް އޮންނަނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ދައުވާ އަށް ލުތުފީ އެއްބަސްވެފައިވާތީ އޭނާގެ މައްޗަށް ދެން އަންނާނީ އެ އަށް ވުރެ ވެސް ކުޑަ އަދަބެކެވެ.
ނޮވެމްބަރު، 3 ގެ ހަމަލާގައި 19 ދިވެހިން މަރައިލި އެ ހާދިސާގައި ލުތުފީ އާއި އެކަމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންގެ މައްޗަށް އޭރުގެ ހައި ކޯޓުން އިއްވީ މަރުގެ ހުކުމެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އަދަބު ލުއިކޮށް ދެއްވައި، އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ