މަގުތަކުގައި ފެން ބޮޑުވުމަށް ހައްލެއް ލިބޭނީ ފެން ހިންދާ ނިޒާމު ބަހައްޓައިގެން، އެކަން ކުރާނަން: މަބްރޫކް

ވިއްސާރައާއެކު މަގުތަކުގައި ފެން ބޮޑުވެ، އުދަ އެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ފެން ހިންދާ ނިޒާމް ބަހައްޓައިގެން ކަމަށާއި މި ސަރުކާރުގައި ޕްރޮޖެކްޓް ހިމެނޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ މީޑިއާ ގްރޫޕުގައި މަބްރޫކް ވިދާޅުވީ ރަށްރަށުގައި ފެންބޮޑުވެފައިވާ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ކައިރިން ބައްލަވަމުން ކަމަށެވެ. އެ ރަށްރަށަށް ގުޅުއްވައި ހާލަތު ބައްލަވަމުން ގެންދަވާކަން ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރަށްރަށުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެ އެވެ. އެގޮތުން ގޭގެއަށް ފެންވަދެ ތަކެއްޗަށް ގެއްލުން ލިބިފައި ވެ އެވެ.
އެކަމާ ގުޅިގެން މަބްރޫކް ވިދާޅުވީ ފެންބޮޑުވުމާއި އުދަ އެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ރަށްރަށުގައި ފެން ހިންދާ ނިޒާމު ހަދައިގެން ކަމަށެވެ.
"މި ސަރުކާރުން ހިންގާ މަގު ހެދުމުގެ ހުރިހާ ޕްރޮޖެކްޓެއްގެ ސްކޯޕްގައި ސްޓޯމް ވޯޓާ ޑްރައިނޭޖްގެ މަސައްކަތް ހިމެނޭ،" މަބްރޫކް ވިދާޅުވި އެވެ.
މި ގޮތަށް ކުރާ ވިއްސާރައިގައި އަބަދު ވެސް އެންމެ ބޮޑަށް ފެންބޮޑުވެ ގެއްލުން ލިބޭ ދެ ރަށަކީ އައްޑު އާއި ފުވައްމުލަކެވެ. ރައީސް އޮފީހުން ބުނީ އެ ދެ ހިސާބުގައި ވެސް ފެން ހިންދާ ނިޒާމު ބެހެއްޓުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ