ސަރުކާރުގެ ބުރަހެލިކަމަށް ރައްޔިތުން ޖަވާބުދޭނީ އޮޅުމަކުން ނޫން: މުއިއްޒު

ސަރުކާރުގެ ބުރަހެލިކަމަށް ރައްޔިތުން ޖަވާބުދޭނީ "އޮޅުމަކުން" ނޫން ކަމަށް ވިދާޅުވެ، ހިޔާ ފްލެޓުތައް ރައްޔިތުންނަށް ދިނުން ލަސްވާ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.
މުއިއްޒު އެގޮތަށް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 7000 ފްލެޓް ޖުލައި މަހު ހަވާލު ކުރެވޭނެ ކަމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރ އާމިނަތު އާތިފާއަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވަނިކޮށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ކަންކަން އެންމެ ގާތުން ބެއްލެއްވި މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ ހިޔާ ފްލެޓުތައް ލިބިފައިވާ މީހުންނާ ހަވާލު ކުރުން ލަސްވާ ލަސްވުމުގެ ޒިންމާ ނަގާނީ ކާކުތޯ ސުވާލު ކުރައްވައިފައެވެ.
"ބަރުހެލިކަމާއި ނާގާބިލްކަމުގެ އިންތިހާ އަށް ގޮސްފައިވުމުގެ ހިތްދަތިކަން ބަރުދާސްތު ކުރަން ޖެހެނީ ނިކަމެތި ރައްޔިތުން. ރައްޔިތުން މިކަންކަމަށް ޖަވާބުދޭނީ ހަމަ ގައިމުވެސް އޮޅުމަކުން ނޫން،" މުއިއްޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އާތިފާ ވިދާޅުވީ "ފްލެޓްތައް ޖުލައިމަހަށް ހަވާލުކުރެވޭނެ ކަމަށެވެ. ނަމަވެސް، އެ މިނިސްޓްރީން ފަހުން ވިދާޅުވީ އެއީ އޮޅުމަުން ވިދާޅުވެވުނު އެއްޗެއް ކަމަށެވެ.
ކޮވިޑް-19 ގުޅިގެން ފުރަބަންދެއްގައި ތިބުމުގެ ސަބަބުން، ކުރިން ފައިނަލް ލިސްޓް އިއުލާން ކުރަން ތާވަލްކުރި ތާރީހުގައި ލިސްޓް އާންމު ކުރެވިފައި ނުވާ ކަމަށް ވެސް ހައުސިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރިއަށް ގެންދިޔަ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ.އެއީ 25 ބުރީގެ ހައުސިން ޔުނިޓުތަކެކެވެ. އެއީ ހުޅުމާލޭގައި މިވަގުތު ހުރި އެންމެ އުސް އިމާރާތްތަކެވެ. މާލޭގައި ހުރި އިމާރާތްތަކުގެ ތެރެއިން 25 ބުރީގެ ހަމައެކަނި އިމާރާތުގެ ގޮތުގައި މިވަގުތު ހުރީ ދަރުމަވަންތަ ހޮސްޕިޓަލް އެކަންޏެވެ.
ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓްތައް ހައްގުވާ މީހުންގެ ލިސްޓެއް ރައީސް ޔާމީންގެ ސަރުކާރުގައި ނެރުނެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމެން އުޅެނިކޮށް، ފްލެޓު ލިބުނު މީހުންނަށް، ލިޔުން ވެސް ހަވާލު ކުރިއެވެ. އެކަމަކު، ހުޅުމާލޭގައި އިމާރާތްކުރަން ފެށި އެ ފްލެޓްތައް ދިނީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ މައްސަލަތައް ބެލުމަށް ފްލެޓު ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އުފައްދަވައިފައެވެ. އެކަމަކު، އެ ތުހުމަތުތައް ކުރީގެ ސަރުކާރުން ދޮގުކުރެއެވެ.
އެކަމަކު ފްލެޓް ކޮމިޓީން ބުނެފައިވާ ގޮތުގައި ޝަރުތު ހަމަވި ކަމަށް ބަލައި މާކްސް ދީފައި ވަނީ ހައުސިން މިނިސްޓްރީން އާއްމުކުރި ކްރައިޓީރިއާއަކަށް ނޫނެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ބޭނުންވެގެން 22،000 އަށް ވުރެ ގިނަ މީހުން ވަނީ ފޯމް ހުށަހަޅައިފައެވެ.
ފްލެޓް ކޮމިޓީން ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރިން ކުރި ނަމަވެސް، މިހާރު އެ މަސައްކަތް އޮތީ މަޑުޖެހިފައެވެ. އެ މަސައްކަތް މަޑު ޖެހިފައިވަނީ ރާއްޖެ އިން ކޮވިޑް-19 ފެނުމާ ގުޅިގެންނާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ