ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް މޫސަ އަށް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ ސަރަހައްދީ ޖަމިއްޔާ ކަމަށްވާ ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރިއަށް އޮތް ހަތަރު އަހަރަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދު އިންތިހާބުވެވަޑައިގެންފި އެވެ.
މިއީ ދުނިޔޭގެ ވާދަވެރި ކުޅިވަރެއްގެ ސަރަހައްދީ ޖަމިއްޔާއެއްގައި، ދިވެއްސަކު މިހާތަނަށް ފުރުއްވާނެ އެންމެ މަތީ މަގާމެވެ. ބެޑްމިންޓަނުގައި ދުނިޔޭގެ އެންމެ ވަރުގަދަ އަށް ގައުމުގެ ތެރެއިން ހަތް ގައުމު ނިސްބަތްވާތީ ބެޑްމިންޓަން އޭޝިއާ ވެފައިވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ސަރަހައްދީ ފެޑެރޭޝަނަށެވެ. މޫސާ އަންނަނީ ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ކައުންސިލުގެ މެމްބަރުގެ މަގާމާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން ފެޑެރޭޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމް ވެސް ފުރުއްވަމުންނެވެ.
ބެޑްމިންޓަން އޭޝިއާ ޑިވެލޮޕްމެންޓް ކޮމިޓީގެ ޗެއާމަންކަން މިހާތަނަށް ކުރައްވަމުން އައި މޫސަ އޭޝިއާގެ ބެޑްމިންޓަނުގެ މައި ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީއަކަށް އިންތިހާބުވެވަޑައިގަތީ ޗައިނާގައި މިހާރު ކުރިއަށްދާ އަހަރީ ޖަލްސާގައި، ހޮންކޮން، ޗައިނާގެ ސްޕޯޓްސް ފެޑެރޭޝަނާއި އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސް ޓޮން ވައި ލުންއާ ވާދަކުރައްވައި 27-13 ވޯޓުން އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. އޭނާ އަކީ ބެޑްމިންޓަން އެސޯސިއޭޝަނުގެ އޮނަރަރީ ރައީސް ކަމާއި ނައިބް ރައީސް ކަމާއި ޗެއާމަންކަންކަން ކުރައްވާފައިވާ ތަޖުރިބާކާރެކެވެ.
ރާއްޖޭގެ ކުރީގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާ މޫސަ އަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ބެޑްމިންޓަން ފެޑެރޭޝަނެއް އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެކެކެވެ. އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ އެކު، މި ސަރަހައްދުގެ ބެޑްމިންޓަން އެހެން ލެވެލަކަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ ސަރަހައްދުގެ 21 އަހަރުން ދަށުގެ މުބާރާތް މި އަހަރު އައްޑޫ ސިޓީގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް ކަމުގެ ދެ ވަނަ ދައުރެއް ފުރުއްވަމުން އަންނަ މޫސަ އަންނަނީ ސަރަހައްދީ ފެންވަރުގައި ދިވެހި ބެޑްމިންޓަން ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރައްވަމުންނެވެ. މޫސަ ވަނީ އޭނާގެ ދައުރުގައި ގިނަ ގައުމުތަކަށް ހުޅުވާލައިގެން ރާއްޖޭގައި ބެޑްމިންޓަން ޗެލެންޖްގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ފަށްޓަވައިފަ އެވެ.
ފަހަކަށް އައިސް ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން އަންނަނީ ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ މިހާރުގެ އެންމެ ބޮޑު ޓާގެޓަކީ އަންނަ މަހު އޮންނަ އިންޑިއަން އޯޝަން އަައިލެންޑް ގޭމްސް އިން ރާއްޖެ އަށް ރަން މެޑެއްޔެއް ގެނައުމެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ