ފަސް ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖެ ތަރައްގީ ކުރަނީ

މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ހާއްސަ ތަސައްވަރެއް އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހުށަހަޅުއްވައިފިއެވެ.
ރާއްޖެ ތަރައްގީ ކުރުމަށް ހުށަހެޅި ތަސައްވަރުގައި، ރާއްޖެ ތަރައްގީ ކުރާނެ ގޮތުގެ މައްޗަށް އަލިއަޅުވާލާފައި ވަނީ، ކުރިއަށް އޮތް 20 އަހަރު ތެރޭގައި މާލެ ފަދަ އިގްތިސާދީ ވަރުގަދަ ސެންޓްރަލް ރަށްތަކެއް އަތޮޅު ތެރޭގައި އުފެއްދުމަށެވެ.
ހުޅުމާލޭ ހުރަވީ ސްކޫލްގައި އެމްޑީޕީން ކުރިއަށް ގެންދާ ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަދައްކަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމަށް ފަސް ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށާއި، ހަބްތައް ނެގުމުގައި ބަލާފައި ވަނީ ރާއްޖޭގެ ރަށްރަށުގެ އިކޮނޮމިކް ސްޓްރެންތް އާއި އާބާދީ، އާއި އެރަށެއް ޖިއޮގްރެފިކަލީ ހުރި ތަނަކާއި، ރަށުގެ ހިންގާ ހަރާކްތްތަކަށް ބެލުމަށް ފަހު ކަމަށެވެ.
އަދި މިގޮތަށް ހަބްތައް ނާގަފައި ވަނީ، އެންމެ އިކޮނޮމިކަލީ ވަރުގަދަ، އަދި މެދަށް އިންނަ ރަށް ކަމަށް ބަލައި، އެއީ ރީޖަނަލް ހަބް ކަމަށް ކަނޑައަޅައިގެން ކަމަށް އަސްލަމް ވިދާޅުވިއެވެ. ޕްލޭނިންގ މިނިސްޓްރީގެ ވިސްނުން ހުރީ އެއީ ރީޖަނަލް ހަބްތަކަށް ކަނޑައަޅައި، އެ ހަބްތަަކުން ކައިރި ރަށްތަކަށް ހިދުމަތް ދެމުން ގެންދާނެ ގޮތަށެވެ.
މިގޮތުންމައި ސެންޓްރަލް ހަބެއްގެ ގޮތުގައި މާލެ ވަނީ ކަނޑައަޅާފައެވެ.
"އޭގެ މާނައަކީ އެރަށަށް ހުރިހާ އެއްޗެއް ދާ ވާހަކައެއް ނޫން. މި އުޅޭނީކީ އެރަށަކަށް ހުރިހާ އެއްޗެއް ދޭކަށެއް ނޫން،". މިނިސްޓަރ ވިދާޅުވިއެވެ.
- ހދ. ކުޅުދުއްފުށި
- ޅ. ނައިފަރު
- ލ. ގަން
- ގދ. ތިނަދޫ
- ސ. ހިތަދޫ
މި ފަސް ރަށް ވަށައިގެން 20 މޭލުގައި ހުންނަ ރަށްތަކަކީ ސަބް ރީޖަންގެ ގޮތުގައި ވަނީ ކަނޑައަޅަން ނިންމާފައެވެ. އެ ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދުއްޕޮޅާއި އާއި ށ. ފުނަދު އާއި ނ. މާފަރާއި ރ. ދުވާފަރާއި ބ. އޭދަފުއްޓާއި ދ. ކުޑަހުވަދު އާއި ތ. ތިމަރަފުއްޓާއި ގއ. ވިލިނގިއްޔާއި ޏ. ފުވައްމުލައް ވަނީ ހިމަނާފައެވެ. މީގެ ތެރެއިން އުތުރުގެ ސެންޓްރަލީ ޕްލޭސް ކުރާ ރަށް ވަނީ ކަނޑަނޭޅިފައެވެ.
ފަސް ރީޖަނަލް ހަބާއި ނުވަ ސަބް ރީޖަނުގައި ހިމެނޭ ރަށްތައް ވަކި ކުރުމުން، ބޮޑު ރަށަކާ ކައިރީގައި ނުހުންނަ ކުދި ކުދި ރަށްތަކެއް ބާކީވާތީ "ކަލްސްޓާސް"ގެ ގޮތުގައި، އދ. މާމިގިލި، ފ. ނިލަންދޫ، މ. މުލި، .ކޮޅުފުށި، ގދ. ފަރެސްމާތޮޑާ، ގދ. ގައްދޫ، އއ، ރަސްދޫ، އދ. މަހިބަދޫ، ވ. ފެެލިދޫ ވަނީ ހިމަނާފައެވެ. މި ރަށްތައްް ތަރައްގީ ކުރަނީ އެއް ރަށް އަނެއް ރަށާއި، ގުޅާލެވޭނެ ހެން ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކާއި އެކުގައެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ، މާލެ ރީޖަން ބޮޑުވުމުން އެ ރީޖަންގައި ތިން ކްލަސްޓަރ ހިމަނާފައިވާނެ ކަމަށެވެ. އެއީ ރަސްދޫ، މަހިބަދޫ، ފެލިދޫއެވެ.
"ދެން މިހެން މިކަންކޮށްފައި އަޅުގަނޑުމެން މި ބުނަނީ، މި ރީޖަންތައް މަސައްކަަތް ކުރުމުގައި އެންމެ ބޭސިކް ފަންޑަމެންޓަލް ކަަމަކީ އެއް ރަށް އަނެްއް ރަށާއި ގުޅުވާލުން. ނުގުޅޭ ކަމަށްވަންޏަކާމުން އެއް ރަށުގެ ހުންނަ ސާވިސްއެއް އަނެއް ރަށަކަށް ނުދޭނެ". މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، އިތުރު ފަސް ތަނެއްގައި އެއާޕޯޓް އެޅުމުން މުޅި ރާއްޖެ އެއްކޮށް ކަހަލަ ގޮތަށް އެއާ ޓްރާންސްޕޯޓުން ގުޅާލެވޭނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވިސްނުމަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ދުރުވެގެން 30 މިނިޓް ތެރޭގައި އެއާޕޯޓަކަށް ދެވޭނެ ހިސާބެއްގައި އެއާޕޯޓެއް އެޅޭނެ ތަނެއް އޮވެއްޖެއާ އެއާޕޯޓެއް އެޅުން". އަސްލަމް ވިދާޅުވިއެވެ.
އެހެން ނަމަވެސް އެހާ ކައިރީގައި އެއާޕޯޓެއް އަަޅާނެ ތަނެއް ނެތިއްޖެއްޔާ ނޭޅޭނެ ކަމަށާއި، މީގެ ތެރޭގައި ހަތް ވަރަކަށް ރަށް ހިމެނޭ ކަމަށް އަސްލަމް ފާހަގަކުރިއެވެ. މިނިސްޓަރ ވިދާޅުވީ، ރަށްތައް ގުޅުވާލަން ނިންމާފައި ވަނީ ރަނގަޅު ހަރުދަނާ ފެރީ ނިޒާމެއްގެ ތެރެއިން ކަމަށެވެ.
"އަޅުގަނޑުމެން މިކަން ކުރަން ބޭނުންވަނީ ތަރައްގީވެފައިވާ ގައުމުތަކުގައި ބޭނުންކުރާ ފަދަ ފެރީގެ ނިޒާމެއް. ކަނޑުގަދަވިޔަސް ދަތުރުކުރާ މީހުންނަށް ބޮޑެތި އުނދަގޫތައް ނުވާ ކަހަލަ ފެރީގެ ނިޒާމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ރަށްތައް ތަރައްގީ ކުރުމުގެ ޕްލޭން ފައިނަލް ކުރުމުގެ ކަންކަން ކުރިއަށްދާއިރު، މިއީ އަދި ކެބިނެޓުން ފާސްވެފައިވާ ޕްލޭނެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ