އަލްހަރަމައިން އިން އިތުރަށް ފައިސާ ނެގި ކަމަށް ބުނާ މައްސަލަ ފުލުހަށް!

ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ އަތުން ފައިސާ ނަގަން އަލްހަރަމައިން ހައްޖު ގްރޫޕަށް އިސްލާމިކް މިނިސްޓްރީއިން ހުއްދަ ދީފައިވާ ވަރަށް ވުރެ ގިނައިން ފައިސާ ނަގި ކަމަށް ބުނާ މައްސަލަ އިސްލާމިކް މިނިސްޓްރީއިން ފުލުހަށް ހުށަހަޅައިފައެވެ. ހައްޖަށް މީހުން ގެންދިޔުމަށް އަލްހަރަމައިންއިން މި އަހަރު ހުށަހެޅި ޕްރޮޕޯސަލްގައިވާ ގޮތަށް އަލްހަރަމައިންއަށް މިނިސްޓްރީއިން ހުއްދަ ދީފައި ވަނީ 69،965 ރުފިޔާ ހައްޖާޖީން އަތުން ނެގުމަށެވެ. އެކަމަކު، އެ ގްރޫޕުން އެއަށް ވުރެ އިތުރަށް ފައިސާ ނަގާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އަލްހަރަމައިން މެދުވެރިކޮށް ހައްޖަށް ދާން ބޭނުންވެގެން ނަން ނޯޓު ކުރި ފަރާތަކުން "ސަން"އާ ވާހަކަދައްކަމުން ބުނެފައި ވަނީ، އެ ގްރޫޕުން ހައްޖަށް ދާ މީހުންނަށް އަސްލު އަގު ބިލު ކުރުމަށް ފަހު "މޭޒު އަޑިން" އިތުރަށް ފައިސާ ނަގާ ކަމަށެވެ. އެގޮތުން ޖުމްލަ އެއް ލައްކަ ރުފިޔާ ބައެއް މީހުން އަތުން ނަގާފައިވާ ކަމަށްވެއެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް، އަލްހަރަމައިންގެ އޮފީހެއްގެ ތެރޭގައި ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މީސްމީޑިއާގައި ވަނީ ފެތުރިފައެވެ. އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ "ސަން"އަށް ވިދާޅުވީ، އެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު އާންމު ފަރާތްތަކުން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅުންހުރި މައުލޫމާތުތައް އެއްކޮށް ތަހުގީގު ކުރުމަށް މިހާރު މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ޝާފިއު ވިދާޅުވިއެވެ. ޝާފިއު ވިދާޅުވީ، މިނިސްޓްރީއިން އެ މައްސަލައިގައި ދެކޭ ގޮތެއް ހާމަކުރާނީ ފުލުހުން މައްސަލަ ބެލުމަށް ފަހު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަލްހަރަމައިން ގްރޫޕުގެ އިސްވެރިން އިސްލާމިކް މިނިސްޓްރީއަށް ހާޒިރުކޮށް ވަނީ ސުވާލުވެސް ކޮށްފައެވެ. ހައްޖަށްދާ މީހުންގެ އަތުން އިތުރަށް ފައިސާ ނަގާ މައްސަލަތައް މީގެ ކުރިންވެސް ދީމާވެފައި އެބަ ހުއްޓެވެ. އަދި އެފަދަ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅުއަޅާފައިވެސް އެބަ ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ