މަޖިލީހުގެ ބާރު ކަނޑުވާލުން ސަރުކާރުތަކުން މަސައްކަތް ކުރި: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ކުރީ ސަރުކާރުތަކުން މަސައްކަތް ކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވެސްޓް މިނިސްޓާ ފައުންޑޭޝަންއާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން މިއަދު ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ޒިންމާ އަދާ ކުރުމުގައި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ބާރު ކަނޑުވާލަން ވެސް ސަރުކާރުތަކުން އެކި މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހަކީ ހިންގުންތެރި މަޖިލީހަކަށް ހެދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ގާނޫނު ހަދާ މަޖިލީހުގެ މައްޗަށް މަތިވެފައިވާ ޒިންމާ އަދާ ކުރުމަށާއި ކަންކަމުގައި އަޑު އުފުލުމަށް އަބަދުވެސް ދަތިތަކެއް ކުރިމަތިވޭ. ނަމަވެސް ފާއިތުވި 15 އަހަރު ތެރޭގައި މަޖިލީހުން ވަރަށް ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީތައް ވެސް ހޯދާފައިވޭ،" މަޖިލީހުގެ ގިނަ މެންބަރުން ބައިވެރިވެވަޑައިގެންނެވި ވޯކްޝޮޕްގައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިހާރު އޮތް މަޖިލީހުގެ ބޮޑު އިންސައްތައެއް ނިސްބަތްވަނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އަށް ކަމަށެވެ. އަދި އެ ޕާޓީގެ އަމާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅުތައް ފުއްދެވުން ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުން ކުރާ ކަންކަމަށް ފާރަވެރިވެ އެ ފަރާތްތަތައް ޖަވާބުދާރީ ކުރުވުމަކީ މަޖިލީހުގެ ކޮންމެ މެންބަރެއްގެ ވެސް ޒިންމާއެއް ކަމަށާއި އެ ޒިންމާ ހަނދާން ނައްތަލައިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ