ޔާމީން އަނބުރާ ޖަލަށް ގެންގޮސްފި

މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަރުވާއަށްފަހު އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ.
ޔާމީން އިއްޔެ ކުއްލި ގޮތަކަށް އައިޖީއެމްއެޗަށް ގެނެސް ދައްކާފައިވަނީ ހިތުގެ ބަލީގެ ޑިޕާޓްމަންޓަށެވެ. އަދި ޑޮކްޓަރުން ދެއްވި އިރުޝާދާއެކު އިއްޔެ 24 ގަޑިއިރަށް އެޑްމިޓްކޮށްފައި ބޭއްވެވިއެވެ. ނަމަވެސް އެމަނިކުފާނަށް ފަރުވާ ދިނީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއްނުވެއެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ހޮސްޕިޓަލަށް ގެނެވުނީ ރޫޓީން ޗެކަޕްއަކަށް ކަމަށް ބުނެ ކަމަށެވެ.
ނަމަވެސް އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ، ރައީސް ޔާމީން އައިޖީއެމްއެޗަށް ގެންދެވުނީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކުން ނޫން ކަމަށާއި ހޮސްޕިޓަލަށް ގެންނަ ކަމުގެ މައުލޫމާތު ވެސް އެމަނިކުފާނަށް ކުރިޔާލާ ފޯރުކޮށްދީފައި ނުވާ ކަމަށެވެ.
އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއަކުން ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޔާމީންގެ މައްޗަށް ދައުވާ އުފުލީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނަތުގެ ފައިސާ، އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކުރިއިރު، އޭގެ ތެރެއިން އެއް މިލިއަން އެމެރިކާ ޑޮލަރު ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެ ފައިސާ ލޯންޑުކުރި މައްސަލައިގައެވެ.
އެގޮތުން ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު އަމުރުކުރީ، އެކޯޓަށް ހުށަހަޅާފައިވާ އެމްއެމްޕީއާރްސީގެ މަނީ ލޯންޑަރިން މައްސަލައިގައި ހެކީންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ހުށަހަޅުއްވަން ޔާމީން މަސައްކަތް ކުރައްވާ ކަމަށް ގަބޫލު ކުރެވޭތީ ދައުލަތުގެ ވަކީލް އެގޮތަށް އެދިގެންނެވެ.
ނަމަވެސް އެ މައްސަލައަށް އިންކާރު ކުރައްވާ ރައީސް ޔާމީން ވިދާޅުވެފައިވަނީ، ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށާއި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިން އެނގިވަޑައި ވެސް ނުގަންނަވާ ކަމަށެވެ.
ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާގެ މައްސަލަ އެމަނިކުފާނުގެ ފަރާތުން މިހާރު ހައިކޯޓަށް ހުށަހަޅާފައިވައިރު އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ