އެސްއޯއެފުން ފައިސާ ޖަމާކުރި އެންމެން ކޮރަޕްޝަނުގައި ޝާމިލެއް ނުވޭ!

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ރިޕޯޓުގައި އެސްއޯއެފް ކުންފުނިން ފައިސާ ޖަމާކޮށްފައިވާ ހުރިހާ ފަރާތްތަކަކީ ކޮރަޕްޝަނުގެ އަމަލުގައި ބައިވެރިވެފައިވާ ފަރާތްތަކެއް ކަމަށް ބުނެފައިނުވާނެ ކަމަށް އޭސީސީން ބުނެފިއެވެ.
އޭސީސީން މިހެން ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ހިންގި ތަހުގީގު ރިޕޯޓު 2 އަހަރެއްހާ ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރުމުން އެއިދާރާއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދުދީ ނެރުނު 7 ސަފުހާގެ ދިގު ބަޔާނުގައެވެ.
އޭސީސީން ބުނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ގޮތުގައި ހިމެނޭ ތަންތަން ކުއްޔަށް ދީގެން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާ، އެކުންފުނީގެ އެކައުންޓަށް ޖަމާނުކޮށް އަމިއްލަ ކުންފުނިތަކުގެ އެކައުންޓުތަކާއި، އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކާއި، އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، އެ އެކައުންޓުތަކުން އެފައިސާ އެކި ފަރާތްތަކަށް ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލައަކީ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުންނާ ގުޅިގެން ތަހުގީގުކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އޭސީސީން ބުނީ އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް އެސްއޯއެފްގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު، އެފައިސާ 155 ފަރާތެއްގެ އެކައުންޓަށް އެކުންފުނިން ޓްރާންސްފަރ ކޮށްފައިވާ ކަމަށެވެ. އެފަރާތްތަކަކީ އެކުންފުނިން ކޮން ގޮތަކުން ފައިސާ ދޭންޖެހޭ ފަރާތްތަކެއްތޯއާއި، އަދި އެފަރާތްތަކުގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވަނީ ކީއްވެގެންކަން އެތަހުގީގުގައި އިތުރަށް ބެލޭނެ ކަމަށެވެ.
އެސްއޯއެފް ކުންފުނީގެ އެކައުންޓުން ޑޮލަރު ޖަމާކޮށްފައިވާ ހުރިހާ ފަރާތްތަކަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ އަމަލުގައި ބައިވެރިވެފައިވާ ފަރާތްތަތަކެއް ކަމަށް އެކޮމިޝަނުން ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިނުވާނެ ކަމަށް ވެސް އޭސީސީން ނެރުނު ބަޔާނުގައި ވެއެވެ.
އޭސީސީން މިހެން ބުނެފައިވާއިރު، އޭސީސީގެ ރިޕޯޓުގައި ހިމެނޭ ބައެއް ފަރާތްތަކުން ވަނީ އެފަރާތްތަކުން އެސްއޯއެފާއެކު ހިންގާފައިވަނީ ސައްހަ މުއާމަލާތްތަކެއް ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ