ގިނަ ލޯންޗްފަހަރުގެ ކައްޕިންނާއި ފަޅުވެރިން ގެންގުޅެނީ މުސާރާ ނުދީ، ޗުއްޓީވެސް ނުދީ - ލޭބާ ޕާޓީ

ގިނަ ދޯނިފަހަރާއި ލޯންޗްފަހަރުގެ ކައްޕިންނާއި ފަޅުވެރިން ގެންގުޅެނީ ވަޒީފާގެ އެއްބަސްވުމެއްނެތި، މަހުންމަހަށް މުސާރާ ނުދީ، ހުކުރެއް ބަންދެއްނެތި، 24 ގަޑިއިރުގެ ޑިއުޓީގައި ކަމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީން ބުނެފިއެވެ.
އެފަދަ ފަރާތްތަކާ މެދު ކަންތައް ކުރާ ގޮތް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިންގެ ވަޒީފާގެ ޙައްޤުތަކާއި މަސައްކަތުގެ މާޙައުލާއި ސިއްޙަތާމެދު، އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ، ރާއްޖެއަށް އަންނަ ފަތުރުވެރިން އެއްތަނުން އަނެއްތަނަށް އުފުލުމުގެ ބުރަ ޒިންމާ އަދާކުރަނީ، ދޯނިފަހަރާއި ލޯންޗްފަހަރު ދުއްވާ ކެޕްޓަނުންނާއި ފަޅުވެރިންކަމުގައިވާއިރު، މި ފަރާތްތަކުގެ ވަޒީފާގެ ޙައްޤުތަކާއި، މަސައްކަތުގެ މާޙައުލާއި ޞިއްޙަތާމެދު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އިހުމާލުވެފައިވާކަން ފާހަގަކުރާ ކަމަށެވެ.
ކިތަންމެ ބޮޑުކަމެއް ޖެހިގެންވެސް ޗުއްޓީ ލިބޭނެ އުސޫލެއް ނޯންނައިރު، ގިނަ ފަހަރަށް އަހަރީ ޗުއްޓީއަށްވެސް ދާންޖެހެނީ ވަޒީފާއިން ކެނޑިގެންކަމުގެ ޝަކުވާ، މިޕާޓީއަށް ވަނީ ލިބިފައެވެ". އެ ބަޔާނުގައި ވެއެވެ.
މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ޞިއްޙަތާއި ގުޅޭގޮތުން އެ ބަޔާނުގައި ބުނެފައި ވަނީ، މަދު ދޯންޏެއްގައި މެނުވީ ސާފު ބޯފެންފޮދެއް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ނުހުންނައިރު، ފަޅުވެރިން ތިބީ ކައިގެންތޯ، ނިދައިގެންތޯ ބަލާނެ ފަރާތެއް ނެތް ކަމަށެވެ.
"ކާނާ ރައްކާކުރެވޭނެ އިންތިޒާމް ނުހުންނައިރު، ގިނަ އުޅަނދުފަހަރުގައި ކައްކާއެއް ނުހުރެއެވެ. ފެންވަރައި ފާޚާނާކުރެވޭނެ ގޮތެއްނުހުރެއެވެ. އަތްވާ ވާރޭގައި، ދޯނީގެ ދިލަ ހޫނުގައި ނިދަންޖެހޭއިރު، ފަންކާއެއް ހިންގާލާނެ ގޮތެއް، ފޯނު ޗާޖުކުރެވޭނެގޮތެއް ނުހެރެއެވެ.މަސައްކަތުގެ މާހައުލުގައި ދިމާވާ ކަމަކުން ލިބޭ ގެއްލުމަށް ބަދަލު ނުލިބޭއިރު، ނުކުޅެދުންތެރިކަމެއް ދިމާވުން އަދި މަރުވުމުން އާއިލާއަށް ބަދަލެއް ލިބޭނެފަދަ އިންތިޒާމެއްވެސް ނެތެވެ". އެ ބަޔާނުގައި ވެއެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ، ދިވެހި ކައްޕިން އަދި ފަޅުވެރިން ކޯސްތައް ހަދައި ސެޓްފިކެޓާއެކު މަސައްކަތަށް ނިކުންނައިރު، އޮޑިވެރިން ޚަރަދުކުޑަކުރުމަށް، އެއްވެސް ފާހެއްނެތް ބިދޭސީ މީހުން ފަޅުވެރިން އަދި ކައްޕިންގެ ގޮތުގައި ގެންގުޅޭތަން ފެންނަ ކަމަށެވެ.
އަދި މިއީ ކަނޑުދަތުރުގެ ސަލާމަތީ މިންގަނޑާ މުޅިން ޚިލާފުކަމަކަށްވާއިރު، މިއީ މިފަދަ އުޅަނދުފަހަރުގައި ދަތުރުކުރާ ދިވެހިންނާއި ފަތުރުވެރިންނަށް އިންތިހާއަށް ނުރައްކާބޮޑުކަމެއްކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން، މިކަންކަމާމެދު މިޕާޓީން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ޤާނޫނު ތަކާއި ޤަވާއިދު ތަކާއި އުސޫލުތައް ހަރުދަނާކޮށް، މިކަންކަމަށް އަވަސް ޙައްލެއް ގެނައުމަށް ސަރުކާރުގެ އިދާރާތަކަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ