އިބުރާ ހައްޔަރުކޮށްގެން މައުމޫނުގެ މައްޗަށް ދައުވާ ކުރުމަށް 17 އަހަރު ފަހުން ޕީޖީއަށް

މީގެ 17 އަހަރު ކުރިން، 1995 ވަނަ އަހަރު އިބްރާހިމް އިސްމާއީލް (އިބުރާ) ހައްޔަރު ކުރި މައްސަލައެއްގައި އޭރު ޑިފެންސް މިނިސްޓްރީގެ އިސްވެރިއަކަށް ހުންނެވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ޑިފެންސް މިނިސްޓްރީގެ އިސްވެރިންގެ މައްޗަށް ދައުވާ ކުރުމަށް ބުރާސްފަތި ދުވަހު އޭނާ ޕްރޮސެކިއުޓާ ޖެނެރެލްގެ އޮފީހަށް ހުށަހަޅުއްވައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވުމަށް ފަހު ޕީޖީ އޮފީސް ކުރިމަތީގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި، ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ އެޑްވައިޒަރުކަން ވެސް ކުރެއްވި އިބްރާ ވިދާޅުވި ގޮތުގައި މައުމޫންގެ އިތުރުން އެ މައްސަލައިގައި ދައުވާ ކުރުމަށް ހުށަހެޅުއްވީ އެ މިނިސްޓްރީގެ އޭރުގެ ނައިބަކަށް ހުންނެވި އަންބަރީ އަބްދުލްސައްތާރާއި ފުލުހުންގެ އޭރުގެ ވެރިއަކަށް ހުންނެވި އާދަމް ޒާހިރު މައްޗަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ޕީޖީ އަށް ހުށަހެޅުއްވީ އޭރުގެ ސަރުކާރުން އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ ނުވާތީ އާއި އެއީ މަގާމުން ލިބިދޭ ބާރު ނާޖާއިޒް ގޮތުގައި ބޭނުންކޮށްގެން ކުރި ކަމަކަށް ވާތީ ކަމަށެވެ.
"ހަވީރަށް" ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އޭނާ ހައްޔަރު ކުރިއިރު ހުންނެވީ ދިވެހި ރާއްޖޭގެ ތައުލީމީ ކުރިއަރުވާ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓާ ކަމުގެ މަގާމުގައި ކަމަށާއި އޭނާ ހައްޔަރުކުރީ، ޑިފެންސް މިނިސްޓްރީގެ ހަރަދު ބޮޑު ވާހަކަ ދެއްކުމުން ކަމަށް ބެލެވޭ ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑަކަށް ނޭނގެ ހައްޔަރު ކުރި ސަބަބެއް. ޑިފެންސް މިނިސްޓްރީން ަވަކި ކަމަކަށް ތުހުމަތެއް ވެސް ނުކުރޭ. އެކަމަކު އޭރު އޮތް ތައުލީމީ ބައްދަލުވުމެއްގައި އަޅުގަނޑު ދެންނެވިން ޑިފެންސް މިނިސްޓްރީގެ ހަރަދު ކުޑަކުރަން ޖެހޭ ކަމަށް. ބޮޑަށް ބެލެވެނީ އެކަމާ ގުޅިގެން ކަމަށް ހައްޔަރު ކުރީ،" އިބްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނާ ހިލާފަށް ހައްޔަރު ކުރުމުން އެ މައްސަލައިގައި ދައުވާ ކުރުމަށް އޭރު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ދައުވާ ކުރެވޭނެ ކަމަށް މިދިޔަ ހޯމަ ދުވަހު ޕީޖީން ނިންމުމުން، އެ މައްސަލަ ހުށަހެޅުއްވީ ކަމަށް އިބްރާ ވިދާޅުވި އެވެ.
"އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރެއްވީ ވެސް ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، މަގާމުގެ ބާރު ނާޖާއިޒްގެ ގޮތުގައި ހިފައިގެން ކަމަށް ބުނެ. އެހެން ކަމުން އަޅުގަނޑު އަދި ގާޒީއަކަށް ނުވި ނަމަވެސް އިންސާނެއްގެ ހައިސިއްޔަތުން އިންސާފު ހޯދުމަށް ދައުވާ ކުރެއްވިދާނެ ނޫންތޯ،" އިބްރާ ވިދާޅުވި އެވެ.
އޭނާ ވަނީ މިދިޔަ ފެބުރުއަރީ އަށް ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހިނގި ހަމަނުޖެހުންތަކުގައި ފުލުހުން ހައްޔަރު ކުރި ގިނަ ބައެއްގެ މައްސަލައިގައި ވެސް ދައުވާ ކުރުމަށް މިއަދު ޕީޖީ އަށް ހުށަހަޅުއްވާފަ އެވެ.
އިބްރާ ވިދާޅުވީ، އެކި ހަމަނުޖެހުންތަކުގައި މިހާތަނަށް 800އެއްހާ މީހުން ހައްޔަރު ކޮށްފައިވާ އިރު، އޭގެ ތެރެއިން ގިނަ ބަޔަކީ ގާނޫނާ ހިލާފަށް ހައްޔަރުކުރި މީހުން ކަމަށެވެ. އެހެން ކަމުން އެ މީހުންގެ މައްސަލަތައް ވަކިވަކިން ބަލައި، އެ މައްސަލަތަކުގައި ދައުވާ ކުރުމަށް ޕީޖީ އަށް ހުށަހަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބްރާ ވިދާޅުވި ގޮތުގައި ދައުވާ ކުރުމަށް ހުށަހެޅުއްވި ދެ މައްސަލައަކީ ވެސް ފުލުހުންނާ ގުޅުން ހުރި ދެ މައްސަލަކަމުން، ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅެން ނެތް ކަމަށެވެ. އަދި މީގެ 17 އަހަރު ކުރިން އިބުރާ ހައްޔަރު ކުރެއްވި މައްސަލައަކީ ވެސް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އުފެދުމުގެ ކުރިން ހިނގި ކަމަކަށް ވާތީ އެ މައްސަލަ އެ ކޮމިޝަންތަކަށް ހުށަނޭޅޭނެ ކަމަސް އޭނާ ވިދާޅުވި އެވެ.
"އެހެން ކަމުން އަޅުގަނޑު މި ބަލަނީ މި ތަނުން (ޕީޖީ އޮފީހުން) އެ މައްސަލަތައް ބެލޭނެ ކަމަށް،" އިބްރާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ