11 ރަށުގެ ބިޑަށް އެންމެ މަތީ މާކްސް ލިބުނު ފަރާތްތައް އިއުލާންކުރައްވައިފި

އަހުމަދު ޒާހިރު (ހިރިގާ)
އަދި އަހުމަދު ސައީދު ހަވީރު ނިއުސް ސާވިސް
ރިސޯޓްތަކުގެ ގޮތުގައި ތަރައްގީ ކުރުމަށް އަލަށް ބިޑަށްލި 11 ރަށުގެ ތެރެއިން ކުއްޔާ އެކު އެންމެ މަތީ މާކްސް ލިބުނު ފަރާތްތައް ބިޑް އިވެލުއޭޝަން ކޮމެޓީގެ ފަރާތުން ރޭ ހާމަކުރައްވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ލެޓާ ހެޑްގައި ބިޑް އިވެލުއޭޝަން ކޮމެޓީގެ ފަރާތުން ރޭ އިރާކޮޅު ނެރުއްވާފައިވާ ޝީޓެއްގައި ވާ ގޮތުން، 11 ރަށުގެ ތެރެއިން އެންމެ މަތީ މާކްސް ލިބިފައިވާ ހަ
ފަރާތަކީ އެ ރަށްތަކަށް އެންމެ މަތީ ކުލި ވެސް ހުށަހަޅައިފައިވާ ފަރާތްތަކެވެ. ތިން ރަށަކީ ދެ ވަނަ އަށް އެންމެ ބޮޑެތި ކުލި ހުށަހެޅި ފަރާތްތަކެވެ.
އެންމެ މަތީ މާކްސް ލިބުނު ފަރާތްތައް ބިޑް އިވެލުއޭޝަން ކޮމެޓީން ހާމަކުރެއްވި ނަމަވެސް، ޓޫރިޒަމް މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ރޭ ވިދާޅުވީ ރަށްތައް އެވޯޑްކުރައްވާނީ މައްސަލައެއް އޮތްތޯ ކޯޓުން ޗެކްކުރެއްވުމަށް ފަހު އަދި އެއް ފަރާތަކަށް ދެ ރަށް ލިބިފައިވޭތޯ ވެސް ބެއްލެވުމަށް ފަހު ކަމަށެވެ. ނަމަވެސް އެކަން ހަމަޖެހި ރަށްތައް އެވޯޑްކުރައްވާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.
ބިޑް އިވެލުއޭޝަން ކޮމެޓީގެ "ފައިނަލް އިވެލުއޭޝަން ރިޒަލްޓްސް" ގައި ވާ ގޮތުން 13 ފާރާތަކުން ވާދަކުރި، ހއ. އަލިދޫގެ އެންމެ ގިނަ މާކްސް ހޯދައިފައި ވަނީ، އެނދަކަށް އަހަރަކު 11،080 ޑޮލަރުގެ ރޭޓުން 10 އަހަރު ދުވަހަށް 22.16 މިލިއަން ޑޮލަރު ހުށަހަޅާފައިވާ، ޓްރެންކިއުލިޓީ ޕްރައިވެޓް ލިމިޓެޑެވެ. ޓްރެންކިއުލިޓީ އަކީ ހ. ފަށަން އަހްމަދު ސަލީމާއި އެގޭ ޒުލޭހާ މުހައްމަދުގެ ނަމުގައި އުފައްދަވާފައިވާ ކުންފުންޏެކެވެ. އެވްރެޖްކޮށް އަލިދު އަށް ހުށަހަޅާފައިވާ ކުއްޔަކީ އެނދަކަށް އަހަރަކު 6،870 ޑޮލަރެވެ.
ފަންސަވީސް ފަރާތަކުން ވާދަ ކުރި، 200 އެނދުގެ ހދ. ހޮނޑާފުށީގެ ބިޑުން އެންމެ ގިނަ މާކްސް ހޯދާފައި ވަނީ ހ. ގިރީތެރޭގޭ އަބްދުﷲ އަލީ އަށެވެ. އޭނާގެ އެނދަކަށް އަހަރަކު 27،777 ޑޮލަރުގެ ރޭޓުން 10 އަހަރަށް 55.55 މިލިއަން ޑޮލަރެވެ. އެ ރަށަށް އެވްރެޖްކޮށް ހުށަހަޅާފައި ވަނީ އެނދަކަށް އަހަރަކު 11،815 މިލިއަން ޑޮލަރެވެ.
ބާވީސް ފަރާތަކުން ވާދަކުރި، 200 އެނދުގެ ށ. ދޮޅިޔަދޫގެ ބިޑުން އެންމެ ގިނަ މާކްސް ހޯދާފައި ވަނީ ހ. ބަރަބޯމާގޭ މުހައްމަދު ލަތީފެވެ. އޭނާ ހުށަަހަަޅައިފައި ވަނީ އެނދަކަށް އަހަރަކު 17،950 ޑޮލަރުގެ ރޭޓުން 10 އަހަރު ދުވަހަށް 35.9 މިލިއަން ޑޮލަރެވެ. އެވްރެޖްކޮށް އެރަށަށް ހުށަހަޅާފައިވާ ކުއްޔަކީ އެނދަކަށް އަހަރަކު 800` 11 ޑޮލަރެވެ.
ސަތޭކަ އެނދުގެ ނ. ރަންދެލި އަށް 20 ފަރާތަކުން ބިޑްކުރި އެވެ. އެ ރަށުގެ ބިޑުން އެންމެ ގިނަ މާކްސް ހޯދައިފައި ވަނީ މ. ވާދީގޭ އަލްމަރުހޫމް މުހައްމަދު ޒާހިދެވެ. އޭނާ ހުށަހަޅާފައިވާ ކުއްޔަކީ އަހަރަކު އެނދަކަށް 125` 18 ޑޮލަރުގެ ރޭޓުން 10 އަހަރަށް 18.12 މިލިއަން ޑޮލަރަށެވެ. އެ ރަށަށް އެވްރެޖްކޮށް ހުށަހަޅާފައި ވަނީ އެނދަކަށް އަހަަރަކު 10،130 ޑޮލަރެވެ.
އެންމެ ގިނަ ފަރާތުން ބިޑްކުރި، 100 އެނދުގެ ނ. މާވެލާވަރުން އެންމެ ގިނަ މާކްސް ހޯދާފައި ވަނީ ބިގް އައިލެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑެވެ. އެ ފަރާތުން އެނދަކަށް އަހަރަކު 21،550 ޑޮލަރުގެ ރޭޓުން 10 އަހަރަށްް 21.55 މިލިއަން ޑޮލަރު ހުށަހަޅާފައިވެ އެވެ. ބިގް އައިލެންޑްސް މޯލްޑިވްސް އަކީ، މއ. އުރަހަ، ހުސްނު އަލް ސޫދު އާއި ހަމަ އެގޭ ޑރ. އަބްދުﷲ ޒާހިރާއި ހ. ލަންޓަން ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ނަމުގައި އުފައްދާފައިވާ ކުންފުންޏެކެވެ. އެއްތިރީސް ފަރާތަކުން ވާދަކުރި ބިޑުގައި އެ ރަށަށް އެވްރެޖްކޮށް ހުށަހަޅާފައި ވަނީ އެނދަކަށް އަހަަރަކު 11،100 ޑޮލަރެވެ.
ދުއިސައްތަ އެނދުގެ ލ. އޮޅުވެލީގެ އެންމެ ގިނަ މާކްސް ހޯދާފައި ވަނީ ، ޏ. ފުވައްމުލަކު ނީރާވެލި، މުހައްމަދު އިބްރާހީމް ދީދީ އަށެވެ. ތޭވީސް ފަރާތަކުން ވާދަކުރި ބިޑްގައި، އޭނާ ހުށަހަޅާފައި ވަނީ އެނދަކަށް އަހަރަކު 16،649.8 ޑޮލަރުގެ ރޭޓުން 10 އަހަރަށް 33.29 މިލިއަން ޑޮލަރެވެ. އެ ރަށުގެ އެވްރެޖް ކުއްޔަކީ އަހަރަކު އެނދަކަށް 115،755 ޑޮލަރެވެ.
ތ. ކަޅުފަހަލަފުށި ( 200 އެނދު)، ގެ އެންމެ ގިނަ މާކްސް ހޯދާފައި ވަނީ ހ. މިލީނިއާ، ޝަބީރު އަހްމަދަށެވެ. އެނާ ހުށަހަޅާފައި ވަނީ އެނދަކަށް އަހަރަކު 758` 26 ޑޮލަރުގެ ރޭޓުން 10 އަހަރަށް 53.51 މިލިއަން ޑޮލަރެވެ. ވިހި ފަރާތަކުން ބިޑްކުރި އެ ރަށުގެ އެވްރެޖް ކުއްޔަކީ އަހަރަކު އެނދަކަށް 16،210 ޑޮލަރެވެ.
ދުއިސައްތަ އެނދުގެ ގއ. ފުނަމައުއްޑާ ބިޑްގައި 12 ފަރާތަކުން ވާދަކުރި އެވެ. އެ ރަށުގެ ބިޑުން އެންމެ ގިނަ މާކްސް ހޯދާފައި ވަނީ ދެކުނު ދުނި އިންވެސްޓްމަންޓަށެވެ. ދެ ކުނު ދުނި އިންވެސްޓްމަންޓަކީ ހ. ގަދަގޭ ހުޅަނގުގޭ އައިޝަތު ލުލު އާއި މއ. ތަބައްގޭ މުހައްމަދު މުޒުނީ އާއި ހ. ލަންޓަން މުހައްމަދު ނަޒީރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ. އެ ރަށަށް އެ މީހުން ހުށަހަޅާފައި ވަނީ އެނދަކަށް އަހަރަކު 10،350 ޑޮލަރުގެ ރޭޓުން 10 އަހަރަށް 10.3 މިލިއަން ޑޮލަރެވެ. އެވްރެޖްކޮށް އެ ރަށަށް ހުށަހަޅާފައިވާ ކުއްޔަކީ އެނދަކަށް އަހަރަކު 8،150 ޑޮލަރެވެ.
ގއ. ހަޑަހާ ) 100 އެނދު( ގެ ބިޑް ޑްރިފްޓްވުޑް މޯލްޑިވްސް އަށެވެ. ޑްރިފްވުޑަކީ މ. ވާރޭވިލާ އަޝްރަފު އަލީ އާއި އެގޭ އަރުޝަދު އަލީ އާއި އެ ގޭ އަސްއަދު އަލީ އާއި އެގޭ ޝާހީނާ އަލީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ. އެ ރަށަށް އެ ފަރާތުން ހުށަހަޅާފައިވާ ކުއްޔަކީ އެނދަކަށް އަހަރަކު 10،300 ޑޮލަރުގެ ރޭޓުން 10 އަހަރަށް 10.3 މިލިއަން ޑޮލަރެވެ. ބާރަ ފަރާތަކުން ވާދަ ކުރި ހަޑަހާ އަށް އެވްރެޖްކޮށް ހުށަހަލާފައި ވަނީ އެނދަކަށް އަހަރަކު 7،689.2 ޑޮލަރެވެ.
ގދ. ކޮނޮއްޓާ ) 100 އެނދު(ގެ ބިޑުން ގިނަ މާކްސް ހޯދާފައި ވަނީ ކްރިސްޓަލް ލެގޫން ރިސޯޓްސް އެވެ. ކްރިސްޓަލް ލެގޫން އަކީ ސ. މަރަދޫ ކީރަންމާގެ، އަލީ އަހުމަދާއި މ. ހަނިފަރު މުހައްމަދު ރަޝީދާއި މއ. ނައިބުގޭ އަހްމަދު ހަލީމާއި ގދ. ހަވަރުތިނަދޫ ފެންމުލީގެ އަބްދުﷲ އަލީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ. އެ ފަރާތުން އެ ރަށަށް ހުށަހަޅާފައި ވަނީ އެނދަކަށް އަހަރަކު 11،600 ޑޮލަރުގެ ރޭޓުން 10 އަހަރަށް 11.6 މިލިއަން ޑޮލަރެވެ. އެ ރަށުގެ އެވްރެޖް ކުއްޔަކީ 834` 8 ޑޮލަރެވެ.
ފަަނަރަ ފަރާތަކުން ވާދަކުރި ގދ. ލޮނުދޮހުއްޓާ ) 100 އެނދު(، ގެ ބިޑުން އެންމެ ގިނަ މާކްސް ހޯދާފައި ވަނީ، ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް އަށެވެ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް އަކީ، މ. ނަސީމުއަށްސޮބާހު އިބްރާހީމް ނަސީރު އާއި ގ. ފިތުރޯނުގޭ ހުސައިން ސޮލާހުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައުވާ ކުންފުންޏެކެވެ. އެ ރަށަށް އެ ފަރާތުން ހުށަހަޅާފައިވާ ކުއްޔަކީ އެނދަކަށް އަހަރަކު 12،500 ޑޮލަރުގެ ރޭޓުން 10 އަހަރަށް 12.5 މިލިއަން ޑޮލަރެވެ. އެ ރަށުގެ އެވްރެޖް ކުއްޔަކީ އަހަރަކު 40،350 ޑޮލަރެވެ.
އަލަށް ބިޑްކުރި 11 ރަށަށް ޖުމްލަ 206 ފަރާތަކުން ބިޑްކުރި އެވެ. ދަރުބާރުގޭގައި އެމެރިކާގެ ކުންފުންޏަކުން ބިޑް އިވެލުއޭޓްކުރީ 60،000 ޕައުންޑަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ