ތިލަފަތުގެ އެއްކޮޅަށް 800 މިލިއަން ޑޮލަރުގެ ޑޮކިއުމަންޓް އެޅިޔަސް މައްސަލަ ސާބިތުކުރަން ލާހިކެއް ނޫން: ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު އަބްދުﷲ ޔާމީން ގުޅިގެން ވަގަށް ހިންގަވާފައިވާ ކަމަށް، އިންޑިއާގެ ނޫހެއްގައި ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރި އަކީ ސައްހަ ގޮތުގައި ކޮށްފައިވާ ވިޔަފާރިއެއް ކަމަށާއި 800 މިލިއަން ޑޮލަރަށްވާ ވަރަށް ތިލަފަތުގެ އެއްކޮޅަށް ޑޮކިއުމަންޓް އެރުވިޔަސް ތުހުމަތުތައް ސާބިތުކޮށް ނުދެވޭނެ ކަމަށް ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫނާއި ޔާމީންގެ މައްޗަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ތަހުގީގުކުރުމަށް ސަރުކާރަށް ގޮވާލައި، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ ހުށަހެޅުއްވި ގަރާރާ ބެހޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުލަކު ދާއިރާގެ މެމްބަރު ޔާމީން ވިދާޅުވީ ގާނޫނާ ހިލާފު އެއްވެސް ކަމެއް ސިންގަޕޫރުގައި ހިންގިޔަ ނުދޭނެ ކަމަށާއި އެއް ގައުމުން މުދާ ގަނެގެން އަނެއް ގައުމަށް ވިއްކުމަކީ ވަގު ވިޔަފާރިއެއް ކަމަށް ބަޔަކު ބުނަން ޖެހޭނީ ކޯޓުގައި ސާބިތުކުރުމަށް ފަހުގައި ކަމަށެވެ.
ޔާމީން ވިދާޅުވީ މައުމޫނާއި އޭނާގެ މައްޗަށް އެ ތުހުމަތުތައް މި ސަރުކާރުން ކޮށްފައި ވަނީ ވަރަށް "ފިނޑިކޮށް" ކަމަށެވެ. އެގޮތުން ފުރަތަމަ ނޫސްވެރިއަކު ލައްވައި އަދި މިހާރު ގާރާރެއް ހުށަހަޅައިގެން އެ ވާހަކަ ދައްކަމުން ދަނީ އެ ނޫން ގޮތަކަށް މައްސަލަ ތަހުގީގު ކުރެވެން ނެތީމާތޯ ޔާމީން ސުވާލު ކުރެއްވި އެވެ.
"މި މައްސަލަ ބަލަން ކެރެންޏާ ހަމަ ބަލަންވީ. ބެލުމަށް އަޅުގަނޑު ހިތްވަރުދެން. ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑު މިހިރީ ކެތް މަދުވެފައޭ. އަށްސަތޭކަ މިލިއަން ޑޮލަރަށް ވާ ވަރަށް ޑޮކިއުމަންޓް ތިލަފަތުގެ އެއްކޮޅަށް އެރުވިއަސް ލާހިކައެއް ނޫނޭ ސާބިތުކުރާކަށް. އަޅުގަނޑުމެންނަކީ ސަރުކާރުން ވަކިވެގެން ދިޔައިރު ފައިލްތައް ހިފައިގެން ދިޔަ ބައެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯގެ ކުރީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޔާމީން ވިދާޅުވީ ސިންގަޕޫރުގައި ކޮށްފައިވާ އެ ވިޔަފާރި އަކީ ސައްހަ ވިޔަފާރިއެއް ކަމަށާއި އެކަމަކާ މައުމޫނާ ގުޅުމެއް ނޯންނާނެ ކަމަށެވެ. އޭރުގެ ރައީސަކަށް މައުމޫން ހުންނެވުމަކުން އެކަމުގެ ޒިންމާ އެމަނިކުފާނު އުފުއްލަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު މިހިރީ މިކަމުގައި ޒިންމާ އުފުލަން. ގައުމެއްގެ ރައީސަކު [އޭރުގެ ރައީސް މައުމޫން] ޒިންމާ އުފުއްލަވަން ނުޖެހޭނެ. މިކަމުން އޭރުގެ ރައީސް މައުމޫން ބަރީއަވާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެން ނޫންކަމަށް ވާނަމަ މިހާރު މި ރާއްޖޭގައި ހިނގާ ފަސާދައިގެ ހުރިހާ ކަމެއްގެ ޒިންމާ ރައީސް ނަޝީދު އުފުއްލަވަން ޖެހޭނެ،" ޔާމީން ވިދާޅުވި އެވެ.
އެސްޓީއޯ އިން ހިންގި އެ ވިޔަފާރި އަކީ ވަގު ވިޔަފާރިއެއް ނަމަ ސާބިތުކޮށްދިނުމަށް ޔާމީން މަޖިލީހުގައި ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.
"އެސްޓީއޯ އިން ހުންނާނެ ދުނިޔޭގެ އެތަން މިތަނުގައި ކޯޕަރޭޓް އުސޫލުން ވިޔަފާރިކޮށްފައި. ގާނޫނުގެ އެއްވެސް ގޮތަކުން އެއީ ވަގު ވިޔަފާރިއެއްގެ ގޮތުގެ ދެއްކޭނެ އެއްވެސް ގޮތެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެ މައްސަލަ ބެލުމުގެ ތެރޭގައި ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އިސްވެ ހުންނަވައި ދުނިޔޭގެ އެތަން މިތަނުގައި ދައުލަތުގެ މުދާ ގަނެފައިވާ ފަރާތްތަކުގެ ލިސްޓެއް ހޯދުމަށް މަސައްކަތް ކުރެއްވި އެވެ. އެ ލިސްޓު މިހާރުގެ ސަރުކާރުގައި އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކީއްވެގެންތޯ އެ ލިސްޓު ހާމަކުރަން ނުކުރިގެން މި އުޅެނީ. މި ލިސްޓުގައި އޮންނާނީ މި ސަރުކާރަށް މިހާރު އެހީތެރިވާ މީހުންގެ އެސެޓްތަކުގެ ވާހަކަ. އޭގައި ނޯންނާނެ އެހެން މީހެއްގެ ވާހަކަ. އަޅުގަނޑު ދެނެހުރިން މި މައްސަލައިގައި ވޯލްޑް ބޭންކުގެ ފަރާތުން ސްޓޯލަން އެސެޓް ރިކަވަރީ ޕްރޮގްރާމްގެ ދަށުން މިތަނަށް ޑެޒިގްނޭޓްކޮށްފައި ހުރީ ޖޫޑް ލޮންގް ކިޔާ ލޯޔަރެއް،" ޔާމީން ވިދާޅުވި އެވެ.
ރާއްޖެ ނާދެވޭގޮތަށް ކުރީގެ ސަރުކާރުން ފޮނުވާލާފައިވާ އެ ލޯޔަރުގެ ގޮނޑިއެއް މިހާރު ރިޔާސީ ކޮމިޝަނުގައި އެބަހުރި ކަމަށާއި މައްސަލަ ބެލުމަށް އޭނާ ސިންގަޕޫރަށް ދިޔަ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި މައްސަލަ ބެލުމަށް ކަނޑައެޅި އެ ލޯޔަރަކީ މިހާރު އެސްޓީއޯ އިން ސިންގަޕޫރުގައި ހިންގާ މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީގެ ކޮންސަލްޓަންޓް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"މިވަރުގެ ވަގު ވިޔަފާރިކުރާ ތަނުގެ ކޮންސަލްޓަންޓަކަށް މިދިޔައީ މައްސަލަ ބަލާ މީހާ. އެހެންވީމަ އަޅުގަނޑު މިދަންނަވަނީ ބަލަން ކެރިގެން ބަލާށޭ،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގްރާންތޯންޓަން ކިޔާ ފޮރެންސިކް އޮޑިޓަރުންނާ ހަވާލުކޮށްގެން މި ސަރުކާރުން މައްސަލަ ބެލި ނަމަވެސް މިހާތަނަށް އެއްވެސް އެއްޗެއް އެނގިފައެއް ނުވެ އެވެ. އެ މީހުން ލައްވާ ކުރުވާފައިވާ މަސައްކަތަށް މި ސަރުކާރުން އެއް މިލިއަން ޑޮލަރު ދީފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެ މީހުންނަށް ފައިސާ ދޫކޮށްފައި ވަނީ ދިވެހި ދައުލަތުގެ ބަޖެޓުގެ ކޮން އައިޓަމަކުން ކަމާ މެދު ވެސް ސުވާލުއުފެދޭ ކަމަށެވެ. އަދި ދައުލަތުން ފައިސާ ނަގައި އެ މީހުން މަސައްކަތް ކުރަމުން ދަނީ މައްސަލަ ދިގު ދަންމަން ކަމަށާއި އެ މީހުންގެ އެއްވެސް ސައްހަ ޑޮކިއުމެންޓެއް މިހާތަނަށް އާއްމުކުރެވިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި ވަގު ވިޔަފާރި އަށް ތުހުމަތުކޮށްފައިވާ މައްސަލާގައި ހިމެނޭ ހުރިހާ ފައިލްތަކެއް ވެސް ގްރާންތޯންޓަނުން ވަނީ ގެންގޮސްފަ އެވެ. އަދި ސަރުކާރުގެ ވިޔަފާރިއާ ބެހޭ 8 އަހަރު ދުވަހުގެ ފައިލްތަކެއް އެ ކުންފުންޏަށް ގެންދެވުނުގޮތަކާ ދޭތެރޭ ވެސް މަޖިލީހުގައި ޔާމީން ސުވާލުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ