ނަޝީދު އިސްތިއުފާ ދެއްވި ދުވަހު، ސިފައިންނަށް އަމުރުމައުރޫފު ހިންގަވަމުން ދިޔަ ވީޑިއޯއެއް ލީކްވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން އެމްއެންޑީއެފްގެ ހެޑްކުއާޓާޒްގައި ސިފައިންނަށް ކޮމާންޑްކޮށް އަޑުގަދަކުރައްވައި، ސިފައިން ބޭރަށް ނުކުތުމަށް އަމުރުކުރައްވާ މަންޒަރު ފެންނަ ވީޑިޔޯއެއް އިންޓަނެޓްގައި މިރޭ ލީކުވެއްޖެ އެވެ.
އެ ވީޑިއޯ އިން ފެންނަ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބުރާހިމް ކަލޭފާނާއި ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ކުރީގެ މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް ކޮޅުކޮޅު މައްޗަށް ވަޑައިގެންނަވާ މަންޒަރު ފެނެ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި ކުރީގެ ރައީސް ސިފައިންނާ މުހާތަބުކުރައްވައި އަޑުހަރުކޮށް ވިދާޅުވަމުން ގެންދެވީ އެތަނުގައި ނުތިބެ، ނުކުތުމަށާއި "މިތަން ފަތަހަކޮށްބަލަ، މުޅި މާލެ ހަލާކުވެއްޖެ. ކަލޭމެން ކީއްވެފާތަ ތިތިބީ،" ކަމަށް ވިދާޅުވާތަން ފެނެ އެވެ.
އެވީޑީއޯ އިން ފެންނަ ގޮތުގައި ރައީސް ނަޝީދު ހުންނެވީ ވަރަށް ބޮޑަށް ހާސްވެ ވަޑައިގެންފަ އެވެ. އަދި ކޮޅުކޮޅުމައްޗަށް ވަޑައިގެން ވަކިވަކި ސިފައިންނަށް ވެސް ކޮމާންޑް ދެއްވާ މަންޒަރު ފެންނަމުން ދިޔަ އެވެ.
ވީޑިއޯ ލީކުވުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވި ކަމަށް ބުނެ ބޭރުގެ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައި ވަނީ ރައީސް ނަޝީދު ވެރިކަމުންބޭލީ ސިފައިން ހަތިޔާރުގެ ބިރުދައްކައިގެން ކަމަށެވެ. އަދި މިއަދު މީޑިޔާ އަށް އެމަނިކުފާނުގެ އަމިއްލަ ގެކޮލުގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ވެރިކަން ވައްޓާލީ ބަޣާވާތެއްކޮށްގެން ކަމަށާއި ސިފައިންގެ ތެރޭގައި ކުރިން އުޅުއްވި ބޭފުޅެއް ވަޑައިގެން އިސްތިއުފާ ދެއްވުން ނޫން ގޮތެއް ނެތްކަމަށް ވިދާޅުވުމުން ކަމަށެވެ.
ނަމަވެސް މިދިޔަ އަންގާރަ ދުވަހު ހިނގި ހާދިސާ ކޮންޓްރޯލްކުރުމުގެ އިސްކޮމާންޑަރަކަށް ހުންނެވި އެމްއެންޑީއެފް މާލޭ އޭރިޔާގެ ކޮމާންޑަރު ބްރިގޭޑިޔާ ޖެނެރަލް އިބުރާހިމް މުހައްމަދު ދީދީ ރޭ ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ވެރިކަމުން ދުރުކުރުމަށް ހަތިޔާރުގެ ބޭނުންކޮށްގެން އެބޭފުޅުންގެ ތެރެއިން އެއްވެސް މީހަކު އަމުރު ނުކުރާ ކަމަށާއި ރައީސް ނަޝީދު ރާއްޖޭގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ފުޅަށް ކަމަށެވެ.
ލިޔުމާ ގުޅޭ ވީޑިއޯ:http://www.youtube.com/watch?v=2yG6SGNVmp0
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ