"ނަޝީދު ވަނީ ގޯސް ހައްދަވާފައި، ގާނޫނު އަރާ ހަމަކުރާނެ"

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް އާ ސީޕްލޭން ޓާމިނަލްއިން ބޮޑު ބައެއް ދިނުމުގައި ސަރުކާރުން ގޯސް ހަދާފައިވާ ކަމަށާ އެކަމުގައި ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގޭވަރުގެ ހެކި އެބަހުރި ކަމަށާ ގޯސް ހެދި މީހުންނާ ގާނޫނު އަރާ ހަމަކުރާނެ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިއަދު ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ އެމްއޭސީއެލްއާ އެކު ސައްހަ އެއްބަސްވުމެއް އޮތް ކަމަށް ބުނުމުގެ ހައްގު ޓީއެމްއޭ އަށް ލިބިގެންނުވާ ކަމަށެވެ. ޖަމީލް ވިދާޅުވީ އެމްޑީޕީން ސަރުކާރާ ހަވާލުވާ ކޮންމެ ފަހަރަކު މަސައްކަތް ކުރަމުންދަނީ އަމިއްލަ ފައިދާއަށް ގައުމުގެ ހަރުމުދާތައް އެހެން ފަރާތްތަކަށް ދޫކުރުމަށް ކަމަށެވެ. މިފަހަރުވެސް ކަން ހިނގާފައިވަނީ އެމަގުން ކަމަށް ވިދާޅުވެ، ޖަމީލް ވަނީ އެކަމުގެ ހެކި ހުރިކަމަށް ވިދާޅުވެފައެވެ.
"މި ހުރިހާ ކަމަކުން ސާފުވެ، އެނގިގެންދާ ކަމަކީ، އެމްޑީޕީން ސަރުކާރާ ހަވާލުވާ ކޮންމެ ފަހަރަކު، އަމިއްލަ ފައިދާ އަށް ގައުމުގެ ހަރު މުދާ ދޫކޮށްލަން އަވަދިނެތި މަސައްކަތްކުރާކަން. އެކި ފަރާތްތަކާއެކު، ފިނޭންސް މިނިސްޓަރާއި މަޖިލިސް ރައީސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ ވަރުގެ ހެކި އެބަހުރި. ގާނޫނު އަރާ ހަމަކުރާނެ." ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ އެމްއޭސީއެލްއަށް ބޮޑު ފައިދާއެއްވާން އޮތް ލައުންޖް ހިދުމަތުގެ ކޮންޓްރޯލް ހޯދުމަށް ޓީއެމްއޭއިން މަސައްކަތް ކުރާއިރު، އެކަމުގައި ގަބޫލުކުރެވޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އާ ސީޕްލޭން ޓާމިނަލް އެއްކޮށް ނެގުމަށް ކުރަމުންދާ މަސައްކަތަކީ ގައުމާއި ރައްޔިތުން ގުރުބާންކޮށް، ކުންފުންޏަށް ބޮޑު ފައިދާ ހޯދުން ކަމަށެވެ.
"ޓީއެމްއޭ އިން މަސައްކަތް ކުރަންވީ ހިދުމަތް ރަނގަޅަށް ދިނުމަށް. ޗެކިން ކުރުމާއި އެ ނޫންވެސް ކަންކަމަށް ޖާގަ ހަމަޖެއްސިދާނެ. އެމްއޭސީއެލް އަށް ބޮޑު ފައިދާއެއް ވާން އޮތް ލައުންޖް ހިދުމަތަށް ވެރިވެގަންނަން ޓީއެމްއޭ އިން މަސައްކަތްކުރާ ކުރުމުގައި، ގަބޫލްކުރެވޭ ވަރުގެ ސަބަބެއް ނެތް. މުޅި ސަރަހައްދު އެއްކޮށް ނެގުމަށް މަސައްކަތް ކުރަނީ، އާންމު ރައްޔިތުން ގުރުބާންކޮށްގެން ބޮޑު ފައިދާއެއް ނެގުމަށް."
ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ---
ޖަމީލް ވިދާޅުވީ މިއަދުވެސް ގައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުންދަނީ ގެއްލުމުގައި ކަމަށެވެ. އަދި މިހާރު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދޭ އެމްއޭސީއެލްވެސް ދަތުރުކުރަމުންދަނީ ރަނގަޅު މަންޒިލަށް ނޫންކަން މިހާރު ފެންނަމުންދާ މަންޒަރުތަކުން ހާމަވާ ކަމަށެވެ.
"ވިޔަފާރިކުރުމުގައި ވެސް ރިވެތި ގޮތްތަކެއް ހުރޭ. ގައުމީ އެއާލައިން، މޯލްޑިވިއަން މިހާރުވެސް އެ ހިންގަނީ ގެއްލުމުގައި. އެމްއޭސީއެލް އަށްވެސް އެ ހާލު ޖެހެން ބޭނުންވަނީތޯ؟." ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ---
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެތައް މިލިއަން ޑޮލަރެއް ދީފައިވާ ކަމުގެ ތުހުމަތު ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުވެސް ވަނީ ކުރައްވާފައެވެ. ނަޝީދަށް ތުހުމަތުކުރައްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ޓީއެމްއޭއިން ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ މަޖިލީސް މެންބަރުންނާއި، ސަރުކާރު މެދުވެރިކޮށް އެ ވާހަކަތައް އޮއްބާލަން ކަމަށް ވެސް ވިދާޅުވިއެވެ.
"ޓީއެމްއޭއިން ރައީސް މުހައްމަދު ނަޝީދަށް 13 މިލިއަން ޑޮލަރު ދިންކަން އޮއްބާލަން މިއަދު އެމްޑީޕީގެ މެންބަރުން ލައްވާ ކުރީ ސަރުކާރޭ... ކުރީ ސަރުކާރޭ މި ކިޔަނީ."
ނަޝީދު ވިދާޅުވީ ގާނޫނާ ހިލާފަށް އަމަލުކުރާ މީހުންނާ ގާނޫނު އަރާ ހަމަ ކުރާނެ ދުވަސް އަންނާނެ ކަމަށެވެ.
އެކަމަށް އިޝާރަތް ކުރައްވާ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޓީއެމްއޭ އަށް ވިޔަސް އަދި އެހެން މީހަކަށް ވިޔަސް އެމަނިކުފާނަކަށް ރުފިޔާ ދޭން ނޫޅޭނެ ކަމަށާއި ނުވެސް ދެވޭނެ ކަމަށެވެ. އެފަދަ ކަމަކާ މީހަކު ވެސް ވިސްނާނެ ކަމަށެވެ.
"ދެއްވަން އުޅުއްވަބަލަ އެއްވެސް މީހަކު އެއްވެސް އެއްޗެއް، އެކަން ގޮސް ނިމިދާނެ ގޮތް އެބަޔަކަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ރިޝްވަތު ދިނުމަކީ ވެސް މަނާ ކަމެއް، ރިޝްވަތު ހިފުމަކީ ވެސް މަނާ ކަމެއް، ރިޝްވަތު ދޭން އުޅޭކަން އެނގި އެކަމާ އަޅާނުލުމަކީ ވެސް މަނާ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ ވަކި ކަމެއް ވަކި ގޮތަކަށް ކުރުމުގެ ނިޔަތުގައި އެއްވެސް މީހަކު އެމަނިކުފާނާ ރަހުމަތްތެރިވެ ވާހަކަ ނުދެއްކުމަށް އިހްލާސްތެރިކަމާއެކު އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
ޖަމީލް ވިދާޅުވީ ބަލަންވީ ތުހުމަތު ރައްދުވާ ފަރާތުގެ ޖަވާބަކަށް ނޫން ކަމަށެވެ. އެހެން ނޫންނަމަ ފަނޑިޔާރުންވެސް މަގާމުތަކުގައި ތިއްބެވީސް ކަމަށް ޖަމީލް ވިދާޅުވިއެވެ.
"ޖިންސީ ކުށެއް ނުކުރާކަން ގާއިމްވާނީ ކަމާ ގުޅުންހުރި އިދާރާގެ ތަހުގީގަކުން، ގާނޫނުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމަވާން ޖެހޭނެ." ޖަމީލް ވިދާޅުވިއެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އޮޕަރޭޓަރުންނަށް ކުއްޔަށް ދޭނެ ގޮތަކާމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ކުރިން އަޑު ފެތުރުނީ އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ވަރަށް ކުޑަ އަގަކަށް ޓީއެމްއޭއަށް ދިނުމަށް އެމްއޭސީއެލްއިން ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ފެންމަތިވެ، ސީޕްލޭން އޮޕަރޭޓަރުންގެ މެދުގައި ވެސް ބަހުގެ ހޫނު ހަމަލާތައް ދަނީ ރައްދު ކުރަމުންނެވެ.
މި މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް ކުރިން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމްއޭސީއެލްއާ ޓީއެމްއޭއަށް އެއްބަސްވެވޭ ގޮތަކަށް މައްސަލަ އަވަހަށް ނިންމުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވުމުން ގިނަ ބަޔަކު ވަނީ އެ މައްސަލާގައި ވަކި ބައެއްގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ ތުހުމަތުގެ އިނގިލި ދިއްކޮށްފަ އެވެ. އަދި ޓީއެމްއޭއާ އެއްކޮޅަށް ރައީސް ނަޝީދު ވަކާލާތު ކުރައްވަނީ އެމަނިކުފާނުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުގައި ހިމެނޭ މެންބަރެއްގެ މަސްލަހަތުގައި ކަމަށް ބުނެ އެކަމާ ގުޅުންހުރި ބައެއް ހެކިތައް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ހިއްސާކޮށްފައި ވެއެވެ.
އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓް ސިއްރު ކުރަން ނިންމުމުން މި ތުހުމަތުތައް ވަނީ އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ