ހުޅުމާލެ އަދި މާލެ ޖަލުގައި ބަންދުމީހުންނަށް އެކަހެރި ބައްދަލުވުން ދެވޭނެ އިންތިޒާމް ހަމަޖައްސައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުޅުމާލެ ޖަލާއި މާލެ ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންނަށް އެކަހެރި ބައްދަލުވުމުގެ ފުރުސަތު ދެވޭނެގޮތް ހަމަޖައްސައިފިއެވެ.
މިގޮތުން ހުޅުމާލެ ޖަލުގައި އެކަހެރި ބައްދަލުވުމަށް ހާއްސަކޮށް އިމާރާތްކުރެވުނު މިތަން މިއަދު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. މިތަނުގެ ބޭނުމަކީ ހުޅުމާލެ ޖަލުގައި އަދި މާލެ ޖަލުގައި ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން އެކަހެރި ބައްދަލުވުން ދޭންޖެހޭ ޤައިދީންނަށް މި ފުރުސަތު ދިނުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށް ކަރެކްޝަންސްއިން ހާމަކުރެއެވެ. އެކަހެރި ބައްދަލުވުން ދެވޭނީ ޝަރުއީ ކައިވެންޏެއް ކޮށްފައިވާ ފަރާތްތަކަށެވެ.
އެކަހެރި ބައްދަލުވުން ދިނުމުގައި އަމަލުކުރެވޭނީ ޤައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި އިނާޔާތްތަކާބެހޭ ގަވާއިދާއި އެ ގަވާއިދަށް އިސްލާހު ގެނައުމުގެ ގަވާއިދު ގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ. މިގޮތުން އެކަހެރި ބައްދަލުވުން ދެވޭނީ މަހަކު 2 ފަހަރު، ކޮންމެ ފަހަރަކު 24 ގަޑިއިރަށެވެ.
އެކަހެރި ބައްދަލުވުމަށް އެދި ފޯމް ހުށަހަޅާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ފެށިގެން މެންދުރު 2:30 އާ ދެމެދު މާލޭ ޖަލުގެ ރިސެޕްޝަނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ