އަޅުގަނޑު ބަންދުކުރީ ސިޔާސީ ގޮތުން ބިރު ދެއްކުމަށް: ޔާމީން

ހިމާޔަތްދޭން ކަމަށް ބުނެ އޭނާ އެމްއެންޑީއެފުގެ ބެލުމުގެ ދަށަށް ގެންދަވައި އާ ރަށުގައި ބެހެއްޓެވީ ސިޔާސީ ގޮތުން ބިރު ދައްކަވައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ގާނޫނީ އިމުގެ ބޭރުން ކަންކަން ކުރައްވަން ކެރިވަޑައިގަންނަވާކަން ހާމަކުރެއްވުމުގެ ގޮތުން ކަމަށް މުލަކު ދާއިރާގެ މެމްބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން އެމްއެންޑީއެފުގެ ބެލުމުގެ ދަށަށް ގެންދަވައި އަށް ދުވަސް ފަހުން ދޫކޮށްލީ އިއްޔެ މެންދުރު އެވެ. ހަވީރަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ "ޗާޓުން" ބޭރަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު އާންމުކޮށް އެކަން އިއުލާން ކުރެއްވުމަށް ފަހު ކުރެއްވި ކަމަކީ ގާނޫނީ އިމުން ބޭރުން ކަންކަން ކުރައްވަން ކެރި ވަޑައިގަންނަވާނެ ކަމަށާއި ބާރުގެ ބޭނުން ކުރައްވަން ޖެހިވަޑައިގެންފި ނަމަ އެކަން ވެސް ކުރައްވާނެ ކަން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ޗާޓުން ބޭރަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިތާ މާ ގިނައިރެއް ނުވަނީސް އަދި އަޅުގަނޑުގެ ގެ ކައިރިއަށް އެއްވުމަށް އެމްޑީޕީގެ ޖަލްސާގައި ގޮވާލުމާއެކު ރައީސް ނަޝީދު މިކަމެއް ކުރައްވަން ފެއްޓެވީ. ޗާޓުން ބޭރަށް ވަޑައިގަތުމަކީ ކޮބައިކަން ރައީސް ނަޝީދު މި ދައްކަވާލެއްވީ. ގާނޫނީ އިމުގެ ބޭރުން ކަންކަން ކުރައްވައި ސިޔާސީ މީހުން ހައްޔަރު ކުރެވިދާނެ ކަމުގެ ބިރު ރައީސް ނަޝީދު ދެއްކެވީ. އަޅުގަނޑު އެމްއެންޑީއެފަށް ގެންދިއުމުގައި އެ ނޫން އެއްވެސް ބޭނުމެއް އޮންނާނެ ކަމަކަށް އަޅުގަނޑު ނުދެކެން،" ކުރީގެ ރައީސް މައުމޫންގެ ކޮއްކޯފުޅު ވިދާޅުވި އެވެ.
ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ޔާމީން ވިދާޅުވީ އޭނާ އެމްއެންޑީއެފުގެ ހިމާޔަތަށް ގެންދެވީ އެއްވެސް ގޮތަކަށް ގައުމުގެ ހާލަތު ބަދަލުވެގެން ނޫން ކަމަށާއި އަދި އިއްޔެ މެންދުރު 12 ޖަހަން އުޅެނިކޮށް ކުއްލި ގޮތަކަށް ދޫކޮށްލީ ވެސް ހާލަތު ބަދަލުވެގެން ނޫން ކަމަށެވެ. އަދި ޔާމީން ވިދާޅުވީ ގައުމުގެ ހާލަތު ނުރައްކާތެރި ހިސާބަކަށް ގެންދިޔައީ ވެސް ރައީސް ނަޝީދާއި އެމްޑީޕީން ކަމަށެވެ.
"ރައީސް ނަޝީދަކީ އެމްޑީޕީ. އެމްޑީޕީއަކީ ރައީސް ނަޝީދު. އެހެންވީމަ އަޅުގަނޑު އެމްއެންޑީއެފަށް ގެންދިޔަ ރޭގައި އެމްޑީޕީ ޖަލްސާގައި އެ ހާލަތު ބަދަލުކުރީ. މިއީ ހަމަ ރާވައިގެން ހިންގި ކަމެއް. އެއްވެސް ގޮތަކަށް ހަމަ ހުރެފައި ގައުމުގެ ހާލަތު ބަދަލުވީކީއެއް ނޫން. ބަޔަކު މީހުން ގަސްދުގައި ހާލަތު ބަދަލުކުރީ،" ޔާމީން ވިދާޅުވި އެވެ. "އަޅުގަނޑު މި ދޫކޮށްލީ ވެސް ހާލަތު ބަދަލުވެގެނެއް ނޫން. އެ އޮތް ހާލަތެއް ވެއްޖިއްޔާ އަދިވެސް އެ ހާލަތު އެބައޮތް. އިއްޔެ ހެނދުނު 30: 11 ހާއިރު ކުއްލި ގޮތަކަށް އަޅުގަނޑަށް އެންގީ މާލެ ދިއުމަށް ތައްޔާރުވުމަށް. އެ ބޭފުޅުން [އާ ރަށުގައި ތިބޭ ސިފައިން] އަޅުގަނޑަށް އެންގީ މެންދުރު 12 ގެ ކުރިން ޔާމީން ގެއަށް ބަދަލު ކުރަން ތިމަންނަމެންނަށް އަންގައިފިއޭ. އަވަހަށް ތައްޔާރުވާށޭ. ތިއީ މިހާރު މިނިވަނެކޭ. އާ ރަށުން އައި ގޮތަށް އެމްއެންޑީއެފުން އަޅުގަނޑު ގެނައީ ގެއަށް. ވަކި އިތުރު އެއްޗެއް ނާންގާ. އެހެންވީމަ ހާލަތު މި އޮތީ ހަމަ ރަނގަޅަށް."
ޔާމީން ވިދާޅުވީ ޖިނާއީ އެއްވެސް ކުށެއްގެ ތުހުމަތެއް ނެތި އޭނާ އެމްއެންޑީއެފުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ރާއްޖެއާ ގުޅުން ހުރި ބޭރު ގައުމުތަކުގެ ސަފީރުން އަދި ހާއްސަކޮށް މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެންނެވި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ރޮބަޓް ބްލޭކްގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި ސަރުކާރުން ޔާމީން ދޫކޮށްލީ އެ ބޭފުޅުންގެ އެކިއެކި ފިއްތުންތަކާ ގުޅިގެން ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އެހެންވެ ރައީސް ނަޝީދަށް އަދި ސަރުކާރަށް ވެސް މަޖުބޫރުވެ ވަޑައިގަތީ ނޫންތޯ އަޅުގަނޑު ދޫކޮށްލަން. ރާއްޖެއާ ގުޅުން ހުރި ގައުމުތަކުގެ ސަފީރުން ހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ސަރުކާރުގެ ވެރިންނަށް ގުޅުއްވައި ގެންދެވީ ވާހަކަތައް ދައްކަވަމުން. ދެން ބްލޭކް ވެސް ވިދާޅުވި ނޫންތޯ އަޅުގަނޑުގެ މައްޗަށް ޗާޖް ކުރައްވާށޭ ނުވަތަ މިނިވަން ކުރައްވާށޭ. އެހެންވީމަ ސަރުކާރަށް ބޭރުގެ ފަރާތްތަކުން ގޮވަމުން އައި ގޮވުންތައް އެވަރުން ވެސް އެނގޭ ނޫންތޯ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން އެހެން ވިދާޅުވި ނަމަވެސް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ޔާމީން އާ ރަށުން ގެއަށް ގެންނެވީ އެއްވެސް ފަރާތަކުން ބާރު އަޅައިގެން ނޫން ކަމަށާއި ޔާމީން އެމްއެންޑީއެފުގެ ބެލުމުގެ ދަށަށް ގެންދެވި ހާލަތު މިހާރު ރަނގަޅުވެއްޖެ ކަމަށް ސަރުކާރަށް ފެނުމުން ކަމަށެވެ.
"ޔާމީން އެމްއެންޑީއެފުގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު އޮތް ނުރައްކަލަށް ބަލާފައި މި ވަގުތަށް ޔާމީން ބެލެހެއްޓޭ ވަރަށް ހާލަތު ރަނގަޅުވެއްޖެ ކަމަށް ސަރުކާރުން ބައްލަވާފައި މި ފިޔަވަޅު އެޅީ. އެހެން ނަމަވެސް އެ މަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގައި ހަތް ދާއިރާއެއް ތަމްސީލު ކުރާ ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ވުމާއެކު އެ ފެންވަރުގެ ބޭފުޅުންނަށް އޮންނަންޖެހޭ ސަލާމަތްތެރި ކަމާއި ހިމާޔަތް މިހާރު ވެސް ލިބެމުންދާނެ،" ޒުހައިރު ވިދާޅުވި އެވެ.
ސަރުކާރުން ޔާމީން ދޫކޮށްލީ "ގާނޫނީ ގޮތުން ސާފު ނޫން" ގޮތަކަށް ކަމަށާއި ދައުވާ ކުރުމާއި މިނިވަން ކުރުމާ ދެ ގޮތުންކުރެ ކޮންމެވެސް އެއްގޮތެއް ސަރުކާރުން ހިޔާރު ކުރަން ޖެހޭ ކަމަށް އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ރޮބަޓް ބްލޭކް ނޫސްވެރިން ގާތު ވިދާޅުވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.
ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ވަކިވަކިން ބައްދަލު ކުރެއްވުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބްލޭކް ވިދާޅުވިގޮތުގައި ޔާމީން ސިފައިންގެ ބެލުމުގެ ދަށުގައި ހުންނެވި ހައިސިއްޔަތެއް ސާފުވުން މުހިންމެވެ.
"ޔާމީންގެ މައްސަލައާ ބެހޭގޮތުން ދެންނެވޭނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޭނާގެ މައްޗަށް ކޮންމެވެސް ކަހަލަ ކުށެއްގެ ދައުވާ ކުރެވެން ޖެހޭ، ނުވަތަ އޭނާ ދޫކޮށްލެވެން ޖެހޭ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ، މިހާރު އުފެދިފައި މިއޮތް މައްސަލަ ހައްލު ކުރުމަށް އެހީވެދޭނެ ކަމެއް،" އެމެރިކާ ސަރުކާރުން ރާއްޖެ އަށް ކުރިން ސަފީރެއްގެ ގޮތުގައި ވެސް ކަނޑައެޅި ބްލޭކް ނޫސްވެރިއެއްގެ ސުވާލުގެ ޖަވާބުގައި ވިދާޅުވެފައި ވެ އެވެ.
ޔާމީން އެމްއެންޑީއެފުގެ ބެލުމުގެ ދަށަށް ގެންދެވީ ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގައި މަޝްވަރާކޮށް އެ ކައުންސިލުން އެ ގޮތަށް ނިންމެވުމުން ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ. އަދި ޔާމީން ދޫކޮށްލާނީ އެ ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ވެސް ސަރުކާރުން ބުނެފައި ވެ އެވެ.
ޕްރެސް ސެކްރެޓަރީ ވިދާޅުވީ ޔާމީން އާ ރަށުން ގެއަށް ގެންދެވީ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގައި މަޝްވަރާ ނުކުރެއްވި ނަމަވެސް އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާ ރައީސް ނަޝީދު ވަކިވަކިން މަޝްވަރާ ކުރެއްވުމަށް ފަހު އެ ބޭފުޅުންގެ ލަފާގެ މަތިން ކަމަށެވެ.
ޔާމީން އެމްއެންޑީއެފުގެ ބެލުމުގެ ދަށަށް ގެންދެވުމާ ގުޅިގެން އޭނާގެ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ ބަދަލު ހޯދުމުގެ މައްސަލައެއް މިހާރު ވެސް މަދަނީ ކޯޓުގައި ކުރިއަށް ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ