ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ލޯނު ލިބޭ އިތުރު މީހުންގެ ނަންތައް އާންމުކުރަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ކުރުމުގެ ލޯނަށް އެދި ހުށަހެޅި މީހުންގެ ތެރެއިން މިހާތަނަށް ލޯނު ދިނުމަށް ޝަރުތު ހަމަވާ މީހުންގެ ނަންތައް އިކޮނޮމިކް މިނިސްޓްރީން އާންމުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ލޯނަށް އެދި ހުށަހެޅި 1،636 މީހުންގެ ތެރެއިން 158 މީހަކު ލޯނަށް ޝަރުތު ހަމަވާ ކަމަށެވެ. އަދި އެއީ ސުނާމީގައި ގެއްލުން ލިބުނު ރަށްރަށުގެ ރައްޔިތުން ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީން ކަނޑައެޅި މިންގަނޑުގެ ތެރެއިން ލޯނު ދިނުމަށް ހޮވިފައިވާ މީހުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި ލޯނަށް ހޮވިފައިވާ މީހުން މި މަސް ނިމުމުގެ ކުރިން ބޭންކް އޮފް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ބޭންކިން ސެލް ނުވަތަ އަތޮޅުތަކުގައި ގާއިމްކޮށްފައިވާ އެ ބެންކުގެ ގޮފިތަކާ ގުޅައިގެން ލޯނުގެ ހުރިހާ ކަމެއް ނިންމަން ޖެހޭ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް މިނިސްޓްރީން ބުނެފައި ވަނީ މި މަސް ނިމުމުގެ ކުރިން ދޫކޮށް ނިންމަންޖެހޭ ފަންޑަކުން އެ ލޯނުތައް ދޫކުރާތީ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދިލް ސަލީމް މިއަދު ވިދާޅުވީ ފަހުން ލޯނު ދޫކުރާ 158 މީހުންގެ އިތުރުން މީގެ ކުރީ ބުރެއްގައި 86 މީހަކަށް ވެސް ލޯނު ދޫކޮށްފައިވާނެ ކަމަށެވެ. މި ދެ ބުރުގައި ވެސް ދޫކޮށްފައި ވަނީ މީހަކަށް 50،000ރ. ގެ ލޯނު ކަމަށް އާދިލް ވިދާޅުވި އެވެ.
"މިހާތަނަށް ޖުމުލަ 244 މީހަކަށް ލޯނު ދޫކުރަން އަޅުގަނޑުމެންނަށް މި ނިންމުނީ. އެޕްލިކޭޝަން ހުށަހަޅާފައިވާ މީހުންގެ މައުލޫމާތުތައް ސާފުވާ ވަރަކުން ލޯނަށް ޝަރުތު ހަމަވާ މީހުން އިއުލާން ކުރަމުން އަޅުގަނޑުމެން މިދަނީ. ފަހުން ޝަރުތު ހަމަވި މީހުން ބެންކް އޮފް މޯލްޑިވްސްއަށް ގޮސް އެގްރީމަންޓްތަކުގައި ސޮއިކޮށް ބެންކުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ނިންމުމުން ލޯނުގެ ކަންތައްތައް ހަމަޖެހޭނެ. އެއީ ޝަރުތު ހަމަވާ މީހުން،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ގާތްގަނޑަކަށް 17.5 މިލިއަން ރުފިހާ ދޫކުރަން ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން ހަތް މިލިއަން ރުފިޔާ އަކީ ސުނާމީއާ ގުޅިގެން ޖަޕާން ސަރުކާރުން މީގެ ދެ އަހަރު ކުރިން ދިވެހި ސަރުކާރަށް ދީފައިވާ ފައިސާ ކަމަށެވެ. އެހެން ނަމަވެސް އެ ހަތް މިލިއަން ރުފިޔާ ބޭނުންކޮށްފައި ނެތުމުން ޖަޕާން ސަރުކާރުން އެ ފައިސާ ކެންސަލް ކުރި ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
"ޖަޕާން ސަރުކާރުން ދިން ހަތް މިލިއަން ރުފިޔާ ހުރީ މުއްދަތު ހަމަވެގެން ކެންސަލް ކޮށްފައި. އެހެން ނަމަވެސް އަޅުގަނޑުމެން އެ ފަރާތާ ވާހަކަ ދައްކައިގެން މި ޑިސެމްބަރު މަހުގެ ނިޔަލަށް އެ ފައިސާ ބަހައި ނިންމުމަށް އެއްބަސްވެ އަލުން ހުއްދަ ލިބުނީ. ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ޖަޕާނުން ދިން މި ހަތް މިލިއަން ރުފިޔާ ބޭނުން ނުކޮށް ހުންނަތާ ދެ އަހަރު ވަރު ވެދާނެ،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހަތް މިލިއަން ރުފިޔާގެ ތެރެއިން ބާކީ ބައި ހަމަޖައްސަނީ ދިވެހި ސަރުކާރުން ކަމަށެވެ.
އާދިލް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް 50،000ރ. ގެ ލޯނު ދޫކުރުމަށް ފަހު، 200،000ރ. ގެ ލޯނު ވެސް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން އިރެއްގައި ކަމެއް އާދިލް ވިދާޅެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ