އިންޑިއާ ސަރުކާރުން ޓްރެޝަރީ ބޮންޑު ގަންނާނެ: ރައީސް ނަޝީދު

ެސްޓޭޓް ބޭންކް މެދުވެރިކޮށް ޓްރެޝަރީން ވިއްކަން ހަމަޖައްސާފައި ހުރި ބޮންޑުގެ ތެރެއިން އެކަށީގެންވާ އަދަދަކަށް ބޮންޑު ގަތުމަށް އިންޑިޔާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިޔާއަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ބެހޭ ގޮތުން ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިންޑިއާ ސަރުކާރުން ބޮންޑު ގަންނަން ފެށުމުން ޑޮލަރުގެ ތާށިކަމަށް ވަރަށްބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ.
"އެހެން އެކަން ކުރިއަށް ހިނގައިގަތީމާ އަޅުގަނޑުމެން މިދެކެނީ، މިހާރު މިއޮތް ޑޮލަރުގެ ތާށިކަމަށް ވަރަށްބޮޑު ލުޔެއް، ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް. އަޅުގަނޑާއެކު އަލީ ހާޝިމްވެސް ވަޑައިގެން އެބައުޅުއްވާ. އެހެންވީމާ، މި ވާހަކަތައް އިންޑިޔާ ސަރުކާރާއެކީގައި މިހާރު މިދަނީ ދެކެވެމުން،" ރައީސް ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް އިންޑިޔާގެ ކުންފުންޏަކުން ކުރާނެކަމުގެ ވަރަށްބޮޑު ޔަގީންކަމެއް ލިބިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް އެ މަނިކުފާނު ވިދާޅެއް ނުވެ އެވެ. ރައީސް އިތުރަށް ވިދާޅުވިގޮތުގައި "އިހަވަންދިއްޕޮޅުގައި ނަމަވެސް" ރާއްޖޭގައި އިތުރު ބަނދަރެއް ހެދުމަށް އިންޑިއާ ސަރުކާރުން އެހީ ވެދޭނެ ކަމުގެ ޔަގީންކަން ވެސް "ވަރަށް ބޮޑެ"ވެ.
ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ގުޅިގެން ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް މިހާރު ހިންގަމުން ގެންދާ މަޝްރޫއުގެ އެހީތެރިކަން ވަރަށް ބޮޑު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް މަސް ބާނަމުން ގެންދިޔަ އީރާނުގެ ދެ ބޯޓެއް އެ މަސައްކަތުގެ ދަށުން ހިފަހައްޓާފައިވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ކަނޑުތަކަކީ ދިވެހިން އެ ކަނޑުތަކުގައި މަސްބާނާ، ދިވެހިންނަށް އެކަނޑުތަކުން ރޯދި ލިބޭ ކަނޑުތަކަކަށްވުން. އިރާދަކުރެއްވިއްޔާ ސަރުކާރުން އެކަނޑުތައް ބަލަހައްޓައިދޭނެ. ރާއްޖޭގެ ކަނޑަށް އެއްވެސް ބަޔަކު، ބޭރުބަޔަކު ވަދެ މަސްބާނާ ހަދައިގެން ނުވާނެ. ހަދައިފިއްޔާ އެބަޔަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަޅަން އޮތް ހުރިހާ ފިޔަވަޅެއް އިރާދަކުރެއްވިއްޔާ އަޅާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި އިންޑިޔާ ސަރުކާރުން އަށް ލިބެމުން އަންނަ އެންމެ ބޮޑު އެއް އިތުބާރަކީ ރާއްޖޭގެ ޑިމޮކްރެސީ އަށް ލޮޅުމެއް އަންނާނެ އެއްވެސްކަމެއް ވިޔަ ނުދޭނެ ކަމެވެ. އެއީ ހުރިހާ ދިވެހިންނަށް ވެސް ހިތްހަމަޖެހުން ލިބޭނެކަމެއް ކަމަށާއި ރާއްޖެ ޑިމޮކްރަސީއަށް އެނބުރުމުގެ އެންމެބޮޑު ބޭނުމަކީވެސް އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަދު ސަރުކާރެއް ހިމާޔަތްކުރަން ތިބީކީއެއް ކަނޑިއާއި ބަޑި ހިއްޕަވައިގެން ތިއްބެވި ބޭފުޅުންނެއްނޫން. ސަރުކާރެއް ހިމާޔަތްކުރަން ހަމަތިބީ ހުސްއަތާ ތިބި ރައްޔިތުން. އެއީ ސަރުކާރެއް ހިމާޔަތްކުރާގޮތަކީ. އެއީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޑިމޮކްރަސީގެ އުސޫލުތަކާ ހަމަތަކުން ސަރުކާރު ހިނގަމުންދާއިރުގައި އޮމާންކަމާއެކީގައި ސުލްހަވެރިކަމާއެކީގައި ކަންކަން ހިނގަމުންދާ ސަބަބަކީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުގެ ހަރަދުގައި ރައީސް އެގައުމަށް ވަޑައިގެން އުޅުއްވަނީ މޫސުމަށް އަންނަ ބަދަލާއި އެއާގުޅޭ ޓެކްނޮލޮޖީއާ ބެހޭގޮތުން ދިއްލީގައި ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑު ވަޒީރު ދެއްވި ދައުވަތަކަށެވެ. އެ ބައްދަލުވުމުގެ ޝަރަފްވެރި މެހުމާނަކީ ރައީސް ނަޝީދެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި އެ ބައްދަލުވުމުގައި ރާއްޖެ ވަރަށް ފުޅާ ދާއިރާއެއްގައި ތަމްސީލް ވަމުން ދާނެ އެވެ.
"...ދިވެހިރާއްޖޭގެ ރައީސްއަކީ، މި ޖަލްސާގެ ޗީފްގެސްޓްގެ ގޮތުގައި ހަމަޖައްސަވާފައި އޮތީތީވެ، އަޅުގަނޑުމެންނަށް ފުޅާދާއިރާއެއްގައި ތަމްސީލުވުމުގެ ފުރުސަތު ހުޅުވިގެން މިދިޔައީ،" ރޭޑިއޯ ހިތާބުގައި ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ