ތުނބުޅި ބޭލުމަކީ ހަރާމް ކަމެއް ކަމަށް ބުނެ ކުޅުދުއްފުށީ ސެލޫނަކުން ތުނބުޅި ބާލައިދިނުން ހުއްޓާލައިފި

ތުނބުޅި ބޭލުމަކީ ދީނީ ގޮތުން ހަރާމް ކަމެއް ކަމަށް ބުނެ، ހދ. ކުޅުދުއްފުށީގައި ބޯކޮށުމުގެ ވިޔަފާރި އެންމެ ފުޅާކޮށް އަދި އެކަން ކުރާތާ އެންމެ ދުވަސްވީ އެއް ތަނުން ތުނބުޅި ބާލައިދިނުން ހުއްޓާލައިފި އެވެ.
ކުޅުދުއްފުށީގައި ހައެއްކަ އަހަރުކުރިން ހުޅުވި "ރަސްމާ ސެލޫން"ގެ ވެރިޔާ މި ރަށު ހެމްލިން މޫސާ އަލީ މިއަދު ބުނީ އޭނާގެ ސެލޫނުން މި ހުރިހާ ދުވަހު ކުރަމުން އައި ވިޔަފާރި ހުއްޓާލައިފައި ވަނީ ތުނބުޅި ބޭލުމަކީ، ފަހުގެ ދަންނަބޭކަލުން ހަރާމް ކަމެއް ކަމަށް ވިދާޅުވެ ކީރިތި ޤުރުއާނުން ދަލީލު ދައްކަވާތީ ކަމަށެވެ.
"އަޅުގަނޑު މިކަން ހުއްޓާލީ މިކަމަކީ ހަރާމް ކަމެއް ކަމަށް ދީނީ އިލްމުވެރިން ބުނާތީ އެކަމާ ގަންނާކުރައްވާ ބިރުން. އެހެން ނޫނަސް އަޅުގަނޑު ތުނބުޅި ބަހައްޓާފައި ފައިސާ ހޯދަން އެހެން މީހުންގެ ތުނބުޅި ބާލައި ދިނުމަކީ ހަމަޖެހޭ ކަމެއް ކަމަށް ވެސް ނުފެންނާތީ،" ދިގު ތުނބުޅިއެއް ހުރި މޫސާ އަލީ ބުންޏެވެ.
ސެލޫނަށް އަންނަ ހަމަ އެކަކުގެ ވެސް ތުނބުޅި ބާލައި ނުދިނުމަށް ތަނުގެ ވެރިފަރާތުން އެތާނގައި ގެންގުޅޭ ބިދޭސީ މީހާ އަށް އަންގާފައިވާ ކަމަށް ވެ އެވެ. އެހެން ނަމަވެސް، ކަސްޓަމަރުންގެ ހިތްހަމަނުޖެހުމާއި ތަނުގެ ވިޔަފާރި ދަށަށް ދާތީ ބައެއް މީހުންގެ ތުނބުޅި ބާލައިދެމުން ގެންގޮސްފައިވާ ކަމަށް ބިދޭސީ މީހާ ބުންޏެވެ. އެހެން ނަމަވެސް އޭނާ ބުނީ ތުނބުޅި ބާލައިގެން ލިބޭ އެއްވެސް ފައިސާއެއް ސެލޫންގެ ބޮޑުމީހާ ބޭނުންނުވާ ކަމަށާއި އެކަން ކޮށްގެން ލިބޭ ފައިސާ ލިބެނީ އޭނާގެ ޖީބަށް ކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވި އެވެ.
ރާއްޖޭގެ ބައެއް ރަށްރަށެކޭ އެއްގޮތަށް ކުޅުދުއްފުށީގައި ވެސް ދީނީ ގޮތުން ހިޔާލު ތަފާތުވުންތައް ވަނީ އުފެދިފަ އެވެ. ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަން ހިތްވަރުދޭ ބަޔަކު ވެސް މި ރަށުގައި އެބައުޅެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ