ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ: ކޯރަމް ގެއްލިގެން ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް ހޮއްވެވުމުގެ ހާއްސަ ޖަލްސާ ހުއްޓާލައ

ދިވެހި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ޑރ. މުހައްމަދު ލަތީފާއި ނާއިބު ރައީސް ކަމަށް ހުށަހެޅުއްވި ޑރ. އަބްދުލް މުހްސިން މުހައްމަދުގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ޖަލްސާގެ އިންޓަވަލު ފަހުގައި ޑީއާރުޕީގެ ބައެއް މެމްބަރުން ހާޒިރުވެވަޑައިނުގެންނެވުމުން ޖަލްސާ ހުއްޓާލައިފި އެވެ.
ފަންސާސް މެމްބަރުން ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާގެ އިންޓަވަލް ކުރީގައި 29 މެމްބަރުން ވަޑައިގެންނެވި ނަމަވެސް، އިންޓަވަލަށް ފަހު ތިއްބެވީ 23 މެމްބަރުންނެވެ. މަޖިލީހުގެ ކޯރަމަކީ 26 މެމްބަރުންނެވެ.
މަޖިލީހުގެ އިދާރާއިން ވިދާޅުވީ އިންޓަވަލްގެ ކުރީގައި ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އިންޓަވަލަށްފަހުގައި ހާޒިރުވެވަޑައިނުގެންނެވި މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުން ކަމަށްވާ އިބްރާހީމް ސަލީމާއި ފާތުމަތު ދިޔާނާ ސައީދާއި ނ. މެމްބަރު އަލީ މުހައްމަދާއި ބ. މެމްބަރު އަބްދުއްރަޝީދު އަބްދުއްރަހްމާނާއި ފ. މެމްބަރު އަބްދުލް ގަފޫރު އިބްރާހީމާއި ފުވައްމަލަކު މެމްބަރު އަބްދުﷲ މަސީހް މުހައްމަދެވެ.
ގާނޫނުގައިވާ ގޮތުން ސިވިލް ސާވިސް ކޮމިޝަނަށް ރައީސާއި ނާއިބު ރައީސް ހޮއްވެވުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، ބުރާސްފަތި ދުވަހުގެ ބޭއްވި ހާއްސަ ޖަލްސާ އަށް އިންތިހާބީ ގޮނޑިތަކުގައި ތިއްބެވި އެއްވެސް މިނިސްޓަރަކު އަދި ސަރުކާރަށާއި ޑީއާރުޕީ އަށް ނިސްބަތްވާ ގިނަ މެމްބަރުން ވަޑައިނުގަންނަވާތީވެ، ހާޒިރުވި މެމްބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
މާލޭ މެމްބަރު އިބްރާހީމް އިސްމާއީލް )އިބުރާ( ބުރާސްފަތި ދުވަހުގެ ޖަލްސާގައި ވިދާޅުވީ ސިވިލް ސާވިސްގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް މަޖިލީހުން ހޮއްވެވުމުގެ މުއްދަތު ހަމަވުމުގެ އެންމެ ފަހު ވަގުތުގައި މަޖިލީހުގެ ޖަލްސާ އަށް ވަޑައިގެންނެވުމަށްވުރެ މުހިންމު ކަމެއް މެމްބަރުންނަށް ނޯންނާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު މަޒީނާ ޖަމީލު ވިދާޅުވީ ކޮންމެ ސަބަބަކާ ހުރެ ނަމަވެސް މިއަދުގެ ޖަލްސާ އަށް މެމްބަރުން ވަޑައިނުގެނެވުމުން ހިތާމަކުރައްވާ ކަމަށެވެ.
ރާއްޖޭގައި މިނިވަން ސިވިލް ސާވިސް ކޮމިޝަނެއް އުފެއްދުމަށް ސަރުކާރުން ބޭނުންނުވާ ކަމަށާއި ސިވިލް ސާވިސްގެ ގާނޫނު ތަސްދީގުކުރެއްވި ފަހުން ވެސް، ވަޒީފާ ދިނުމާއި މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދެއްވުމުގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ވިދާޅުވެ ބައެއް މެމްބަރުން ސަރުކާރަށް ފާޑުވިދާޅުވި އެވެ.
ސިވިލް ސާވިސްގެ ގާނޫނު މަޖިލީހަށް ހުށަހެޅުއްވި މ. މެމްބަރު އަހްމަދު ނާޒިމު ވިދާޅުވީ "މި ބިލު ވުޖޫދަށް އަޔަނުދިނުމަށްޓަކައި ސަރުކާރުން ވަރަށް މަސައްކަތްކުރި" ކަމަށެވެ.
"ގާނޫނު ތަސްދީގުކުރި ފަހުން ވެސް ސަރުކާރުން ކަންތައް ކުރައްވަނީ މި ގާނޫނުގެ ރޫހާ ހިލާފަށް،" ނާޒިމު ވިދާޅުވި އެވެ.
ޅ. މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހް )އިބޫ( ވެސް ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަން އުފައްދަވާފައިވާއިރު، އެ ކޮމިޝަން ހިންގާނޭ އިމާރާތެއް ނެތް ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމަށް ޑރ. ލަތީފް އަދި ނާއިބު ރައީސަކަށް ޑރ. މުހްސިން ހޮއްވެވުމަށް ފެންނަ ކަމަށް އެ ދެ ބޭފުޅުންގެ ވަނަވަރު ދިރާސާކުރެއްވި މަޖިލީހުގެ ކޮމިޓީން ވަނީ ލަފާ ދެއްވައިފަ އެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވި 19 މެމްބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސަކަށް ޑރ. ލަތީފް އަދި ނާއިބު ރައީސަކަށް ޑރ. މުހްސިނަށް ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވީ ހަމައެކަނި ރ. މެމްބަރު އިބްރާހީމް ޝަހީދު ޒަކީ އެވެ. އަދި އޭނާ ޑރ. ލަތީފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ސިވިލް ސާވިސްގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި އެ ގާނޫނު ތަސްދީގުކުރާތާ ހަ މަސްތެރޭގައި ކޮމިޝަންގެ މެމްބަރުން އައްޔަންކުރައްވައި ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރަންޖެހެ އެވެ. އެ މުއްދަތު އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެ ދުވަހުގެ ކުރިން ބޭއްވުމަށް އަދި ހަމަޖައްސަވާފައި ނެތުމުން ގާނޫނުގައިވާ ގޮތުގެ މަތިން ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރެއްވޭނެ ކަމާމެދު ވަނީ ސުވާލުއުފެދިފަ އެވެ.
މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު ބުރާސްފަތި ދުވަހު ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސަވާފައިވަނީ އަންނަ އަންގާރަ ދުވަހު ކަމަށާއި އޭގެ ކުރިން ޖަލްސާއެއް ބޭއްވެން ނެތީ ހާއްސަ މަޖިލީހުގެ ޖަލްސާތައް ތާވަލްކޮށްފައި އޮތުމުން ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ޖަލްސާގެ އިންޓަވަލު ފަހުގައި ހާޒިރުވެވަޑައިގެންނެވި މެމްބަރުން:
.1 ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު މަޒީނާ ޖަމީލް
.2 މާލޭ މެމްބަރު އިބްރާހީމް އިސްމާއީލް
.3 މާލޭ މެމްބަރު މުހައްމަދު ޝިހާބު
.4 ހއ. މެމްބަރު އިބްރާހީމް މަނިކު
.5 ށ. މެމްބަރު އިބްރާހީމް ވަހީދު
.6 ނ. މެމްބަރު އަބްދުﷲ ޔާމީން
.7 ރ. މެމްބަރު އަލީ ވަހީދު
.8 ރ. މެމްބަރު އިބްރާހީމް ޝަހީދު ޒަކީ
.9 ޅ. މެމްބަރު އަހްމަދު މުހައްމަދު
.10 ޅ. މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު
.11 ކ. މެމްބަރު އިސްމާއީލް އަބްދު ހަމީދު
.12 ކ. މެމްބަރު މާރިޔާ އަހްމަދު ދީދީ
.13 އދ. މެމްބަރު އަބްދުލް މުހްސިން އަބްދުﷲ
.14 މ. މެމްބަރު އަހްމަދު ނާޒިމު
.15 ފ. މެމްބަރު އަހްމަދު ހަމްޒާ
.16 ދ. މެމްބަރު އަހްމަދު ނާޝިދު
.17 ތ. މެމްބަރު ހަސަން އަފީފު
.18 ތ. މެމްބަރު މުހައްމަދު ޝަރީފު
.19 ލ. މެމްބަރު މޫސާ މަނިކު
.20 ގއ. މެމްބަރު އަބްދުﷲ ޖާބިރު
.21 ގއ. މެމްބަރު މުހައްމަދު ސަލީމް
.22 ފުވައްމަލަކު މެމްބަރު މުހައްމަދު އިބްރާހީމް ދީދީ
.23 ސ. މެމްބަރު މުހައްމަދު އަސްލަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ