ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުން ފުލުހުންނަށް އޮތީ އުއްމީދީ ކުރިމަގެއް: ރައީސް ނަޝީދު

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީގުކުރެއްވުމުން ފުލުހުންނަށް އޮތީ އުއްމީދީ ކުރިމަގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު ރައީސް ރައީސް ތަސްދީގުކުރެއްވި ބިލުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ޚިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ޚިދުމަތާގުޅޭ އެނޫންވެސް ކަންކަން ބަޔާންކޮށްފައިވެއެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރީ ފުލުހުންގެ މުއައްސަސާ މިހާރަށް ވުރެން ހަރުދަނާކޮށް އިސްލާހީ ބަދަލުތަކެއް ގެންނައުމުގެ މަގުސަދުގައެވެ.
ފުލުހުންގެ ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން ރައީސް ޞާލިޙަށް މަރުހަބާ ދަންނަވަމުން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ފުލުހުންގެ ބިލުގެ އިސްލާހުތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެތައް ބަޔަކާއި، އެ މުއްސަސާ އާއި އަދި ދިވެހި ރައްޔިތުން ނުހަނު އެދި ތިބި އިސްލާހުތަކެއް ކަމަށެވެ.
މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ޤާނޫނުއަސާސީ އާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހުތިރާމުކުރުމާއެކު، ޤާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި، އަމަންއާންމާއި، ދާޚިލީ ސަލާމަތާއި، ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ޤާނޫނީ ބާރާއި އިޚުތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.
ހަމައެހެންމެ، ރައްޔިތުންނާ ގުޅިގެން ޚިދުމަތްދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމާއި، ފުލުހުންގެ ޚިދުމަތުގެ އަމާޒާއި، މަގުސަދާއި، މަސްއޫލިއްޔަތާއި، ޚިދުމަތާއި، ބާރާއި އިޚުތިޔާރުތައް ޤާނޫނުއަސާސީ އާއި އިންސާނީ ހައްގުގެ ހަމަތަކުގެ ތެރެއިން އެކަށައަޅައި ބަޔާންކުރުމާއި، ދިވެހި ފުލުހުންގެ ޚިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުން މިބިލުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އެ ބިލު ފާސްކޮށްފައި ވަނީ ލާއިންސާނީ އަނިޔާވެރި އަމަލުތަކާއި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ނުވަތަ އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާތަކާއި ކޮމިޝަންތަކަށް ހުށަހަޅާފައިވާ ފުލުހުންނާ މެދު ޤާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަން ޖެހޭ ގޮތަށެވެ. މި ފިޔަވަޅު އަޅަން ޕޮލިސް ކޮމިޝަނަރަށް ލަފާ ދޭނީ، މި ޤާނޫނަށް އަމަލުކުރަން ފަށާތާ ދެ ހަފުތާ ތެރޭގައި އެކުލަވާލަން ޖެހޭ ފުލުހުންގެ ބޯޑުންނެވެ.
މި ބިލަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ މުވައްސަސާގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ރައްޔިތުން ގަބޫލުކުރި ނަމަވެސް ފުލުހުންގެ މުއައްސަސާއަށް މިއަދުގެ ސަރުކާރު އައުމާއި އެކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިގެންދާ މަންޒަރު ދަނީ ފެންނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ