ޝުއައިބުގެ ރައްދު ނަޝީދަށް: ރައީސް ޔާމީން ޖަލަށްލީ ދުވަހު ރައީސް ނަޝީދު ޕާޓީ ބާއްވައި އުފާފާޅުކުރި

ދައުލަތުން ކުރި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރި ދުވަހު ކުރީގެ ރައީސް އަދި އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕާޓީ ބާއްވައި އުފާފާޅުކުރެއްވި ކަމަށް އޭރު އެމަނިކުފާނާ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅުވެއްޖެއެވެ.
ޝުއައުބު މިހެން ވިދާޅުވީ، ރައީސް ޔާމީން ޖަލަށްލުމުން ކީރިތި ކުރެއްވުނު ކަމަށާއި އެމަނިކުފާނު ޖަލުގައި ހުންނަވަން އެދިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު އިއްޔެ ވިދާޅުމާ ގުޅިގެން މިއަދު އެމަނިކުފާނަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
އެމްޑީޕީ އުފެއްދުމުގެ މަސައްކަތުން ފެށިގެން ވަރަށް ފަހަކާ ޖެހެންދެން ރައީސް ނަޝީދުގެ އެންމެ އަރިސް އެކަކުގެ ގޮތުގައި ހުންނެވި ޝުއައިބު ވަނީ ރައީސް ނަޝީދާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުގެ މަގާމުންނާއި އެ ކޮމިޓީގެ މެންބަރުކަމުން ވެސް ވަކިކޮށްފައެވެ. ޝުއައިބު ވިދާޅުވީ އެ މަގާމުން އޭނާ ވަކިކުރީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި އޭނާގެ މައްޗަށް ކުރި ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ފުރުސަތު ނުދީ ކަމަށެވެ.
ރައީސް ޔާމީން ޖަލަށްލުމުން ކީރިތި ކުރެއްވުނުކަމަށް ރައީސް ނަޝީދު ވިދާޅުވި މައްސަލައަށް ރައްދު ދެއްވައި ޝުއައިބު ކުރެއްވި ޓުވީޓުގައި ވަނީ އިތުރުފުޅު ނެހެއްދެވުމަށް ރައީސް ނަޝީދުގެ ކިބައިން އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދަށް އޭނާ ވިދާޅުވީ، ގާތް އިހުލާސްތެރިންނަށް މަކަރާއި ހީލަތް ހެދޭނީވެސް ވަކި ވަރަކަށް ކަމަށެވެ.
"ދޮގު ނުހަދާ. ގާތް އިހުލާސްތެރި މީހުންނަށް މަކަރާއި ހީލަތް ހެދޭނީ ވެސް ވަކި ވަރަކަށް،" ޝުއައިބު ވިދާޅުވިއެވެ.
އެމްޑީޕީ އޮފީހުގައި އިއްޔެ ބޭއްވި ނިއުސްކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސުން ޖަލަށްލުމަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އެ ސަގާފަތް އެމަނިކުފާނުގެ ވެރިިކަމުގައި ދަމަހައްޓަވާފައިވާނެ ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލުމަށް ފަހު އެކަމާ އުފާފާޅުކޮށް ހެދި ކަމަށާއި އެކަމަކު ޔާމީން ޖަލަށްލި ދުވަހު އެމަނިކުފާނަށް ކީރިތި ކުރެއްވުނު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"އެއީކީ ކޮންމެހެން އަޅުގަނޑު އުފާފާޅުކުރަމުން، ހަވާ އަރުވަމުން ދުވާ ކަމެއް ނޫން. ތި ބޭފުޅުންނަށް ފާހަގަ ކުރެވިފައި އޮވެދާނެ އަޅުގަނޑު ޖަލަށްލާފައި ހަވާ އެރުއްވުމާއި ލަނގިރި ޖެހުމާއި ލަވަ ކިޔުމާއި މާ ބެހުމާއި މި ހުރިހާ ކަމެއް ވެސް ކުރި. އެހެންނަމަވެސް ރައީސް ޔާމީން ޖަލަށްލީ ދުވަހު އަޅުގަނޑު ވީ ދެރަ. އަޅުގަނޑަށް ރޮވުނު. އަޅުގަނޑު އެދޭ ގޮތެއް ނޫން އެއީކީ." ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ