ކޯވިޑް-19 : ދެއްވަދޫ ކްލަސްޓަރއާ ގުޅިގެން މިހާތަނަށް 69 މީހުން ޕޮޒިޓިވް

ގއ.ދެއްވަދޫން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވެ އުފެދިފައިވާ ކްލަސްޓަރއާ ގުޅިގެން މިހާތަނަށް 69 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެވެއެވެ.
އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ މިހާތަނަށް ގއ.ދެއްވަދޫއިން 55 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެއަތޮޅު ވިލިނގިލިން 2 މީހާކާއި ދާންދޫއިން 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި ލ.ފުނަދޫއިން 4 މީހަކާއި ހުޅުމާލެއިން 2 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ނަޒްލާ ވިދާޅުވިއެވެ.
ދެއްވަދޫގައި ކޯވިޑް-19 އުޅޭކަން އެންމެ ފުރަތަމަ ފާހަގަވީ މިދިޔަ މަހު 24ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ޕޮޒިޓިވްވެގެން ރެންޑޮމް ސާމްޕަލް ނެގުމުން އިތުރު ކޭސްތަކެއް ފެނުމުންނެވެ.
ގއ.އަތޮޅުގައި މިހާރު ކޯވިޑް-19ގެ ނުރައްކާ ކުރިމަތިވެފައިވުމާއެކު އެއަތޮޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ އަޅާފައެވެ. އެގޮތުން މިދަނޑިވަޅުގައި މޮނީޓަރިންގެ ޙާލަތުގައިވާ ރަށްރަށުގައި ފިހާރަތަަކަށް ދިޔުމުގެ ބަދަލުގައި ޑެލިވަރީގެ ޚިދުމަތް ފެށުމާ އެޚިދުމަތް ހޯދުމަށް އެޗްއީއޯސީން ބާރުއަޅުއްވައެވެ. އަދި އަތޮޅުތެރޭގައި ދަތުރުފަތުރު ޢާއްމުގޮތެއްގައި ހުއްޓުމަކަށް ގެނެވިފައިވީނަމަވެސް ޢާއްމުންނަށް ލުއިތަކެއް ދިނުމުގެ ގޮތުން ބައެއް ފިޔަވަޅުތައްވަނީ ލުއިވެސް ކޮށްފައެވެ.
އެގޮތުން ސިއްޙީ ޚިދުމަތް ހޯދުމަށް އަތޮޅު ހޮސްޕިޓަލަށް ދިޔުމުގައި ހަމައެކަނި އެރަށެއްގެ ކައުންސިލްގެ ހުއްދައާއެކު ދެވޭނެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ. އަދި މިވަގުތު ރައްކާތެރިކަމުގެ ގޮތުން ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަށާއި އެކަކު އަނެކަކާއި ގައިދުރުކަން އިސްކޮށް ކޮންމެހެންވެސް މާސްކު އެޅުމަށް އެންމެފައި ފަރުދުންނަށް ވަނީ އަންގަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ