އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑްވެކްސިން ދިނީ ތަންތަން ސާފުކުރާ މަސައްކަތުމީހަކަށް

އިންޑިއާގައި ކޮވިޑްވެކްސިން މިއަދު ދޭން ފެށިއިރު، ވެކްސިންގެ އެންމެ ފުރަތަމަ ޑޯޒް ދީފައިވަނީ ތަންތަން ސާފުކުރާ މަސައްކަތު މީހަކަށެވެ.
މަނީޝް ކުމާރު ނަމަކަށްކިޔާ މިމީހާއަށް ވެކްސިން ދީފައިވަނީ ވެރިރަށް ނިއުދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގައެވެ.
މަނީޝް ކުމާރަކީ ކޮން ތަނެއްގައި މަސައްކަތްކުރާ މީހެއްކަމެއް މީޑިއާއިން ހާމައެއް ނުކުރެއެވެ.
ކޮވިޑްވެކްސިން ދޭން ފެށުމުގެކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ ސިއްހީ އެހީތެރިންނާ މުޚާތަބު ކުރައްވާ އަސަރުން ފުރިގެންވީ މެސެޖެއް ދެއްވާފައެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މޯދީ، ސިއްހީ ޚިދުމަތްތެރިންނާ ވާހަކަފުޅު ދެއްކެވިއިރު ލޯފުޅުން ކަރުނަފޮދުހިލުނު ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.
އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ ޑޮކްޓަރުންނާއި، ނަރުހުންނާއި، ފްރަންޓްލައިންގައި މަސައްކަތްކުރA މީހުންނަށެވެ.
ކޮވިޑްވެކްސިން ޖަހަން އިންޑިއާގައި ފެށިނަމަވެސް، އަމިއްލަފުޅަށް ވެކްސިން ޖެހުމާމެދު މޯދީ އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
މޯދީ ވިދާޅުވީ، ވެކްސިން ދިނުމުގައި ސިޔާސީ ބޭފުޅުންނަކީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ގޮތުގައި ނުބެލެވޭނޭ ކަމަށެވެ.
އިންޑިއާގެ އާބާދީގައި 1.4 ބިލިއަން މީހުން ހިމެނޭއިރު، އާބާދީގައި ހިމެނޭ އެންމެނަށް ވެކްސިން ދިނުން މުހިންމުކަމެއް ނޫންކަމަށް އިންޑިއާ ސަރުކާރުން ބުނެފައި ވެއެވެ.
އެހެންނަމަވެސް، އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވެކްސިން ދިނަސް، މި ކެމްޕެއިން ވެގެންދާނީ ދުނިޔޭގެ އެންމެބޮޑު ވެކްސިން ކެމްޕެއިނަށެވެ.
އިންޑިއާއިން ކަނޑައަޅާފައިވަނީ ފުރަތަމަ ފިޔަވަހީގައި 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޑޮކްޓަރުންނާއި، ނަރުހުންނާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ 30 މިލިއަން މީހުންގެ އިތުރުން، އުމުރުން 50 އަހަރުންމަތީގެ ނުވަތަ ބައްޔެއްގެ ސަބަބުން ކޮވިޑް-19 އަށް ނާޒުކު ކަމަށް ބެލެވޭ 270 މިލިއަން މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ