ހުކުމް ބަލައިނުގަނެ، ޔާމީން މިނިވަންކުރަން "ސީދާ ހަރަކާތަށް" ދާން އިދިކޮޅުން ނިންމައިފި

މަނީ ލޯންޑަރިންގްގެ ދައުވާ ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ދަމަހައްޓައި، ހައި ކޯޓުން ބުރާސްފަތި ދުވަހު ނިންމި ނިންމުން ބަލައިނުގަތުމަށާއި، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ "ސީދާ ހަރަކާތަށް ނުކުތުމަށް" އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ. ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019 ގަ އެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެ ފައިސާ ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތުވުމުންނެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލައި، އަޑުއެހުންތައް ނިންމާލީ 2020 ގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ހަތަރު މަސް ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން ދެމެހެއްޓީ މައްސަލަ ބެލި ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ ތާއީދާއެކުއެވެ. ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ކައުންސިލުން މިއަދު ހެނދުނު ބޭއްވި ކުއްލި ކައުންސިލު ބައްދަލުވުމެއްގައި، އެކޯލިޝަނުގެ ލީޑަޝިޕްގެ ފަރާތުން ހުށަހަޅާ ގަރާރު އިއްވަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހައިކޯޓުން މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ތެރެއިން ހުކުމް ދަމަހައްޓަން ތާއީދުކުރި ދެ ފަނޑިޔާރުންގެ ރައުޔަށް ބެލުމުން އެއީ އެ ދެ ފަނޑިޔާރުންގެ މިނިވަން ރައުޔެއް ނޫންކަން އެނގޭ ކަމަށެވެ. "މިހެން ދަންނަވަން ޖެހެނީ އެ ދެ ފަނޑިިޔާރުންގެ ރައުޔުގައި އިސްތިއުނާފުކުރި ފަރާތުން ފާހަގަކުރި ހުރިހާ ނުކުތާއަކަށް ރިއާޔަތްކޮށްފައި ނުވާތީއާއި އިސްލާމީ ޝަރީއަތުގައި މައްސަލަ ސާބިތުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގާނޫނުއަސާސީއާއި ގާނޫނުތަކާއި ސުޕްރީމްކޯޓާއި ހައިކޯޓުގެ ނިންމުންތަކާއި ބޭރު ގައުމުތަކުން މިފަދަ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކާއި ބައިނަލްއަގުވާމީ މުއާހަތާކަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައި ނުވާތީ،" އަބްދުއްރަހީމް އިއްވެވި ގަރާރުގައި ވެއެވެ. އޭގެ އިތުރުން މައްސަލަ ހައިކޯޓުގައި ދިގުލައިގެން ގޮސްފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނާއި ސަރުކާރުގެ ނުފޫޒު ވަދެގެން ގަބޫލުކުރާ ކަމަށާއި، ހައިކޯޓުން ހުކުމް އިއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މައްސަލަ ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުތައްވެސް ފަހަނައަޅައި ދިޔަ ފަހުން ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ. އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ކުއްލި ކައުންސިލު ބައްދަލުވުން --- ފޮޓޯ/ ޕީޕީއެމް "މި ސަބަބުތަކައް އެހެން ހުރކުމާއެކު ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިުލާފށް ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ސަރުކާރުގެ ނުފޫޒާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ކަމަށް މި ކޯލިޝަނުން ދެކޭތީ [މިއީ] ބަލައިގަންނަ ހުކުމެއް ނޫންކަމަށާއި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ސީދާ ހަރަކާތަށް ނުކުތުމަށް ކޯލިޝަނުން ނިންމައި މި ގަރާރު އެކަށައަޅަމެވެ،" އެ ގަރާރުގައި ވެއެވެ. ދޮޅު ގަޑިއިރަށް ދެމިގެންދިޔަ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ކުއްލި ކައުންސިލު ބައްދަލުވުމުގައި ގަރާރަށް ބަހުސްކުރެއްވި ހުރިހާ ބޭފުޅުންވެސް ވަނީ އެ ގަރާރަށް ތާއީދުކުރައްވައި ވާހަކަދައްކަވާފައެވެ. ތާއީދުތަކާއެކު ހައިކޯޓުގެ ފަނޑިޔާރުންނާއި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށް އެކި ކަހަލަ ތުހުމަތުތައް ކޮށްފައެވެ. އަދި ރައީސް ޔާމީން މިނިވަންކުރުމަށް މަގުމައްޗަށް ނުކުތުމާ މެދު އެކި ބޭފުޅުން ހިޔާު ފާޅުކުރެއްވިއެވެ. ޕީޕީއެމް ކޯލިޝަނުގެ ކައުންސިލް މެމްބަރު އަދި ކުރީގެ މަޖިލިސް މެމްބަރު އަސްމާ ރަޝީދު ވިދާޅުވީ 2012 ގައި ކްރިމިނަލްކޯޓުގެ އޭރުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން އޭރު އިދިކޮޅުގައި ތިބި މީހުން ކުރި މަސައްކަތްތައް ކުރަން ނުކުންނަންވެއްޖެ ކަމަށާއި، އެންމެން އެއްބާރުލައި ނުކުމެއްޖެނަމަ ލަހެއް ނުވެ ކާމިޔާބު ލިބޭނެ ކަމަށެވެ. ކައުންސިލުގެ މެމްބަރު އިބްރާހިމް ފައިސަލް ތުހުމަތުކުރެއްވީ ރައީސް އަބްދުﷲ ޔާމީނަށް ކުރަމުންދާ ކަންކަން ކުރަނީ އިންޑިއާގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށެވެ. އަދި މާފުއްޓަށް އަރައިގެން ޔާމީން މިނިވަންކުރަން ޖެހުނަސް އެކަން ކުރާނެ ކަމަށެވެ. "އަޅުގަނޑުމެން ދިވެހި ރައްޔިތުން މާފުއްޓަށް އަރަން ޖެހިއްޖިއްޔާ އަރައިގެންވެސް ރައީސް ޔާމީން ގޮވައިގެން އަންނާނަން. އެ ހިތްވަރު އަޅުގަނޑުމެންގެ ހުންނާނެ،" އޭނާ ވިދާޅުވިއެވެ. https://sun.mv/148104 ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ހުކުމުގެ މައްސަލައަކީ މުޅި ގައުމުގެ މުސްތަގުބަލާ ގުޅިފައި އޮތް ގައުމީ މައްސަލައެކެވެ. އަދި ރައީސް ޔާމީނަށް ދެމުންދާ އަނިޔާތަކުގެ ހަގީގަތް ހާމަވެގެން ދިޔައީ ހައިކޯޓުން ހުކުމް އިއްވުމުގެ އަޑުއެހުން ލައިވްކުރުމުން ކަމަށެވެ. "ތިން ފަނޑިޔާރުންގެ ތެރެިްން ފަނޑިޔާރު ޝަހީދުގެ ރައުޔު، އެ ދެއްކެވި ވާހަކަފުޅުތަކުން ރައްޔިތުންނަށް ހާނަވެގެން ގޮސްފި ސަރުކާރުގެ ރޭވުންތައް ހުރީ ކިހިނެއްކަން. ވަކި ގޮތަކާށް ތައްޔާރުކޮށްގެން ވަކި ގޮތަކަށް ނިންމައިގެން އިއްވި ހުކުމަކީ އެއްވެސް އިންސާފެއް، ހަމައެއް ލަމައެއް ނެތް ހުކުމެއްކަން، އެމަނިކުފާނަށް ފެށުނީއްސުރެ ކުރަމުންދާ އަނިޔާއަކީ ސަރުކާރުން ހިންގަމުންދާ ކަންކަން ކުރުމަށްޓަކައި ކުރަމުންދާ އަނިޔާއެއް ކަމަށް ހާމަވެގެންދޭ. މިއީ ދެން އިތުރަށް ބަލައިގަނެގެން މަޑުން ތިބެން ހެޔޮނުވާ ވަރުގެ ކަމެއް،" މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމެއް މިހާރު ނެތްކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާގެ އެތައް ހާސް ސިފައިންނެއް އެބަ ތިބި ކަމަށެވެ. "މިއީކީ އެއްގޮތަކަށްވެސް ބަލައިގެން ތިބެންޖެހިގެންވާނެ ކަމެއް ނޫން. ގައުމާ މެދު ލޯބިވާނަމަ މިހަރު އެބަ ޖެހޭ ފުދިއްޖެއޭ ބުނެ ހުރިހާ ރައްޔިތުން ނުކުންނަން. ރައީސް ޔާމީން މިނިވަންކުރުމަކީ މިހާރު ގައުމީ ވާޖިބެއް،" މުއިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ