ހަދަމުންދިޔަ ރިސޯޓަކުން ވަގަށް ނެގި އޭސީތަކެއް ގެއެއްގައި ހަރުކޮށްފައި ހުއްޓާ ހޯދައިފި

ރ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކޮއްޓަފަރު ރިސޯޓުން ވަގަށް ނެގި އޭސީތަކެއްގެ ތެރެއިން ބައެއް އޭސީ ރ. މަޑުއްވަރީ ދެ ގެއެއްގައި އަޅުވާފައި ހުއްޓާ ފުލުހުން ހޯދައިފިއެވެ.
ފުލުހުން އިއްޔެ ބުނީ، ކޮއްޓަފަރު ރިސޯޓުން ހަތަރު އޭސީ ވަގަށް ނަގާފައިވާ މައްސަލައެއް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި ވަގަށް ނެގި ހަތަރު އޭސީގެ ތެރެއިން މަޑުއްވަރީ ދެ އެއްގައި ދެ އޭސީ ހަރުކޮށްފައިވާ ކަމަށް އަދި އަނެއް ދެ އޭސީ އެހެން ދެ އެއްގައި ބަހައްޓާފައި ހުރިކަމުގެ އިންޓެލިޖެންސް މައުލޫމާތެއް ލިބުނު ކަމަށެވެ.
އެ މައުލޫމާތާ ގުޅިގެން މަޑުއްވަރީ ފުލުހުންނާއި މީދޫ ފުލުހުން އަދި އިންޓެލިޖެންސް ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެ ހަތަރު ގެ ބަލައިފާސްކޮށް، ހަތަރު އޭސީ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އިއްޔެ ހަވީރު ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއް އަދި 27 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ