ޑެންގީ ޖެހިގެން ތިނަދޫގައި ބިދޭސީއަކު މަރުވެއްޖެ

ޑެންގީ ހުން ޖެހިގެން ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދިޔަ ބިދޭސީއަކު މިއަދު މަރުވެއްޖެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން ބުނީ މަރުވެފައި ވަނީ ޓޫރިސްޓު ރިސޯޓެއް ގޮތުގައި ތަރައްގީ ކުރަމުން އަންނަ ގދ. ކޮނޮންޓާއިން މިއަދު ހެނދުނު ގެނައި އިންޑިއާގެ 37 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހާ އަށް ޖެހިފައި ވަނީ ޑެންގީގެ އެންމެ ނުރައްކާތެރި ވައްތަރު ކަމަށްވާ ޑެންގީ ހެމަރަޖިކް ފީވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
"އޭނާ އަށް ހޮސްޕިޓަލުން ފަރުވާ ދޭން ފެށިތާ ތިން ގަޑިއިރު ވެސް ނުވަނީސް މަރުވެފައި ވަނީ ޑެންގީ ޝޮކް ސިންޑްރޯމްގަ،" ތިނަދޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އާމިނަތު އަބްދުލް ހަކީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮނޮންޓާއިން ގެނައި އިތުރު ފަސް ބިދޭސީއަކު ވެސް ޑެންގީ އަށް ޕޮސިޓިވް ވެގެން ފަރުވާދެމުން ގެންދާ ކަމަށެވެ. އަދި މިއަދު ތިނަދޫން ޓީމެއް ކޮނޮންޓާ އަށް ގޮސް، މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތައި ސްޕްރޭ ކޮށްފައިވާ ކަމަށާއި މިހާރު އެ ރަށް ކަރަންޓިނުކޮށްފައިވާ ކަމަށް އާމިނަތު ވިދާޅުވި އެވެ.
ޑެންގީ ޖެހިގެން އަނެއްކާވެސް މީހަކު މަރުވެފައި މި ވަނީ އެ ބަލި ކޮންޓްރޯލްވެއްޖެ ކަމަށް ނިންމައި، ޑެންޑީއާ ދެކޮޅަށް މަސައްކަތްކުރުމަށް އުފެއްދި ޓާސްކްފޯސްގެ މަސައްކަތް ހުއްޓާލާފައި ވަނިކޮށެވެ.
މި އަހަރުގެ މިހާތަނަށް 1،900 މީހުންނަށް ޑެންގީ ޖެހިގެން ރެކޯޑްކޮށްފައިވާ އިރު މި ބަލީގައި ނުވަ މީހަކު މީގެ ކުރިން ވަނީ މަރުވެފަ އެވެ. މިއީ 2006 ވަނަ އަހަރަށް ފަހު ޑެންގީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި އެއް އަހަރެވެ. އެ އަހަރު ވެސް ޑެންގީގެ 2،788 ކޭސް ރެކޯޑުކުރެވި 10 މީހަކު މަރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ