ފުލުހުންގެ ކޮއްތު ފައިސާ ކަނޑާލައި ފުލުހުންގެ މަރުކަޒުތަކުން ކާންދޭން ހަމަޖައްސައިފި

ކޮއްތު ފައިސާގެ ގޮތުގައި ފުލުހުންނަށް ކޮންމެ މަހަކު ދެމުން އައި 2،000ރ. ކަނޑާލައި ފުލުހުންގެ މަރުކަޒުތަކުން ފުލުހުންނަށް ކާންދިނުމުގެ އިންތިޒާމު ހަމަޖައްސައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މި މަހުން ފެށިގެން މުސާރަ އިން ކޮއްތު ފައިސާ އުނިކޮށް، ކުރިއެކޭ ވެސް އެއްގޮތަށް ފުލުހުންގެ މަރުކަޒުތަކުން ކެއުމުގެ ކަންތައް ހަމަޖެހޭނެ ކަމަށެވެ. ކުރިން އޮތް އުސޫލަށް ކެއުމުގެ ކަންތައް ބަދަލުކޮށްފައި ވަނީ، އަތަށް ފައިސާ ދީގެން ދަތިތަކެއް ކުރިމަތިވަމުން އަންނާތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ކޮއްތު ފައިސާ ފުލުހުންނަށް ދިން މުއްދަތުގައި ފާހަގަވެގެން ދިޔައީ، ފުލުހުންނަށް އަދި މުޅި އޮގަނައިޒޭޝަނަށް ވެސް އެންމެ ރަނގަޅީ [އަތަށް ފައިސާ ދިނުމުގެ ބަދަލުގައި] ކުރިން އޮތް ގޮތަށް މެސްގައި ކާން ބެހެއްޓުން ކަމަށް ވާތީ، އެ ގޮތަށް ބަދަލުކުރީ،" އޭނާ ވިދާޅުވި އެވެ.
އެ ގޮތުން ފުލުހުންގެ މައި މަރުކަޒުގެ ކެއުމުގެ ކަންތައް ބިޑް އުސޫލުން މަތުއަމް ބުރުހާނާ ހަވާލުކޮށް، އިސްކަންދަރު ކޮށީގައި ކެއުމުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައި ވަނީ ސައުތު ތައުފީގުގެ ދަރިއެއް ކަމަށްވާ ހަސަން ފަޔާޒު ހިންގަވާ މާރުކޭޓު ހޮޓަލާ އެވެ. މާލޭގެ އިތުރުން ރަށްރަށުގައި ތިބޭ ފުލުހުންނަށް ވެސް ކެއުމުގެ ކަންތައް ހަމަޖައްސާފައިވަނީ އެ މަރުކަޒުތަކުން ކާން ލިބޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ