ޔާމީން ރަޝީދު މަރުގެ މައްސަލާގައި ދެ ފުލުހެއްގެ ހެކިބަސް ނަގައިފި

އަނިޔާވެރިގޮތަށް ގޮތަކަށް މަރާލާފައިވާ ސޯސަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ މީހުންގެ ތެރެއިން ދެ ފުލުހެއްގެ ހެކިބަސް ނަގައިފި އެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހެކި ބަސްނަގާފައިވަނީ ޔާމީން ރަޝީދަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ތަނުން އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ދެ ފުލުހުންގެ ހެކިބަހެވެ.
ހެކިބަސްދިން ފުލުހުން ބުނީ، ޔާމީން ރަޝީދަށް ހަމަލާދީ މަރާލި ރޭ އެދެ ފުލުހުން ތިބީ ޑިއުޓީގައި ކަމަށާއި ފުލުހުންގެ ވެހިކަލްގައި އެ ދެމީހުން ޔާމީން ރަޝީދަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ މ. ސްޕެޓިއުލާ ގެއަށް ދިޔައީ ދަންވަރު 2:55 ހާއިރު ކަމަށެވެ. އޭރު އިތުރު ފުލުހުންވެސް އެސަރަހައްދުގައި އުޅުނު ކަމަށް އެދެ މީހުން ބުނެއެވެ.
އެ ތަނަށް ދިޔައިރު މ. ސްޕެޓިއުލާގެ ސިޑިގޮޅި އޮތީ ނިއްވާލާފައި އަދިރިކޮށް ކަމަށާއި އެތެރެއަށް ވަނީ ފޯނުގެ ބައްތި ދިއްލައިގެން ކަމަށް ވެސް ވަނީ ހެކިބަސް ދިން ދެ ފުލުހުން ބުނެފައި ވެއެވެ. އަދި ޔާމީން ރަޝީދަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ދީފައިވާތީ، އަވަހަށް ފުލުހުންގެ ވެހިކަލް ހޮސްޕިޓަލަށް ގެންދިޔައީ ކަމަށާއި އޭރު އެއްވެސް ހަރަކާތެއް ނެތް ކަމަށް އެދެ ފުލުހުން ބުނެފައި ވެއެވެ.
ހަށިގަނޑުގެ އެކިތަންތަނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ދީފައިވާއިރު ޔާމީން ރަޝީދު މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގަ އެވެ.
ރަހުމް ކުޑަ ގޮތަކަށް ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރު އެޕްރީލް މަހު 23 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެ މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން ވަނީ އުފުލާފަ އެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވަނީ، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުން ގިނަ އަދަދެއްގެ ހެއްކާއި ގަރީނާ ޝަރީއަތަށް ހުށަހަޅާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ