ފަތުރުވެރިޔަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި

ކ.އަތޮޅު ގުރައިދޫ އާއި އެއް ފަޅެއްގައި އޮންނަ ފަޅުރަށެއް ކަމަށްވާ ލޮސްފުށީގެ ފުއްޓަރު ފަރާތައް އެކަނި މޫދަށް އެރި އުޅެނިކޮށް 28 އަހަރުގެ ޗައިނާ ފިރިހެނަކު އޮޔާ ދަނިކޮށް ސަލާމަތް ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އޭނާ ސަލާމަތް ކުރީ ކަނޑޫމާ ރިސޯޓްގެ ޑައިވިން ދޯންޏަކުން ކަމަށެވެ.
"މި މީހާ ޑައިވިން ދޯންޏަށް ނަގައިގެން ކަނޑޫމާ ރިސޯޓަށް ގެންގޮސްފައިވޭ، ޑައިވިން ދޯންޏަށް ފަތުރުވެރިޔާ ނަގަން އުޅުމުން އެކަމާ އޭނާ ދެކޮޅު ހަދާފައިވޭ. ނަމަވެސް ޑައިވިން ދޯނިން އޭނާ އެގޮތައް ދޫކޮށްލާފައި ނުދާނެކަމަށް ބުނުމުން ދޯންޏަށް އަރާފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އޭނާ މޫދުގައި އޮތީ ލައިފް ޖެކެޓް އަޅައިގެން ކަމަށާއި އޭނާ ދޯންޏަށް އެރިއިރު ނޭވާ ކުރުވެ، ވަރުބަލިވެފައި ހުރިކަމަށެވެ.
މި މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ކަނޑޫމާ ރިސޯޓަށް ގޮސް ފަތުރުވެރިޔާ އާއި އަދި އޭނާ ގުރައިދޫ ގައި ހުންނަ ގެސްޓްހައުސްގެ މެނޭޖްމަންޓާއި ވާހަކަދެއްކި ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ ފަތުރުވެރިޔާ އަށް މިހާދިސާގައި އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
މިއަހަރު މިހާތަނަށް ފަތުރުވެރިން މަރުވުމުގެ ވަރަށް ގިނަ ހާދިސާތައް ހިނގާފައިވެއެވެ. ގިނައިން ފަތުރުވެރިން މަރުވެފައި ވަނީ މޫދަށް އެރި އުޅުމުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ