ޖޭއެސްސީއަށް ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ބާއްވަންޖެހޭ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު ޖުލައި 27 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ، އެއިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް އިންތިޚާބު ބާއްވަނީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ފާސްކޮށް، ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ކުރިން އިންނެވި ޤާނޫނީ ވަކީލް ލަތީފާ ގާސިމްގެ މަގާމު ގެއްލުވާލުމުންނެވެ. ލަތީފާ ގާސިމް އަކީ އެމްޑީޕީގެ ފިކުރާއި ދެކޮޅަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގައި މަސައްކަތް ކުރެއްވި ޤާނޫނީ ވަކީލެކެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ޖުލައި 23 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މި އިންތިޚާބުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ޝަރުޠުތައް ފުރިހަމަ ވާންޖެހޭނެއެވެ. އެއީ މުސްލިމަކު ކަމުގައިވުން، ދިވެހި ރައްޔިތަކު ކަމުގައިވުން، އުމުރުން 25 އަހަރު ވެފައިވުން، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާޏޫނެއްގެ ދަށުން އިންތިޙާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން، ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހެއް ކަމުގައި ނުވުން؛ އަދި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުމެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، ޖުލައި 27 ވާ ހޮނިހިރު ދުވަހު އެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އިންތިޚާބުގެ ކަންތައް ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ މަރުކަޒު (ބައު ޖަމާލުއްދީން، ނިކަގަސްމަގު، މާލެ) އިން ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ