އަދުރޭ ރައީސަށް - ރައްޔިތުން ކެކި އަރާއިރު ހަނު ހުރުން ނޫން ގޮތް ނެތީ ތޯ

ރައްޔިތުން ކެކިއަރާއިރުވެސް ހަނު ހުންނެވުން ގޮތެއް ނެތްތޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއަށް އިދިކޮޅު ޕީއެންސީގެ ރައީސް ސުވާލުތަކެއް އަމާޒު ކުރައްވައިފިއެވެ.
ރައީސް ޞާލިހުއަށް އަމާޒު ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ 1988 ވަނަ އަހަރު ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ދިވެހިންގެ ކުށެއްނެތް 19 ދިވެހިން ޝަހީދު ކޮށްލި މުޅި ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި އުދުވާނުގެ އެންމެ އިސް ލީޑަރު ހިމާޔަތް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް މުހިންމުވެގެން މިއުޅެނީ ކީއްވެ ކަން ހަމަ ކޮންމެ ދިވެސަކަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.
އަދުރޭ މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މިކަން މިހެން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމީ މަސްލަހަތަށް ވުރެން އާއިލީ މަސްލަހަތު އިސްކުރުން މަޖުބޫރު ވުމާއި ރައްޔިތުން ކެކި އަރާއިރުވެސް ހަނު ހުރުން ނޫން ގޮތް ނެތީމަ ކަމަށެވެ.
"ސުވާލަކީ މިފަދަ މީހަކަށް ރައްޔިތުންނަށް އިންސާފު ހޯދައި ދެވިދާނެ ހެއްޔެވެ, ގައުމަށް ވަފާތެރިވެވޭނީ ކިހާވަރަކަށް ތޯއެވެ, ގާނޫން ތަންފީޒު ކުރާނީ ކިހާ މިންވަރަކަށް ތޯއެވެ." އަދުރޭ ސުވާލު ކުރެއްވިއެވެ.
ތިނެއް ނޮވެންބަރުގައި ޝަހީދުވެގެން ދިޔައީ ދިވެހި ދަރީން ކަމަށާއި އެދަރީންގެ ވެސް އަނބި އަދިރިންނާއި އާއިލާ އަދި ހައްގުތަކެއް އޮންނާނެ ކަމަަށާއި އިންސާފު ވެސް ބޭނުން ވާނެ ކަމަށް ވިދާޅުވެ އަދުރޭ ވިދާޅުވީ މިހާރު މައްސަކަތް ކުރަމުންދަނީ ލުތުފީ އަކީ ކުށެއް ނެތް މީހަކަށް ހަދަން އާވަހަތަކެއް ހެދުމަށް ކަމަށެވެ.
"އެހެން އެކަން ވެއްޖެ ނަމަ ކުށްވެރިވާނީ އެދުވަހު މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމުގެ ހައްގުގައި ޝަހީދުވި އަބްތާލުން ބާ؟ ނޫނީ އެދުވަހު ގައުމު ދިފާއު ކުރި ފަހުރުވެރި ސިފައިން ބާ؟ "އަދުރޭ ސުވާލު އުފެއްދެވިއެވެ.
އަދުރޭ ނިންމާލަމުން ވިދާޅުވީ ގައުމު މިދަނީ ނުބައި ދިމާލަކަށް ކަމަށާއި ހިތާމައިގެ ކޮޅެއްވެސް ނެތް ކަމަށެވެ.
ނޮވެމްބަރ 03 ގެ އުދުވާނީ ހަމަލާ ދިނުމުގައި ބައިވެރިވި ދިވެހިންގެ ތެރެއިން ބައެއް މީހުންނަކީ އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނެވެ. އޭގެތެރެއިން ބައެއް މީހުން ވަނީ 2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުމުން ސަރުކާރުގެ އިސް މަގާމުތައް ވެސް ފުރާފައެވެ.
ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ލުތުފީ ދިޔައީ މެއި މަހުގެ 01 ވަނަ ދުވަހު އެވެ. ނަމަވެސް އޭނާ އެމްބަސީގައި ހުރިކަން ސަރުކާރުން އިއުލާން ކުރީ މިމަހުގެ 24 ވަނަ ދުވަހު އެވެ. ލުތުފީ ރާއްޖެ ގެންނާނެ ދުވަހެއް އަދިވެސް ސަރުކާރުން ނުބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ