ރައީސް ޔާމީން ރަނގަޅަށް މަނީ ލޯންޑަރިންގެ ކުށް ކުރެއްވި: ރައީސް ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ރަނގަޅަށް މަނީ ލޯންޑަރިންގެ ކުށް ކުރެއްވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"އެޖެންޑާ 19 – ކެމްޕޭން ނިންމާ ޖަލްސާ"ގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޗައިނާއާ އެކީގައި ފްރީ ޓްރޭޑް އެގްރީމަންޓް ހައްދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށާއި ހޭލާ ހުންނަވައިގެން މަޖިލީހަށް ހުށަހަޅުއްވައި، އެ ގާނޫނު ފާސްކުރައްވައިގެން ނެރުއްވި ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ މަޝްހޫރުވެގެންދިޔައީ ވައްކަންކުރާ ގައުމެއްގެ ގޮތުގައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"ދެން ހެއްދެވި ގޮތަކީ ކަޅު ފައިސާ ބޭރުގެ އެކިއެކި ނާޖާއިޒު ފަރާތްތަކުން ރާއްޖެ ގެންނަވައި، ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް، އެ ފައިސާ ދައުރުކުރީ. މަނީ ލޯންޑަރިންގެ ކުށް ރަނގަޅަށް ކުރެއްވި. ދުނިޔޭގެ އެކިއެކި ޓީވީތަކުން އެމަނިކުފާނުގެ ފިލްމުތައް ދައްކާން ފެށީ. ސްޓީލިން ޕެރަޑައިސްގެ ނަމުގައި މުޅި އަލްޖަޒީރާ އާއި ބީބީސީ ފުރިގެން ދިޔައީ މި ބޭފުޅާގެ ވައްކަމުގެ މަންޒަރުތަކުން. ދިވެހިރާއްޖެ މަޝްހޫރުވެގެންދިޔައީ ވައްކަން ކުރާ ގައުމެއްގެ ގޮތުގައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފާޅާއި ސިއްރުގައި ކަނޑައެޅިގެން ވައްކަންކުރަމުން ގެންދިޔައީމާ، ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމެއް ނުހިފެހެއްޓޭނެ ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި ފައިސާ ގޯނިގޯނީގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި ދައްކަވަމުން ވެސް ގެންދެވި ކަމަށެވެ. އަދި އެ އެންމެހާ ކަންކަމުން ގެއްލިގެންދިޔައީ ރާއްޖޭގެ އިސްތިގުލާލާއި ދިވެހީންގެ އަމިއްލަވަންތަކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ