ހައްޖަށް ދާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރުރަން ފަށަނީ

ހައްޖުގެ އަޅުކަމަށް ދާން ބޭނުންވާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރުމާއި ގުޅޭ އެއްބަސްވުމެއްގައި، ހައްޖު ކޯޕަރޭޝަނާއި ޕެންޝަން އޮފީހާ ދެމެދު ސޮއި ކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު ސޮއި ކުރި އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން މެނޭޖިން ޑިރެކްޓާ އިސްމާއިލް ހަމީދު ސޮއި ކުރެއްވި އިރު، ޕެންޝަން އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ މުހައްމަދު ހުސައިން މަނިކެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ، އެ އެއްބަސްވުމުގެ މަގުސަދަކީ ހައްޖުވުމަށް ރިޓަޔާމަންޓް ޕެންޝަން ސްކީމުން ފައިސާ ދައްކަން އެދޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން، ރިޓަޔާމަންޓް ޕެންޝަން ސްކީމުގެ ބައިވެރިން ހައްޖަށް ދިއުމަށް ފައިސާ ދޫކޮށްދިނުމަށް އެދި ފޯމް ހުށަހަޅަން ޖެހޭނީ ހައްޖު ކޯޕަރޭޝަނަށެވެ. ފޯމް ހުށަހެޅުމުން ޕެންޝަން އޮފީހުން ކަނޑައަޅުއްވާފައިވާ އުސޫލާއި އެއްގޮތަށް ހައްޖަށް ދާން ބޭނުންވާ މީހުންނަށް ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް، އެފަރާތެއްގެ ހައްޖު ދަތުރުގެ އަގުގެ ބައެއް ދެއްކުމަށް އެފައިސާ ބޭނުން ކުރެވޭނެ އިންތިޒާމް ޕެންޝަން އޮފީހާއި ގުޅިގެން އެ ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ ކަމަށް ބުނެ އެވެ.
"ގޮތުން ފަރުޟު ޙައްޖު އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާކަން ކަނޑައަޅާ، އެފައިސާ މި ކޯޕަރެޝަނަށް ދޫކުރާނީ ޕެންޝަން އޮފީހުން. ހައްޖަށް ދިއުމަށް މި ކޯޕަރޭޝަނަށް ފައިސާ ދައްކަވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް، ހައްޖުގެ އަގުގެ 50 ޕަސެންޓް ފައިސާ މި ކޯޕަރޭޝަނަށް ދެއްކެވުމުން، އެފަރާތަކަށް ހައްޖަށް ދިއުމުގެ ޖާގަ ކަށަވަރުކޮށްދީ ސްލޮޓް ލިސްޓުން ޖާގަ ދިނުމުގެ އިންތިޒާމް މިކޯޕަރޭޝަނުން ހަމަޖައްސައިދޭނެ،" ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.
ހައްޖު ކޯޕަރޭޝަނަށް ކުރީބައިގައި ފައިސާ ދައްކާފައިވާފަރާތްތަކުގެ ތެރެއިން، ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާއިން ހައްޖުގެ އަގުގެ ބައެއް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްރަކަށް އެފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އެފައިސާ ޕެންޝަން އޮފީހުން ހައްޖު ކޯޕަރޭޝަނަށް ލިބުމުން އެ ފަރާތަކުން ބޭނުން ވެއްޖެނަމަ ޕެންޝަން އޮފީހުން ލިބޭ ފައިސާ ރީފަންޑް ކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
"ރިފަންޑް ކުރުމަށްް ބޭނުންނުވާނަމަ އެފަރާތުގެ ނަމުގައި މިކޯޕަރޭޝަންގައިވާ އެކައުންޓަށް އެފައިސާ ޖަމާކުރެވޭނެ. މި ހިދުމަތް ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށްފަހު، 26 ޖޫން 2019 އިން ފެށިގެން މި ކޯޕަރޭޝަނުން ފޯމްތައް ބަލައިގަންނަން ފަށާނެ ވާހަކަ ދަންނަވަން،" ހައްޖު ކޯޕަރޭޝަނުގެ ވެބްސައިޓުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ